ޓޫރިޒަމް އެކީހެން އިނދަޖެހި، ވަޒީފާތައް ގެއްލެނީ!

ރިސޯޓެއްގައި ރަމްޒީ ކައިވެންޏެއް ކުރަނީ: ކޮރޯނާ ވައިރަހާ އެކު ރާއްޖޭގެ ޓޫރިޒަމަށް މި ވަނީ ބަނަކަން ކުރިމަތިވެފައި -- ފޮޓޯ/ ސާވިސްޗާޖް މޯލްޑިވްސް

ކޮރޯނާވައިރަސްގެ ބަލިމަޑުކަމާ އެކު މުޅި ދުނިޔެއިން ވެސް އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފައި ވަނީ، ޓޫރިޒަމްގެ ސިނާއަތާއި ވައިގެ ދަތުރުފަތުރު، ނޫނީ އޭވިއޭޝަންގެ ސިނާއަތުގެ ވިޔަފާރިތަކަށެވެ. މީހުންގެ ޗުއްޓީ ދަތުރުތަކާއި އެހެން ވެސް ދަތުރުތައް އެކީހެން، ހުއްޓާލުމާ އެކު އެއާލައިންތަކުގެ އާމްދަނީއިން 113 ބިލިއަން ޑޮލަރު ގެއްލި އެއާލައިންތައް ވަނީ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ. ގިނަ ބޯޓުތައް ގްރައުންޑްކޮށް، އެތައް މުވައްޒަފުންނެއް ވަނީ މުސާރަ ނުލިބޭ ގޮތަށް ގެއަށް ފޮނުވާލައިފަ އެވެ.

ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލްތައް ފަޅުވެ، އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިގްތިސާދުތަކަށް ވައްދަމުން ދިޔަ މުޅި ދުނިޔޭގެ ޓޫރިޒަމް ސިނާއަތަށް ވަނީ "ކޮށިއަރައިފަ" އެވެ. ރާއްޖޭގެ އުފެއްދުންތެރިކަން، ނޫނީ ޖީޑީޕީގެ 60 ޕަސެންޓް ހިއްސާ ކުރާ ޓޫރިޒަމްގެ ސިނާއަތް ވެސް މި ވަނީ ކޮރޯނާވައިރަހުގެ ރާޅު ދަށުވެފަ އެވެ. ރާއްޖޭގެ އަގުބޮޑު ހަތްތަރީގެ ރިސޯޓްތަކުން ކުރިން ފެނުނު ހަލަބޮލިކަން ގެއްލި ވަނީ ފަޅުކަން ވެރިވެފަ އެވެ.

"މިދިޔަ ހަފްތާއެއްހާ ދުވަސް ތެރޭ މި ރިސޯޓްގެ އޮކިއުޕެންސީ 80-90 ޕަސެންޓްގައި ހުރެފައި 45 ޕަސެންޓް ހިސާބަށް މިހާރު ރިސޯޓްގެ އޮކިއުޕެންސީ ވެއްޓިއްޖެ. އިޓަލީ ބަންދުކުރުމާ އެކު، މި ހަފްތާ އެކަނިވެސް ހާހުން އަޅުގަނޑުމެންނަށް ބުކިން ކެންސަލްވެއްޖެ. އާ ބުކިންސް އަސްލު ނެތޭ ބުނާހާ ވަރުވޭ،" ރިސޯޓެއްގެ ޖީއެމްއަކު "ސަން"އަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ދުވަސްވަރަކީ އާންމުކޮށް 90 ޕަސެންޓަށް ވުރެވެސް މަތީގައި ރިސޯޓްގެ އޮކިއުޕަންސީ ހިފަހައްޓާލާ ދުވަސްވަރެކެވެ. އަދި މީގެ ކުރިން އެންމެ ދަށްވާ ސީޒަން ތަކުގައި ވެސް ރިސޯޓްގެ އޮކިއުޕަންސީ 50 ޕަސެންޓަށް ވުރެ ދަށްނުވެ ހިފަހައްޓާލެވެ އެވެ. އެހެން ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި އޮކިއުޕަންސީ އެއަށް ވުރެވެސް ދަށްވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

"ފަސްތަރީގެ ރިސޯޓެއް ބްރޭކްއީވަންގައި އޮޕަރޭޓް ކުރެވޭނީ އޮކިއުޕަންސީ 50 ޕަސެންޓަށް ވުރެ ދަށްނުވެ ހުރެގެން. އެހެން ނޫނީ އެއީ ވަރަށް އުނދަގޫ ކަމެއް ބްރޭކްއީވަން ކުރަން. މި ރިސޯޓްގައި ވެސް ކުރިއަށް އަންނަން ހުރި ބުކިންސްތައް ވަރަށް މަދު. އެއްގޮތަކަށް ވެސް ނެތޭ ބުނެވިދާނެ،" ކުރިން ވެެސް، ވާހަަކަ ދެއްކެވި ޖީއެމް ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު އެއް ގައުމަކުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަމުން ދިޔަ ޗައިނާ އަދި އިޓަލީގެ މާކެޓް ވަނީ އެކީ ބަންދުވެފަ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ 54 ޕަސެންޓް ޔޫރަޕުން އަންނަ އިރު، މުޅި ޔޫރަޕް ބައްރަށް ބަލިމަޑުކަން ފެތުރި، އެ ގައުމުތަކުގެ ސަރުކާރުންތަކުން ގެންދަނީ ރައްޔިތުން ދަތުރު ނުކުރުމަށް ބާރު އަޅަމުންނެވެ. މި ހުރިހާ ސަބަބުތަކަކާ ހުރެ ރާއްޖޭގެ އިގްތިސާދުގެ އެންމެ ބޮޑު ސިނާއަތަށް ކައިރި މުސްތަގުބަލެއްގައި ހިންދެމިލެވޭނެ ކަމަކަށް ނުފެނެ އެވެ.

ރިސޯޓެއްގެ މުވައްޒަފުން ހިދުމަތުގައި: ރާއްޖޭގެ ޓޫރިޒަމަށް ކުރާ އަސަރުގެ އެންމެ ބޮޑު ގެއްލުންވާނީ މުވައްޒަފުންނަށް -- ފޮޓޯ/ ވެލާ ރިސޯޓް

މުޅި ރާއްޖޭގެ ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރުވެސް މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނި، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ. މިދިޔަ ޖަނަވަރީ 26އިން ފެށިގެން މިހާތަނަށް 161،740 ބެޑްނައިޓް ކެންސަލްވެފައިވެ އެވެ.

މިހާރު ބުކިންތައް ކެންސަލްވަމުންދާ މި ނިސްބަތަށް ބަލާއިރު، މިއަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 12-35 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި ސާފު މޫދު ކިތަންމެ ޗާލުވެފައި ފަސްތަރި ރިސޯޓްތައް ގިނަ ނަމަވެސް ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތައް ވަނީ "ކުޑަކަކޫ" ޖެހިފަ އެވެ. މިދަނޑިވަޅުގައި ރާއްޖެއަށް ޓޫރިސްޓުން ގެންނަން ވަރަށް އުނދަގޫ ކަމަކަށް ވާނެ އެވެ. އެއީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ.

ޓޫރިޒަމް ދާއިރާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި، ރިސޯޓަށް ލިބޭ އާމްދަނީ މަދުވާ ނަމަ، ހަރަދުތައް ކުޑަކުރުން ނޫން ގޮތެއް ނޯންނާނެ އެވެ. އަދި މިދަތިކަމުގެ ތެރެއިން އަރައިގަނެ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންނަށް ކިހިނެއްތޯ މުސާރަ ދެނީ، އެވަރަށް ފައިސާ ނުލިބޭ ކަމަށް ވަންޔާ. އެންމެ ބޮޑު ހަރަދަކީ މުވައްޒަފުންނަށް މިދާ އެއްޗެއް. ދެން މުވައްޒަފުންނަށް މުސާރަ ނުދެވެންޔާ އަޅުގަނޑުމެންނަކަށް ނޯންނާނެ ދެން އޭގައި ކުރެވޭނެ ކަމެއް އެ އެންމެން ވަޒީދާ ދީފައި ބައިތިއްބައިގެން،" ޓޫރިޒަމް ދާއިރާގެ ބޭފުޅާ ވިދާޅުވި އެވެ.

