ކޮރޯނާވައިރަހާ ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގު މެދުކަނޑާލައިފި

ޖޫން 2، 2019: ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހު ޗެމްޕިއަން ލިވަޕޫލްގެ ޓީމު ތަށި އުފުލާލަނީ -- ފޮޓޯ/ އޭޕީ

ކޮރޯނާވައިރަހުގެ ނުރައްކަލާ ގުޅިގެން ޔޫރަޕުގެ ބޮޑެތި ފުޓުބޯޅަ މުބާރާތްތައް މެދުކަނޑާލައިފިއެވެ.

މެދުކަނޑާލި މުބާރާތްތަކުގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގާއި ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ހިމެނެއެވެ.

ޗެމްޕިއަންސް ލީގުގައި ކުރިއަށް މި އޮތް ހަފްތާތެރޭ ކުޅުމަށް ހަމަޖެހިފައިވާ މެންޗެސްޓާރ ސިޓީ އަދި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުގެ އިތުރުން ޔުވެންޓަސް އާއި ލިޔޯން، ބާސެލޯނާއާއި ނަޕޯލީ އަދި ބަޔާން މިއުނިކް އާއި ޗެލްސީގެ މެޗުވެސް ވަނީ ޔުއެފާގެ މި ނިންމުމާއިއެކު ފަސްކުރެވިފައެވެ.

އަދި މާޗް 20 ވަނަ ދުވަހަށް ތާވަލުކުރެވިފައި އޮތް ޗެމްޕިއަންސް ލީގުގެ ދެން އޮތް ބުރުގެ ގުރުއަތުލުންވެސް ވަނީ ފަސްކުރެވިފައެވެ.

ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް، އިންޓަ މިލާން އަދި ވުލްވްސްފަދަ ޓީމުތަކުގެ މެޗުތައްވެސް ވަނީ މިހާރު ފަސްކުރެވިފައެވެ.

ޔުއެފާއިން ބުނިގޮތުގައި ފަސްކުރެވުނު މެޗުތައް ދެން ބޭއްވޭނެ ތާރީޙެއް ކުރިއަށް އޮތްތަނުގައި ހާމަކުރެވިގެންދާނެއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ރަސްމީ ފުޓުބޯޅަ އެސޯސިއޭޝަންތަކުގެ ވެރިންނާއި މި އަންނަ އަންގާރަ ދުވަހު ޔުއެފާއިން ބައްދަލުކުރުމަށް ނިންމާފައިވާއިރު މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ މުބާރާތް ފަސްކުރުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވާހަކަދެކެވޭނެއެވެ.

އިނގިރޭސިވިލާތުގެ ބީބީސީއިން ރިޕޯޓުކުރިގޮތުގައި ޕްރެމިއާ ލީގުގެ އިތުރުން އިނގިރޭސިވިލާތުގެ އީއެފްއެލް ކަޕްގެ މެޗުތައް ސަސްޕެންޑްކުރުމަށްވެސް ވަނީ ނިންމައިފައެވެ. މެދުކަނޑާލެވުނު މުބާރާތްތައް އަލުން ފެށިގެންދާނީ އޭޕްރިލް ތިނެއްގެ ފަހުންކަމަށް ބީބީސީ އިން ވަނީ ހާމަކޮށްފައެވެ.

މި މުބާރަތްތަކުގެ ކުޅުން އަލުން ފެށިގެންދަނީ ހާލަތާއި ސިއްހީ މާހިރުންގެ ލަފާގެ މަތިންކަމަށް ޕްރެމިއާރ ލީގުން ވަނީ ބުނެފައެވެ.

އިނގިރޭސި ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މެޗުތައްވެސް މިހާރު ވަނީ ކެންސަލްކޮށްފައެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ފުޓުބޯޅައިގެ ބޮޑެތި ބައެއް މެޗުތައް ކުޅެވެމުންދަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ. އެގޮތުން މި ހަފްތާތެރޭގައި ކުޅެވިގެންދިޔަ ޕީއެސްޖީ-ޑޯޓްމަންޑް މެޗު ފާހަގަކޮށްލެވެއެވެ.

މި ވައިރަސް 125،000 އެއްހާ މީހުންނަށް ޖެހިފައިވާއިރު 5،000 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

comment ކޮމެންޓް