މިއީ މިހާތަނަށް ޓޫރިޒަމަށް އައި އެންމެ ބޮޑު ދަތިކަން: ކްރައުން ނަޒީރު

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)ގެ 30ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަހުގެ ސަބަބުން ޓޫރިޒަމް ދާއިރާ އަށް މިހާރު އައިސްފައިވާ ދަތިކަމަކީ، އެ ސިނާއަތުގެ ތާރީހުގައި ވެސް ރާއްޖެއަށް އައިސްފައިވާ އެންމެ ބޮޑު ދަތިކަން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްީ (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވެއްޖެ އެވެ.

ބީއެމްއެލް އާއި މަޓީ އަދި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ތައާރަފު ކުރި ޝޯޓް ޓާމް ފައިނޭންސިން ފެސިލިޓީއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ، ބޭންކުން ޓޫރިޒަމްގެ ސިނާއަތަށް އެހީވުމަށް ފައިނޭންސިން ސްކީމެއް މި ދަނޑިވަޅުގައި ތައާރަފު ކުރަން ނިންމުމަކީ އެ ދާއިރާ އަށް މިވަގުތަށް މުހިއްމު ކަމެއް ކަމަށެވެ.

"އަޅުގަނޑު ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަން ފެށީ 1984 ގައި. އެހާ ހިސާބުން ފެށިގެން ބަލާއިރު މިހާރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އައިސްފައިވާ އިނދަޖެހުމަކީ މިހާތަނަށް މި ސިނާއަތަށް އައިސްފައިވާ އެންމެ ބޮޑު އިނދަޖެހުން،" ނަަޒީރު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އިގްތިސާދަށް އަންނަމުންދާ ހީނަރުކަމުގެ އެންމެ ބޮޑު އަސަރު ކުރަނީ ޓޫރިޒަމް ދާއިރާ އަށެވެ. ބައެއް ރިސޯޓުތަކުން މުވައްޒަފުން މަދުކޮށް މުސާރަ ކުޑަކުރަމުންދާއިރު މުވައްޒަފުންނަށް ނޯ ޕޭދީ ރަށަށް ފޮނުވާލާ، އަޑުތައްވެސް ވަނީ ފެތުރިފަ އެވެ.

"މީގެ މަހެއް ކުރިން ބޭންކުން މަޓީ އަށް ހުށަހެޅުމެއް ހުށަހެޅި. މި ދަނޑިވަޅުގައި ބޭންކުން ކިހިނެއްތޯ މެންބަރުންނަށް އެހީވެވޭނީ. ބެންކުގެ ފައިނޭންސިން ސްކީމަކީ ހަމައެކަނި މަޓީ މެންބަރުންނަށް އޮތް ސްކީމެއް ނޫން. ދާއިރާގައި އޮޕަރޭޓުކުރާ ހުރިހާ އެސްޓެބްލިޝްމެންޓު ތަކަކަށްވެސް އޮތް ފުރުސަތެއް،" ނަޒީރު ވިދާޅުވި އެވެ.

މި ފައިނޭންސިންގެ ދަށުން މިހާރު ހިންގަމުންދާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވޯކިން ކެޕިޓަލްގެ ގޮތުގައި ދެ މިލިއަން ޑޮލަރާ ހަމައަށް ފައިނޭންސް ދޭނެ އެވެ. މި ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ އެވެ.

ކޭޝްފްލޯ އަށް ތާށިކަން އަންނާނެ މި ދަނޑިވަޅުގައި މި ސްކީމުގެ ސަބަބުން ރިސޯޓު އޯނަރުންނަށާއި މެނޭޖުމެންޓުތަކަށް އަދި ގެސްޓްހައުސް އޯނަރުންނަށް ކޮންްމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ ވިދާޅުވީ ގައުމީ ބެންކުގެ ހައިސިއްޔަތުން ގައުމުގެ އިގްތިސާދަށް ފައިދާވާނެ ކަމެއް ކުރުމަކީ މަސްއޫލިއްޔަތެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"ކޮރޯނާގެ ސަބަބުން ދިވެހި ޓޫރިޒަމް އިންޑަސްޓްރީ އަށް ދަނީ ބޮޑެތި ލޮޅުންތައް އަރަމުން، މި ދަނޑިވަޅުގައި ބޭންކުން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މި ތައާރަފު ކުރަނީ ޝޯޓް ޓާމް ފައިނޭންސިން ސްކީމެއް. މިއީ ދާއިރާގެ ވަޒީފާތައް ސެކިޔޯ ކުރުމަށް ވެސް އެހީއަށް ވާނެ،" ޓިމް ވިދާޅުވި އެވެ.

ބޭންކުން ބުނީ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރާ ގުޅައިގެން ނުވަތަ ބޭންކުގެ ބްރާންޗަކަށް ގޮސްގެން މި ހިދުމަތަށް ހުށަހެޅޭނެ ކަމަށެވެ. އަދި މި ފައިނޭންސިންއާ ގުޅޭ މައުލޫމާތު ބޭންކުގެ ކޮންޓެކްޓް ސެންޓަރު ނަންބަރު 3330200 އިން ލިބޭނެ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލްތައް ކަމަށްވާ ޗައިނާ އާއި އިޓަލީ އިން ފަތުރުވެރިން ގެނައުން ވަނީ މަޑުޖައްސާލައިފަ އެވެ. އަދި މުހިއްމު މާކެޓުތައް ކަމަށްވާ ސްޕެއިން އިންވެސް މީހުން ގެނައުން މަޑުޖައްސާލާފައިވާއިރު، ޖަރުމަނާއި ފްރާންސް އަދި ސައުތުކޮރެއާގެ ބައެއް ސަރަހައްދުތަކުން މީހުން ގެނައުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

https://sun.mv/132865

comment ކޮމެންޓް