ފުރަތަމަ ހަފުތާގެ މޮޅު ގޯލަކަށް އިއްބެގެ ހިތްގައިމު ލަނޑު

ފެބްރުއަރީ 19، 2020: އޭއެފްސީ މުބާރާތުގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސްއާ އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕުގެ ފުރަތަމަ ހަފުތާގައި ޖެހި ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލަކަށް މާޒިޔާގެ ފޯވާޑް އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އިންޑިއާގެ ޗެންނާއީ އެފްސީ ކޮޅަށް ޖެހި ގޯލު ހޮވިއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ ޗެންނާއީގައި ކުޅުނު މެޗުގައި މާޒިޔާއާއި ޗެންނާއީ އެފްސީ ބައްދަލު ކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާޒިޔާގެ ގޯލުތައް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން މުހައްމަަދު އިރުފާން (އިރޭ)އާއި ފޭދޫ އިއްބެއެވެ. އޭގެ ތެރެއިން ފޭދޫ އިއްބެ ޖެހި ގޯލަށް ވަނީ އޭއެފްސީ "ގޯލް އޮފް ދަ ވީކް"ގެ ޝަރަފު ލިބިފައެވެ.

މި މަގާމު އިއްބެއަށް ލިބުނީ އޭއެފްސީ އޮންލައިންކޮށް ހުޅުވާލި ޕޯލެއްގައި ވޯޓުލީ 10،233 މީހުންގެ ތެރެއިން 81 އިންސައްތަ ވޯޓު ކާމިޔާބުކޮށްގެންނެވެ. އިއްބެއާ އެކު މި މަގާމަށް ދެން ވާދަކުރީ މިޔަންމާގެ ޝަން ޔުނައިޓެޑުގެ ހެއިން ހިޔޯ ވިންގް އާއި ކެމްބޯޑިއާގެ ސްވޭ ރެއިންގެ ކެމަރޫން ކުޅުންތެރިޔާ ޖެއޮން ބެފޯލީ އެމްބާގްގެ އިތުރުން ތަޖިކިސްތާނުގެ އިސްތިކްލޯލްގެ މަނުޗެޚް ހަލިލޯފުއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް އީގެ ފުރަތަމަ ބުރުގައި ޗެންނާއީ އެފްސީން ގޯލެއް ޖަހާފައިވަނިކޮށް މާޒިޔާއިން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައިފައެވެ. ނަމަވެސް މެޗު ނިމެން މިނަޓަކަށް ވެފައިވަނިކޮށް އަނެއްކާވެސް ޗެންނާއީ އެފްސީ ގޯލެއް ޖަހައި ނަތީޖާ އެއްވަރު ކުރީ އެވެ. މި ގުރޫޕުގައި ދެން ހިމެނޭ ޓީސީ ސްޕޯޓްސް ކުލަބާއި ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސް ބައްދަލު ކުރި މެޗު ނިމުނީ 1-5 ގެ ނަތީޖާއަކުންނެވެ.

އެއާ އެކު މިވަގުތު އެ ގުރޫޕް ތާވަލުގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓް ހޯދައި ފައިދާ ހަތަރު ގޯލާ އެކު ބަޝަންދުރަ ކިންގްސް އެވެ. ދެވަނައިގައި މާޒިޔާ އެއް ޕޮއިންޓާ އެކު އޮތް އިރު ޗެންނާއީ އެފްސީ ވެސް އޮތީ އެއް ޕޮއިންޓާ އެކުގަ އެވެ. ފުލުގައި އޮތް ޓީސީއަށް ޕޮއިންޓެއް ނުލިބެ އެވެ.

މި ގްރޫޕުގައި ދެން އޮތް މެޗު އޮންނާނީ އޭޕްރީލް 14 ވަނަ ދުވަހު އެވެ. އެ މެޗުގައި މާޒިޔާއާއި ބަޝަންދުރަ ކިންގްސް ބައްދަލު ކުރާއިރު މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން އެ މެޗުތައް ފަސްކުރާނެ ކަމަށް އޭއެފްސީން ވަނީ ބުނެފައެވެ.

comment ކޮމެންޓް