ރިސޯޓް، ގެސްޓް ހައުސްތަކަށް ބީއެމްއެލްއިން 2 މިލިއަން ޑޮލަރު

ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެ ބޭންކްގެ ސީއީއޯ ޓިމް އަދި މަޓީގެ ނަޒީރު -- ފޮޓޯ/ ބީއެމްއެލް

ކޮރޯނާވައިރަސްއާ ގުޅިގެން ޓޫރިޒަމް ސިނާއަތަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމަށް، ގައުމީ ބޭންކް، ބީއެމްއެލް އިން ކުރު މުއްދަތުގެ ފައިނޭންސިން ސްކީމެއް ތައާރަފުކޮށްފި އެވެ.

އެ ސްކީމް އިއުލާން ކުރުމަށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކާ އެކު ބީއެެމްލްއިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ބޭންކުގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ، މި ފައިނޭންސިންގެ ދަށުން މިހާރު ހިންގަމުންދާ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގެ ވޯކިން ކެޕިޓަލްގެ ގޮތުގައި ދެ މިލިއަން ޑޮލަރާ ހަމައަށް ފައިސާ ދޫކުރާނެ ކަމަށެވެ. މި ފައިސާ އަނބުރާ ދެއްކުމަށް ތިން އަހަރުގެ މުއްދަތެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ، މިއީ ޓުއަރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފް ކުރާ، ކުރު މުއްދަތުގެ ފައިނޭންސިންއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮރޯނާވައިރަހުގެ ސަބަބުން ލިބެމުންދާ ގެއްލުން މުޅިން ވަޒަން ކޮށްލެވޭނީ، މިކަން ދިގުދެމިގެންދާ މުއްދަތަކާއި މިކަމުގެ އަސަރުކުރާނެ ނިސްބަތަކުން ކަމަށެވެ. ނަމަވެސް މިހާރު ވެސް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް ވަނީ، ވަރަށް ބޮޑު ގޮންޖެހުންތަކާ ކުރިމަތިވެފައި ކަމަށް ޓިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިއީ އެ ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލްއިން ނެގި، އިސްނެގުމެއް ކަމަށެވެ.

"ގައުމީ ބޭންކުގެ ހައިސިއްޔަތުން މިފަދަ ދަނޑިވަޅެއްގައި މި ވިޔަފާރިތަކަށް އެހީތެރިކަންފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު މިއަދު މި ތައާރަފްކުރެވޭ ޝޯޓް ޓާމް ފައިނޭންސިން އަކީ މި ދަނޑިވަޅުގައި ދިވާމެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަރަށް އެކަށޭނެ ފައިނޭންސިން އެއް." ޓިމް ވިދާޅުވި އެވެ.

ބޭންކުން ބުނީ ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ ރިލޭޝަންޝިޕް މެނޭޖަރާ ގުޅައިގެން ނުވަތަ ބޭންކުގެ ބްރާންޗަކަށް ގޮސްގެން މި ހިދުމަތަށް ހުށަހެޅޭނެ ކަމަށެވެ. އަދި މި ފައިނޭންސިންއާ ގުޅޭ މައުލޫމާތު ބޭންކުގެ ކޮންޓެކްޓް ސެންޓަރު ނަންބަރު 3330200 އިން ލިބޭނެ ކަމަށެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މަންޒިލްތައް ކަމަށްވާ ޗައިނާ އާއި އިޓަލީ އިން ފަތުރުވެރިން ގެނައުން ވަނީ މަޑުޖައްސާލައިފަ އެވެ. އަދި މުހިއްމު މާކެޓުތައް ކަމަށްވާ ސްޕެއިން އިންވެސް މީހުން ގެނައުން މަޑުޖައްސާލާފައިވާއިރު، ޖަރުމަނާއި ފްރާންސް އަދި ސައުތުކޮރެއާގެ ބައެއް ސަރަހައްދުތަކުން މީހުން ގެނައުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

މިއާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ގައުމާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މި މަހުގެ ފުރަތަމަ 10 ދުވަހު އެކަނިވެސް ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 10 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ.

ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ގައުމުތަކުގެ ތެރެގައި ރާއްޖެ ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެެ.

"މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 ޕަސެންޓް ދަށަށް ހިނގައްޖެ. އަދި ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެއްޖެ،" ރައީސް، ވިދާޅުވެފައިވެ އެވެ.

މިހާރު ހަދާފައި ހުރި ބުކިންތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12-35 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

މިދިޔަ އަހަރު 1.7 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މި ހަފްތާ ކުރީކޮޅު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރަހުނަކާ ނުލައި ދޫކުރާ ވޯކިން ކެޕިޓަލް ފައިނޭންސިން ހިދުމަތްވެސް ތައާރަފްކޮށްފަ އެވެ.

comment ކޮމެންޓް