ކޮރޯނާ އާ ގުޅިގެން ގެސްޓްހައުސްތަކަށް ކުރާ އަސަރު ބަލަނީ

ކ. ދިއްފުށީގެ ގެސްޓްހައުސެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާ ވައިރަސް އާ ގުޅިގެން ރާއްޖޭގައި ހިންގާ ގެސްޓްހައުސް ތަކުގެ ހާލަތު ދެނެގަތުމުގެ ސާވޭއެއް ގެސްޓްހައުސް އެސޯސިއޭޝަނުން ފަށައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ ގެސްޓްހައުސްތަކުގެ ހާލަތު ދެނެގަތުމުގެ ސާވޭގެ ބޭނުމަކީ ގެސްޓްހައުސް ހިނގާ ފަރާތްތަކުގެ ހާލަތު ދެނެގަނެ، ކުރިއަށް އަޅާނެ ފިޔަވަޅުތައް ދެނެގަތުން ކަމަށެވެ.

މި ސާވޭ ނިމުމުން، ސާވޭގެ މައުލޫމާާތު ޓޫރިޒަމް މިނިސްޓްރީ އާއި ދާއިރާ އާއި ގުޅުންހުރި ހުރިހާ މުވައްސަސާ އަކާ ހިއްސާ ކުރާނެ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުންޏެވެ.

ކޮރޯނާ އާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ބޮޑު ލޮޅުމެއް އައިސްފައިވާއިރު ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ޓޫރިސްޓް އެރައިވަލް ވަނީ މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 ޕަސެންޓް ދަށް ވެފައެވެ.

މިދިޔަ ޖަނަވަރީ 26އިން ފެށިގެން މިހާތަނަށް 161،740 ބެޑްނައިޓް ކެންސަލްވެފައިވެ އެވެ.

ރާއްޖެއިން ވަނީ ޗައިނާ އާއި އިޓަލީ އަދި އިރާނާއި ސައުތު ކޮރެއާގެ ދެ ސަރަހައްދެއްގެ އިތުރުން ބަންގްލަދޭޝް އިން މީހުން އައުން ވަގުތީގޮތުން ހުއްޓުވައިފައެވެ.

ކޮރޯނާ އާއި ގުޅިގެން ބައެއް ރަށްރަށަށް ފަތުރުވެރިން ނުގެންދިޔުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ވަނީ ނިންމައިފައެވެ،

މިހާރު ބުކިންތައް ކެންސަލްވަމުންދާ މި ނިސްބަތަށް ބަލާއިރު، މިއަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 12-35 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

ކޮރޯނާ އާއި ގުޅިގެން މީގެ ކުރިން ގެސްޓްހައުސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ ގެސްޓްހައުސްތަކުން ޓޫރިޒަމް މިނިސްޓްރީއަށް ދުވަހުން ދުވަހަށް ފޮނުވަން ޖެހޭ މައުލޫމާތުތައް ލިބޭކަން ކަށަވަރު ކުރުމާއި މައުލޫމާތު ފޮނުވަން ޖެހޭ އީމެއިލްތަކަށް ލިބޭ މެއިލްތަކަށް ދުވަހުން ދުވަހަށް އިޖާބަ ދިނުމާއި، މުހިންމު ދަނޑިވަޅުތަކުގައި ގުޅަން ކަނޑައަޅާފައިވާ ނަމްބަރުތަކާއި ހޮޓްލައިންތަކަށް ވަގުތުން ވަގުތަށް އިޖާބަދިނުމަށް އެދިފައެވެ.

މީގެ އިތުރުން، ކޮވިޑު އިތުރަށް ފެތުރުނަ ނުދިނުމަށް ޓަކައި ރާއްޖޭގެ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދިނުމަށް އެ ޖަމްއިއްޔާ އިން ވަނީ އެދިފަ އެވެ. ސަރުކާރުގެ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކޮށް، ސަރުކާރުން އަންގާ އެންގުންތަކަށް ފުރިހަމައަށް އިޖާބަ ދިނުމަށްވެސް ގޭމް އިން އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެގޮތުން ގެސްޓްހައުސްގައި ތިބި ފަތުރުވެރިންގެ މައުލޫމާތާއި، ބުކިންގް ކެންސަލް ވަމުންދާ މިންވަރާ ގުޅޭ ތަފްސީލުތައް ޓޫރިޒަމާ ހިއްސާކޮށް ކޮވިޑްގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭ އިން ނެރެފައިވާ އެސްއޯޕީ ގައި ހިމެނޭ ހުރިހާ ފިޔަވަޅުތަކެއް ތަންފީޒުކޮށް އެކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓޭކަން ކަށަވަރު ކުރުމަށް ގޭމް އިން ވަނީ ގެސްޓްހައުސްތަކަށް ގޮވާލައިފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮރޯނާ އަށް ޕޮޒިޓިވް ވެފައިވާ ނުވަ މީހަކު ވަނީ ފެނިފައެވެ.

comment ކޮމެންޓް