"ހެހެސް"ގެ ޝޫޓިން ބ. ގޮއިދޫގައި ބާރަށް ކުރިޔަށް ދަނީ!

"ހެހެސް"ގެ ޝޫޓިންގެ ތެރެއިން...

ދިވެހިންގެ ތެރޭގައި މަގުބޫލު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ކުރިޔަށް ގެނެސްދޭން ނިންމާފައިވާ ދިވެހި ފިލްމު "ހެހެސް" ގެ މަންޒަރުތައް ބ. ގޮއިދޫގައި ނަގަމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު ބުނެފިއެވެ.

"ސަން" އަށް ވާހަކަ ދައްކަމުން ޝަފީގު ބުނީ، ފިލްމުގެ ކާސްޓާއި ކުރޫ، ގޮއިދޫ އަށް ގޮސްފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގައި ކަމަށެވެ. އަދި މިހާރު ހަތަރު ދުވަހު ޝޫޓް ކޮށްފައިވާ ކަމަށާއި ބާރު ސްޕީޑްގައި ހުރިހާ އެންމެން ވެސް ގުޅިގެން ކުރިޔަށްދާ ކަމަށް އޭނާ ބުންޏެވެ.

ގޮއިދޫގައި ފިލްމުގެ ބޮޑު ބައެއް ޝޫޓްކުރަން ހަމަޖެހިފައިވާއިރު، އެ ރަށުގައި ޖުމްލަ 15 ދުވަހަށް ތާވަލު ކޮށްގެން މަންޒަރުތައް ނަގަން ނިންމާފައިވެއެވެ.

"މި ބަލަނީ 15 ދުވަހުން ގޮއިދޫގައި ނަގާ މަންޒަރުތައް ނަގައި ނިންމާލެވޭނެ ކަމަށް" ޝަފީގު ބުންޏެވެ.

ޝަފީގު އިތުރަށް ބުނީ، ގޮއިދޫގައި "ހެހެސް" ގެ ތިން ލަވައެއް ވެސް ޝޫޓް ކުރުމަށް ތާވަލްކޮށްފައިވާ ކަމަށެވެ.

ހެހެސް ފިލްމް ޕޯސްޓަރު ---
ފިލްމުގެ ފިރިހެން ލީޑުގައި ހިމެނޭ ފަންނާނެއް ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ) ނޫން ހުރިހާ ތަރިން މިވަގުތު ގޮއިދޫގެ ޝޫޓިންގައި ބައިވެރިވަމުން އަންނަކަން ފާހަގަކޮށް ޝަފީގު ބުނީ، ދޮން އައްޔަ މި މަހުގެ 18 ވަނަ ދުވަހު ގޮއިދޫއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އައްޔަ މިވަގުތު ޝޫޓިންއެއްގައި ތަންކޮޅެއް ބިޒީކޮށް އުޅެނީ. އެކަމަކު ވަރަށް އަވަހަށް އެރަށަށް ގޮސް އޭނަގެ މަންޒަރުތައް ވެސް ނަގަން ފަށާނެ" ޝަފީގު ބުންޏެވެ.

ގޮއިދޫގެ އިތުރުން މާލޭގައި ވެސް ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ޝަފީގް ބުނީ ގޮއިދޫގައި ނަގާ މަންޒަރުތައް ނިންމުމަށްފަހު މާލޭގައި ޝޫޓްކުރަން ފަށާނެ ކަމަށެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ ސްްކްރީން ޕްލޭ އަކަށް ހަދާ "ހެހެސް" ޑައިރެކްޓްކުރަނީ ކާމިޔާބު ޑައިރެކްޓަރު އަހުމަދު ނިމާލެވެ.

ފިލްމުގެ ކާސްޓުންގެ ތެރޭގައި ވެސް ޔޫއްޕެ ހިމެނޭ އިރު ދެން އެ ފިލްމުން ފެންނާނީ އަރަމުން އަންނަ ތަރިން ކަމަށްވާ ޝިފާ، އިރުފާނާ އިބްރާހީމް، ލަހުފާ އަދި އަލަށް ތައާރަފްވާ ތަރިއެއް ކަމަށްވާ ވާޝިއާގެ އިތުރުން ނިއުމާ މުހައްމަދުގެ ކުރިޔަށް އޮތް ފިލްމު "ކަޅަކި"އިން މުހިންމު ރޯލަކުން ފެނިގެންދާނެ ޝިޔާއެވެ.

އަދި ފިލްމު އިންޑަސްޓްރީގެ ކާމިޔާބު ދެ މޫނު ކަމަށްވާ އިބްރާހިމް ޖިހާދުއާއި އަލީ އާޒިމް (ދޮން އައްޔަ)ވެސް ފެނިގެންދާނެއެވެ.

ފިލްމު ސިނަމާތަކަށް މި އަހަރު ފަހުކޮޅެ ގެނައުމަށް ފިލްމުގެ ޓީމުން އަންނަނީ ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް