ސަރުކާރުން ހަރަދުކުޑަކޮށް އެއް ބިލިއަން ރުފިޔާ ސަލާމަތްކުރަނީ

ނޮވެމްބަރު 19، 2018: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުން -- ފޮޓޯ/ ރައީސް އޮފީސް

ކޮރޯނާވައިރަހުން އަންނަ ދަތިކަމުން އަރައިގަތުމަށް ސަރުކާރުގެ ހަރަދުތައް ކުޑަކޮށްގެން ބަޖެޓުން އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ސަރުކާރުން ނިންމައިިފި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ފަތުރުވެރިކަން ވަނީ، 29.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެއާ އެކު، ދައުލަތުގެ އާމްދަނީ ވެސް ވަރަށް ބޮޑަށް މަދުވެގެން ދާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

އިގްތިސާދީ މި ހާލަތުގައި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން ސުވާލުކުރުން، މިނިސްޓަރު އަލީ ވަހީދު މިއަދު "ސަން"އަށް ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް ވަރަށް ބޮޑެތި ލޮޅުންތަކެއް މިވަގުތު އަންނަމުންދާ ކަމަށެވެ. އިގްތިސާދަށް ވެސް މިއީ ވަރަށް އުނދަގޫ ވަގުތެއް ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަކޮށް ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ތެރޭގައި ސަރުކާރުގެ މުވައްޒަފުން މަދުކުރުމާއި މުސާރަ ކުޑަކުރުން ފަދަ ކަންކަން ކުރުމަށް ސަރުކާރުން ނިންމާފައި ނުވާ ކަމަށެވެ.

"މި މަދުކުރަނީ ސަރުކާރުގެ އެހެނިހެން ހަރަދުތައް. ދަތުރުގެ ހަރަދުތައް ކަހަލަ މިހެން ހުންނަ އިދާރީ ހަރަދުތައް މި މަދުކޮށްލަނީ. އެގޮތުން ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭ ގޮތަށް ހަރަދުތައް ކުޑަ މިކުރަނީ ސަރުކާރުގެ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ. "އެއްވެސް މުވައްޒަފަކު ވައްކެއް ނުކުރާނެ. މުސާރަ ކުޑައެއް ނުކުރާނެ. މިއީ ރައީސްގެ ޑައިރެކްޝަން ދެއްވި ގޮތް،"

ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ (މަޓާޓޯ) އިން ހާމަކޮށްފައިވާ ގޮތުގައި ދުވާލެއްގެ މައްޗަށް 1،300 އަށް ވުރެ ގިނަ ބުކިންސް ދަނީ ކެންސަލްވަމުންނެވެ. މިނިސްޓްރިއިން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް ކެންސަލްވި ބުކިންސްގެ އަދަދު ލައްކައަކަށް ވުރެ މައްށެވެ. އަދި ދައުލަތުގެ އާމްދަނީ އިން 700 މިލިއަނެއްހާ ރުފިޔާ މަދުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އޭނާ ވިދާޅުވީ، ކޮރޯނާވައިރަހުގެ ސަބަބުން އިގްތިސާދަށް އަންނަ ލޮޅުންތަކުގައި އެންމެ އާދައިގެ ރައްޔިތު މީހާއަށް ގެއްލުން ކުޑަވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން، މިވަގުތު އިގްތިސާދާއި ވިޔަފާރިތަކަށް ސަޕޯޓް ކުރުމަށް ރާއްޖޭގައި ހުރި ބޭންކުތަކާއި، އެމްއެމްއޭ އަދި ސަރުކާރު ގުޅިގެން ކޮންޓިންޖެންސީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެގޮތުން ވިޔަފާރިތަކަށް އަޅުގަނޑުމެން މި ދަނޑިވަޅުގައި ސަޕޯޓް ކޮށްދޭނެ. އަޅުގަނޑުމެން އެކައްޗެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާނީ މި ދަތި ވަގުތުގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ވެސް މިވަގުތު ސަރުކާރުން އަޅަމުން އަންނަ ރައްކާތެރި ކަމުގެ ފިޔަވަޅުތަަކަށް ފުރިހަމައަށް ސަޕޯޓް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންޑަސްޓްރީ ވެސް އޮތީ ސަރުކާރަށް ސަޕޯޓްކޮށް ދޭން ކުރެވެން ހުރި ކަމެއް ކުރުމަށް ތައްޔާރަށް ކަމަށެވެ.

"އިއްޔެ ޓޫރިޒަމްގެ މައި ޖަމްއިއްޔާތަކުގެ އެކްސްކޯއާ އަޅުގަނޑު ބައްދަލުކުރިން. އެ މީހުންގެ އެއްވެސް ދެކޮޅު ވެރިކަމެއް ނެތް. ފުރިހަމަޔަށް މި މެޝާތަކަށް ސަޕޯޓް ކުރައްވާ. މި ދަނޑިވަޅުގައި ގުޅިގެން އެންމެން އެކީގައި ކުރިއަށް ދިޔުމުގައި އެބޭފުޅުން ވެސް ތިއްބެވީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މިއަދު އެދިވަޑައިގެންނެވީ، ރިސޯޓްތަކުގެ މުވައްޒަފުން ވެސް މިވަގުތު ހާސްނުވުމަށެވެ. އަދި މަސައްކަތުގައި މާހައުލުގައި ސިއްހީ ގޮތުން އަޅަން ޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާތޯ އާއި މުވައްޒަފުންގެ ހައްގުތައް ކަށަވަރު ކުރޭތޯ މިނިސްޓްރީ އިން ބަލަމުންދާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

"މިނިސްޓްރީގެ މުވައްޒަފުން އެ ތިބީ އެންމެ ބޮޑަށް އެފެކްޓްވި ރިސޯޓްތަކުގައި ގްރައުންޑުގައި. އެބޭފުޅުން އެ ގެންދަވަނީ ހުރިހާ ކަމެއް ބައްލަވަމުން. ރިސޯޓް މުވައްޒަފުންގެ ހައްގުތައް ސަރުކާރުން ކަށަވަރުކުރާނެ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ. "ހެލްތު ޕްރޮފެޝަނަލުން ދޭ ލަފަޔާ އެއްގޮތަށް މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ރިސޯޓްތަކުން ކަށަވަރު ކުރޭތޯ އަޅުގަނޑުމެން ބަލާނަން. އެއީ އަޅުގަނޑުމެން ފަރުވާކުޑަކުރާނެ ކަމެއް ނޫން،"

އެގޮތުން، ބަންދުކުރުމަށް ފަހު ރިސޯޓްތައް އަލުން ހުޅުވީ ވެސް ސިއްހީ ދާއިރާގެ ބޭފުޅުން ކަށަވަރު ކުރަން ޖެހޭ ކަންކަން ކަށަވަރު ކުރުމަށް ފަހު ކަމަށް ވެސް މިނިސްޓަރު އަލީ ވިދާޅުވި އެވެ. އަދި ރިސޯޓްގައި ކަރަންޓީނުކޮށްފައިވާ ސަރަހައްދު އޮންނާނީ މުޅިން ވަކިކޮށްފައި ކަމަށާއި އެތަނުގައި އެކަހެރިކޮށްފައި ތިބޭ މީހުން އުސޫލުތަކާ އެއްގޮތަަށް އަމަލު ކުރޭތޯ އެޗްޕީއޭ އާއި ފުލުހުން އަދި ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުން ބަދަލުން ގެންދާނެ ކަމަށް ވެސް، މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުންނާ މުވައްޒަފުންގެ ސިއްހަތަށް އަޅުގަނޑުމެން އެއްވެސް ޗާންސެއް ނުނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް