ކަރަންޓީން ފެސިލިޓީއަކަށް ހަދާ ރިސޯޓަކީ ވެލިދޫ

ވެލިދޫ އައިލެންޑް ރިސޯޓު ހިންގާ އއ. ވެލިދޫ ---

ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރަށް ލިބިފައިވާ ޓޫރިސްޓް ރިސޯޓަކީ އއ. ވެލިދޫގައި ހިންގަމުން އައި ވެލިދޫ އައިލެންޑް ރިސޯޓުކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިންވެސް ވަނީ ކޮރޯނާވައިރަހަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރުމަށް ކުރީގެ ޓޫރިސްޓު ރިސޯޓެއް ލިބިފައިވާކަން ހާމަކުރައްވާފައެވެ.

ރާއްޖޭގައި ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވެ، ޕޮޒިޓިވް 10 ކޭސް ފެނިފައިވާ އިރު، މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.

މިހާރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ކ. ވިލިނގިލިވަރު (ވިލިވަރު)ގައި 30 ކޮޓަރީގެ ފެސިލިޓީއެއް ގާއިމުކޮށްފައިވެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ 3 ވަނަ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލުކުރާ އއ. ވެލިދޫއަކީ 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ޓޫރިސްޓު ރިސޯޓެއް ހިންގަމުން އައި ރަށެއް ކަމަށެވެ.

މާޗް 8، 2020: މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"2019 ގެ ފަހުކޮޅާ ހަމައަށް ހިންގަމުން އައިސް ހުއްޓިފައި އޮތް ވެލިދޫ ރިސޯޓު. އެ ތަނުގެ ތިން ހިއްސާދާރުން އަހްމަދު އިސްމާއިލް، މުހައްމަދު ރާމިޒް އަދި އަބްދުﷲ މުހައްމަދަށް މި ފުރުސަތުގައި ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ރިސޯޓު ދިވެހި ސަރުކާރަށް ލިބިފައިވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ކަމަށެވެ. އަދި މިހާރު ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓިމުތައް އެތަން ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވެލިދޫ އައިލެންޑް ރިސޯޓު ---

"ވިލިވަރުގެ 30 ކޮޓަރި ފުރި، 31 ވަނަ ކޮޓަރިއަކަށް ވެލިދޫ [ރިސޯޓު]، ރައްޔިތުންނާ ޓޫރިސްޓުންނާއި ސަރުކާރުން ބޭނުންކުރަން ހުންނާނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

އއ. ވެލިދޫގައި ހިންގަމުން އައި ރިސޯޓަކީ 100 ކޮޓަރީގެ ރިސޯޓެކެވެ. އެއީ 80 ބީޗު ބަންގަލޯއާއި 20 މޫދުކޮޓަރިއެވެ.

comment ކޮމެންޓް