ޖަޕާނުން ބުނަނީ ޖުލައިގައި އޮލިމްޕިކްސް ބާއްވާނެކަމަށް

ޖަޕާނުގެ ޕްރައިމް މިނިސްޓަރު ޝިންޒޯ އަބޭ ވިދާޅުވީ ވައިރަސް އޮތް ނަމަވެސް އޮލިމްޕިކްސް އަށް ތައްޔާރުވާނެ ކަމަށް --- ފޮޓޯ : ބީބީސީ

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ހަރަކާތްތައް ކެންސަލުކުރަން ފަށާފައިވި ނަމަވެސް މިއަހަރު ޖުލައި މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް މުބާރާތް ރާވާފައި އޮތް ގޮތަށް ކުރިއަށ ގެންދާނެކަމަށް މުބާރާތުގެ ހޯސްޓް ގައުމު ޖަޕާނުން ބުނެފިއެވެ.

މިއަހަރުގެ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖުލައި މަހުގެ 24 އިން ފެށިގެންނެވެ. އަދި އޮލިމްޕިކްސް ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ ކުރީންވެސް ނިންމާފައިވާ ތާރީހާ އެއްގޮތަށް އޮލިމްޕިކްސް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

ނަމަވެސް އެ ހަރަކާތް ކެންސަލުކުރުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމައި ފަހު ބަސް ބުނުމުގެ ބާރު އޮންނާނީ އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީ (އައިއޯސީ) އަތުގައިކަމަށް އަބޭ ވިދާޅުވިއެވެ.

"ވައިރަސް ފެތުރެމުންދާ މައްސަލައަށް ހައްލެއް ހޯދައި އެ ކަންތައް ކޮންޓްރޯލުކުރާނެ. އަދި ކުރިން ރާވާފައިވާ ގޮތައް އެއްވެސް މައްސަލައެއް ނެތި މިއަހަރުގެ އޮލިމްޕިކްސް ކުރިއަށް ގެންދާނެ،" ބޮޑުވަޒީރު އަބޭ ވިދާޅުވިއެވެ.

އޮލިމްޕިކްސް 2020 ނުވަތަ ޓޯކިއޯ ގޭމްސްއަށް ހޭދަވާނެ ކަމަށް ލަފާކޮށްފައިވާ އަގަކީ 1.35 ޓްރިލިއަން ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 12.3 ބިލިއަން ޑޮލަރެވެ.

އޮލިމްޕިކްސް ކުރިއަށް ގެންދިޔުމަށް ނިންމި ނަމަވެސް އެކި ގައުމުތަކުން އޮލިމްޕިކްސްގައި ވާދަކުރާ ހަރަކާތްތައް ވަނީ މަޑުޖައްސާލާފައެވެ. އެގޮތުން އެމެރިކާގެ ފަރާތުން އޮލިމްޕިކްސްއަށް ގެންދިޔުމަށް ހަމަޖައްސާ ބައެއް މުބާރާތްތައް ކަމަށްވާ ރެސްލިން އާއި ރޯވިން އަދި ޑައިވިން އިވެންޓުތައް ވަނީ ވަގުތީގޮތުން މަޑުޖައްސާލާފައެވެ.

comment ކޮމެންޓް