އެމްޑީޕީން އިންތިހާބުގެ ކެމްޕޭން އެއްކޮށް މެދުކަނޑާލަން ނިންމައިފި

ފެބްރުއަރީ 21، 2020: އެމްޑީޕީން ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕޭން ފެށުމަށް ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވެރިކަންކުރާ އެމްޑީޕީން ހިންގަމުން އައި ކެމްޕޭނުގެ ހުރިހާ ހަރަކާތެއް އެއްކޮށް މެދުކަނޑާލައިފިއެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް19) ގެ ކޭސްތަކެއް ރާއްޖެއިން ފެނި، އެ ބަލި ބޮޑަށް ފެތުރިދާނެކަމުގެ ބިރު އޮތުމުގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހު (މާޗު 12 ވަނަ ދުވަހު) ރާއްޖޭގައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިއުލާނުކޮށްފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން އެމްޑީޕީން މިދިޔަ ހަފްތާގައިވެސް އެ ޕާޓީގެ ކެމްޕޭނުގެ އަމަލީ ހަރަކާތްތައް މަޑުޖައްސާލިއެވެ. އަދި އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ކުރައްވަން ހުރި ދަތުރުތައްވެސް މަޑުޖައްސާލިއެވެ، ނަމަވެސް ފަހުން މާޗު ހަތްވަނަ ދުވަހު އެ ޕާޓީން ނިންމީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކޮރޯނާވައިރަހަށް އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތާއެކު އިންތިހާބީ ކެމްޕޭން ކުރިއަށް ގެންދާށެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާވައިރަހަށް ޕޮޒިޓިވް ނުވަ މީހަކު ފެނިފައިވެއެވެ.

https://sun.mv/132648

އޭޕްރިލް ހަތަރުވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލު އިންތިހާބު އޭޕްރިލް 18 އަށް ލަސްކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އިރު، އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކެމްޕޭނުގެ ހުރިހާ ހަރަކާތެއް އެ ޕާޓީން މިހިސާބުން އެއްކޮށް މެދުކަނޑާލާފައިވާ ކަމަށެވެ.

އަދޮ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅުގައި އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތްތައް އެއްވެސް ސިފައެއްގައި ނުހިންގަން ކެންޑިޑޭޓުންނާއި ކެމްޕޭނު ޓީމުތަކަށް އެމްޑީޕީން އިލްތިމާސް ކުރިއެވެ.

އެ ޕާޓީން ބުނީ އިންތިހާބު ފަސްކުރުމުގެ ސަބަބުން ކެމްޕޭން ކުރުމަށް ކެންޑިޑޭޓުންނަށް ލިބޭ މުއްދަތު ކުރުވާ ކަމަށެވެ.

"ކެމްޕޭނު ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމަށްފަހު އިންތިޚާބާ ދެމެދަށް ކެންޑިޑޭޓުންނަށް ލިބެނީ އެންމެ 6 ދުވަސްކަމަށްވާތީ، މިއީ ކެމްޕޭނެއް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނޫންކަން ވެސް ފާހަގަކުރަމެވެ. އަދި އެއީ ކެންޑިޑޭޓުންނަށް ކެމްޕޭންކުރުމަށް ދިނުމަށް ޤާނޫނުގައި ލާޒިމުކޮށްފައިވާ މުއްދަތައްވުރެ އެތައް ގުނައަކަށް ކުޑަ މުއްދަތެއްކަން އެނގެއެވެ." އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ އެ ޕާޓީއަކީ ފުޅާ މިނެއްގައި ކެމްޕޭނު ހަރރަކާތް ހިންގައި، ރައްޔިތުންނަށް ފުރިހަމަ މައުލޫމާރު ފޯރުކޮށްދީ، އެ މައުލޫމާތަށް ބިނާކޮށް ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ހޯދައިދޭން ތާއީދުކުރާ ޕާޓީއެއް ކަމަށެވެ. އެހެންކަމުން ކެމްޕޭނު ކުރުމަށް ގާނޫނުގައި ބުނާ މުއްދަތު ކެންޑިޑޭޓުންނަށް ލިބޭނެކަން ކަށަވަރުކޮށްގެން ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އެ ޕާޓީން ގޮވާލާ ކަމަށް އެ ބަޔާނުގައި ވެއެވެ.

https://sun.mv/132881

އެ ޕަޓީން އިތުރަށް ބުނީ ކޮރޯނާވައިރަހާ ގުޅިގެން ރައްޔިތުންގެ ކިބައިން ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި އެމްޑީޕީގެ މެމްބަރުންނާއި އިންތިޒާމުތަކާއި ވަސީލަތްތައް އެންމެ ފުޅާމިނުގައި ފޯރުކޮށްދީ، އެހީތެރިވެދޭން އެ ޕާޓީ އޮތީ ތައްޔާރަށް ކަމަށެވެ.

ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އޭޕްރިލް 18 ވަނަ ދުވަހަކީ މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލާ ދުވަސް ފަސްކުރެވޭ އެންމެ ފަހު ތާރީހު ކަމަށެވެ. އަދި އެއަށްވުރެ ފަސްކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން، ނުވަތަ ކޯޓު އަމުރަކުން ކަމަށެވެ.

"ސިއްހީ ކުއްލި ހާލަތު 30 ދުވަހަށް އިތުރުކޮށްފިނަމަ، އަޅުގަނޑުމެން އިންތިހާބު ބާއްވަން ކަނޑައެޅީ ތާރީހު [އަންނަ މަހު 18] އެ މުއްދަތު ތެރެެއަށް ވަންނަ ނަމަ، ކޮމިޝަންގެ ފަރާތުން އެކަމަށް ހައްލެއް ހޯދުމަށް ކޯޓަށް ގޮސް ކޯޓުގެ އަމުރަކުން އެކަމަށް ހައްލެއް ގެންނާނަން،" ޝަރީފު ވިދާޅުވިއެވެ.

comment ކޮމެންޓް