ދީނަށް ފުރައްސާރަކޮށްގެން ތިނަދޫއިން ހައްޔަރުކުރި މީހާ ދޫކޮށްލައިފި

ގދ ތިނަދޫ ---

ދީނަށް ފުރައްސާރަކޮށްގެން ގދ ތިނަދޫ އިން ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.

ޝަރީއަތުން ގޮތެއް ނިންމަންދެން ބަންދުކޮށްފައި ހުރި މީހާ ދޫކޮށްލާފައިވަނީ އޭނާ ބަންދުން ދޫކޮށްލުމަށް ތިނަދޫ މެޖިސްޓްރޭޓު ކޯޓުން އަމުރުކުރުމުން އިއްޔެ އެވެ.

ޓްވިޓާ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖެހި މައްސަލާގައި ހައްޔަރުކޮށްފައިވަނީ "ރުޝްމަތު" ނަމަކަށް ކިޔާ ޓްވިޓާ ހޭންޑުލްއަކުން ޓްވީޓްކުރާ މީހެކެވެ.

އެ މީހާ ބުނެފައި ވަނީ ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި އޭނާ ބާއްވައި އަދި ޒުވާނުންނަށް އޭނާ ދެކޭ ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށާއި އިތުރު އެއްވުންތައް ވެސް ބާއްވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން މާތްﷲ އާއި ރަސޫލާއަށް ބަދުބަސްތައް ރައްދުވާ ފަދަ އެއްޗިހި ވެސް އޭނާ ޓްވީޓްކޮށްފައިވެ އެވެ. ބަންދުން ދޫކޮށްލުމާއެކު އެ ހޭންޑްލް އިން އަނެއްކާވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ޓްވީޓު ކޮށްފައިވެ އެވެ.

comment ކޮމެންޓް