އަދީބުގެ ހަތް މައްސަލައިގެ އަޑުއެހުން މިއަދުވެސް ކެންސަލް

އޭޕްރީލް 28، 2019: ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ހަތް ދައުވާގެ އަޑުއެހުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން މިހާރު އުފުލާފައި ވަނީ ޖުމްލަ ހަތް ދައުވާ އެކެވެ. އެއީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

މިއަދު މެންދުރު 2:00 އަށް ތާވަލު ކުރި އެ އަޑުއެހުން ކެންސަލް ކުރިކަން ކޯޓުން ވަނީ ނޫސްވެރިންނަށް އަންގައިފަ އެވެ. ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ބުނި ގޮތުގައި އެ އަޑުއެހުން ކެންސަލް ކުރީ ރަސްމީ ގަޑި ނޫން ގަޑިއެއްގައި އަޑުއެހުން ކުރިއަށް ގެންދަން ޖެހޭތީ އެވެ.

އިއްޔެ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ރަސްމީ ގަޑި ނިމުމަށް ފަހު ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ނޫނީ އޮފީސްތައް ނުހުޅުވުމަށް އަންގައި ޝަރުއީ ދާއިރާގެ އޮފީސްތަކަށް ސާކިއުލާއެއް ނެރެފަ އެވެ. އެ ސާކިއުލާ ނެރުނީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރިޔަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުންނެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އަދި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އަޑުއެހުން މިދިޔަ ޖެނުއަރީ 26ގައި ކޯޓުގައި ތާވަލު ކުރިއެވެ. އެކަމަކު އެ ދުވަހު ދައުލަތުން އެދިގެން އެ އަޑުއެހުން ކެންސަލް ކުރީއެވެ.

މިހާރު ކޮށްފައިވާ ހަތް ދައުވާއާ ގުޅިގެން އަދީބު ކުށަށް އިއުތިރާފުވެ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ދައުލަތުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ އެބަސްވުމުގައި ވާގޮތުން ހަތް ދައުވާއަށް އަދީބު ކޯޓުގައި އިއުތިރާފު ވެއްޖެ ނަމަ އަންނާނީ ޖުމްލަ 20 އަހަރުގެ ޖަލު ހުކުމެކެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައިވެސް އަދީބުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް ކުރި އެެވެ. މި ސަރުކާރުގައި އެ ހުރިހާ ދައުވާތައް އަނބުރާ ފޮނުވާލައި އަލުން ދައުވާ ކުރި އެވެ.

އަދީބުގެ މައްޗަށް މީގެ ކުރިން ޓެރަރިޒަމްގެ ދެ މައްސަލައެއްގައި ދެ ހުކުމެއްވެސް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެއީ ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި އިއްވި 10 އަހަރުގެ ހުކުމަކާއި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވި 15 އަހަރުގެ ޖަލު ހުކުމެވެ. އެ ދެ ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.

އޭގެ އިތރުުން ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ކުރި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވާ ދައުލަތުން އެ މައްސަލަ އަނބުރާ ގެންދިޔައީ އެވެ.

comment ކޮމެންޓް