މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓްގެ ދަށުގައިވާ ހުރިހާ ކުޅިވަރުކުޅޭ ތަންތަނާއި މަރުކަޒުތައް ބަންދުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ރާއްޖޭގެ ރިޒޯޓްތަކުން، މިހާތަނަށް 11 މީހަކު ޕޮޒިޓިވްވެފައިވާ އިރު ސަފާރީއަކުން އިތުރު ދެމީހަކު ވަނީ ޕޮސިޓިވް ވެފަ އެވެ. އެއާ އެކު ރާއްޖޭގެ ބައްޔައް ޕޮސިިޓިވްވި މީހުންގެ އަދަދު ވަނީ 13 އަށް އަރައިފަ އެވެ. އަދި މިއަދު އެކަނި ވެސް ރާއްޖެއިން ތިން މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވް ވެފަ އެވެ.
މި ބަލި މިހާތަނަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން ނުފެނެ އެވެ. އެކަމަކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
"އެޗްޕީއޭގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފްތާއަށް، މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ހުރިހާ ކުޅިވަރުކުޅޭ ތަންތަން ބަންދުކުރަން ނިންމާފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަން." މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވެ އެވެ.
ރާއްޖޭގައި މީހުން އެއްވެގެން ކުޅެވޭ ހުރިހާ ކުޅިވަރުތަކެއް ވަގުތީ ގޮތުން ހުއްޓާލުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާ އިރު ރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކެއްގެ ހަރަކާތްތައް މިހާރު އަންނަނީ ވަގުތީ ގޮތުން މެދުކަނޑާލަމުންނެވެ.