ކައުންސިލް އިންތިހާބު ފަސްކުރަން ހައިކޯޓަށް ހުށަހަޅައިފި

އީސީގެ މެމްބަރުން --

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު، މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

ކޮރޯނާވައިރަހުގެ ނުރައްކާ ރާއްޖެއަށްވެސް އައިސްފައިވާއިރު، އާންމު ސިއްހަތުގެ ނުރައްކާ މުޅި ރާއްޖެއަށް އިއުލާނުކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންތިހާބު އަންނަ މަހުގެ 18 ވަނަ ދުވަހަށް ފަސްކުރުމަށް އިއުލާންކޮށްފައެވެ. އެއާއެކު ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އެއީ ކެމްޕޭން ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫން ކަމަށް ބުނެފައެވެ.

މިއަދު އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވީ، އަންނަ މަހު 18 ވަނަ ދުވަހަކީ، ގާނޫނުގައި އިންތިހާބު އީސީއަށް ލަސްކުރެވެން އޮތް އެންމެ ފަހުގެ ތާރީހު ކަމަށެވެ. ނަމަވެސް އެ ތާރީހުގައި، ސިއްހީ ކުއްލި ހާލަތު އަންނަ މަހު 11 އަށް ނިމުމާއެކު އިންތިހާބަށް ކެމްޕޭންކުރަން ލިބެނީ ހަ ދުވަހަށްވުމުން ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށެވެ. އަދި ގާނޫނުގައި 28 ދުވަހުގެ ކެމްޕޭންކުރުމަށް ލާޒިމްވާ މުއްދަތުވެސް ނުލިބޭކަމަށް އެފަރާތްތަކުން ގައުމީ ލަފާ ދޭ ކޮމިޓީއަށް ހިޔާލު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ކުއްލި ހާލަތުގައި އާންމު އެއްވުންތައް މަނާކޮށްފައިވާއިރު، ރީރަޖިސްޓްރޭޝަންއާއި އޮފިޝަލުން ތަމްރީންކުރަން ޖެހޭނީވެސް ހަ ދުވަހުގެ މުއްދަތުގައި ކަމަށެވެ. އެހެންކަމުން ކޮމިޝަނުން ކުރަންޖެހޭ ބައެއް ކަންކަން ކުރުމަށްވެސް ހަ ދުވަހަކީ އެކަށީގެންވާ މުއްދަތެއްކަމަށް ކޮމިޝަނުން ގަބޫލު ނުކުރެެވޭކަމަށް ޝަރީފު ވިދާޅުވިއެެވެ.

"އެހެންވީމަ މިއަދު ކޮމިޝަނުން ނިންމީ، ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިންތިހާބުގައި ދިމާވާ މައްސަލަތަކާއި ހުށަހަޅާ ހުށަހެޅުމާއެކު، އެޗްޕީއޭ ނުވަތަ ކަމާބެހޭ ފަރާތްތަކުން ރާއްޖޭގެ ހާލަތު، އާންމު ހާލަތަކަށް އަތުވެއްޖެކަމަށް އިއުލާންކުރާ ދުވަހުން ފެށިގެން ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް ބޭނުންވާނެ މުއްދަތު ހިމަނާފައި ވޯޓުލާނެ ދުވަހުގެ ތާރީހެއް ކަނޑައަޅަން،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، އީސީން އިތުރު މުއްދަތުގެ ގޮތުގައި ކަނޑައަޅާނީ ކޮމިޝަނުން މިހާރުކޮށްފައިވާ މަސައްކަތްނުލާ އިތުރަށްކުރަން ޖެހޭ މަސައްކަތައް ހޭދަވާ މުއްދަތަށް ކަމަށެވެ.

އެއީ ކިހާ މުއްދަތެއްތޯ "ސަން"އިން ސުވާލުކުރުމުން ޝަރީފު ވިދާޅުވީ، ރާއްޖޭގެ ހާލަތު އާންމު ހާޅަތަށް އައުމާއެކު އިންތިހާބުގެ ވޯޓުލުމާ ދެމެދު 30އަކަަށް ދުވަސް ބޭނުންވާނެ ކަމަށެވެ.

"ކެމްޕެއިންނަށްވެސް މުއްދަތު ދީފައި، ރީރަޖިސްޓްރޭޝަން އަދި އޮފިޝަލުން ތަމްރީންކުރުމަށް ވަގުތު ދީފައި 30 ދުވަސް ތެރޭ ވޯޓުލުން ބޭއްވޭނެ،" ޝަރީފު ވިދާޅުވިއެވެ.

ޝަރިފު ވިދާޅުވި ގޮތުގައި، އިންތިހާބަށް ކޮމިޝަނުން ކުރަން ޖެހޭ މައިގަނޑު ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި އެހެންކަމުން އިންތިހާބުގެ ވޯޓުލުން ލަސްވި ނަމަވެސް މާ ބޮޑު ހަރަދެއް ނުހިނގާނެއެވެ.

"މުޅި އިންތިހާބުން އަލުން ބާއްވާނަމަ، މިހާރު ހަރަދުވެފައިވާ މިންވަރު ތަކުރާރުވާނެ. ނަމަވެސް ހަމައެކަނި ވޯޓުލުން [ފަސްކުރާނަމަ] ހަރަދުނުކޮށް ހުރި މިންވަރު ހަރަދުވާނީ. ވޯޓުލާ ދުވަސް ލަސްކުރުމުން މާބޮޑު ފައިނޭންޝަލް އިމްޕެކްޓެއް އަންނާނެ ކަމަށް ނުބެލެވޭ،" ޝަރީފު ވިދާޅުވިއެވެ.

އެގޮތުން މިހާރު ނުކޮށް ހަރަދުތަކުގެ ތެރެއިން ދެން ކުރަން ޖެހޭނީ، 15-20 މިލިއަން ރުފިޔާގެ މަސައްކަތްތައް ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ، އިންތިހާބު ފަސްކުރުމާއެކު މިހާރުގެ ކައުންސިލްތަކުގެ ދައުރާމެދު ބަހެއް ބުނުމުގެ ހައްގެއް ނެތް ކަމަށެވެ. އަދި އެކަމަށް ކަމާ ބެހޭ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކުން ތަދުއްހުލްވާނެކަމަށް ޝަރީފު ވިދާޅުވިއވެެ.

ކޮރޯނާވައިރަސްއާ ގުޅިގެންު ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ކެމްޕެއިން ކުރުން ހުއްޓާލާފައެވެ.

comment ކޮމެންޓް