ފެބްރުއަރީ 23، 2020: ކުރުނބާ މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ(މަޓީ)ގެ 30ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބައެއް ރިސޯޓްތަކުގެ މުވައްޒަފުން "ސަން"އަށް ބުނި ގޮތުގައި، އޮކިއުޕަންސީ ދަށްވުމުގެ ސަބަބުން މުވައްޒަފުންގެ ދެބައިކުޅަ އެއްބައި މަދުކުރަން ޖެހިދާނެކަން އެ ރިސޯޓްތަކުން އެ މީހުންނަށް ވަނީ އަންގައިފަ އެވެ. އަދި ބައެއް ރިސޯޓްތަކުން މިހާރުވެސް ދަނީ މުސާރަ ނުލިބޭ ގޮތަށް މުވައްޒަފުން ޗުއްޓީއަށް ފޮނުވަމުންނެވެ.

"އަޅުގަނޑުމެންނަށް މެނޭޖްމަންޓުން އެންގީ އެވަރަށް ޓޫރިސްޓުން ރިސޯޓްގައި ނެތިއްޔާ އަހަރުމެންގެ ބޭނުމެއް ނެތޭ މިވަގުތަށް. އެހެންވެ، ނޯޕޭ ދީފައި ރަށަށް ފުރަން ބުނީ. އަނެއްކާ ޓޫރިސްޓުން އަންނަން ފެށީމާ ވަޒީފާއަށް ނެރޭނަމޭ ބުނީ،" ރިސޯޓް މުވައްޒަފަކު ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ވިލާ ކުންފުނިން ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ މުސާރަ 10-50 ޕަސެންޓާ ދެމެދުގެ އަދަދަކަށް ކުޑަކޮށްލައިފަ އެވެ. ވިލާ ކުންފުނިން ބުނި ގޮތުގައި އެކަން ކުރަން ޖެހުނީ އެ ކުންފުނީގެ މައިގަނޑު އާމްދަނީ ބިނާވަނީ ޓޫރިޒަމްގެ ވިޔަފާރިއަށް ކަމުން އެ ވިޔަފާރިއަށް ހީނަރުކަން އައުމުންނެވެ.

ޓޫރިސްޓުންތަކެއް އއ. ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ: ކޮރޯނާވައިރަހާ އެކު ރަށު ފަތުރުވެރިކަމަށް ވަނީ އަސަރުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް ކުންފުނި ހިންގޭނެ އޮތް ހަމައެކަނި ގޮތަކީ މުވައްޒަފުންގެ މުސާރަ މިވަގުތަށް ކުޑަކުރުމެވެ،" ވިލާ ކުންފުނިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައިވެ އެވެ.

ބޮޑެތި ކުންފުނިތަކަށް މި ގެއްލުމުގެ އަސަރު މިހާބޮޑަށް ކުރަމުން އަންނަ އިރު، ގެސްޓްހައުސްތަކާއި ޓޫރިޒަމާ ގުޅިލާމެހިފައިވާ، މޫދު ކުޅިވަރުތަކާއި އެކްސްކާޝަން ވިޔަފާރިތަކަށް މިކަމުގެ އަސަރު ވަނީ ވަރަށް ބޮޑަށް ކުރަން ފަށައިފަ އެވެ.

ރިސޯޓްތަކުގައި މޫދު ކުޅިވަރުގެ ހިދުމަތް ދޭ ސެންޓަރެއް ހިންގާ މީހަކު ބުނީ، މީގެ ކުރިން އެ މީހުންގެ ދުވާލެއްގެ އާމްދަނީއަށް 3000-5000 ޑޮލަރާ ދެމެދުގައި އަދަދެއް ލިބޭ ކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާ ދުވާލެއްގެ މައްޗަށް 500 ޑޮލަރު ވެސް ނުޖެހޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ، 10 ވަރަކަށް މުވައްޒަފުން ލައިގެން އޭނާ އެ މަސައްކަތް ކުރާއިރު އެވަރު ލިބިގެން ވިޔަފާރި ހިންގުމުގެ ހަރަދު އޭނާއަށް ކަވަރު ކުރެވޭކަށް ނެތެވެ.

އއ. ތޮއްޑޫގައި ޗުއްޓީ ހޭދަކުރަމުން އަންނަ ޓޫރިސްޓަކު އެކްސްކާޝަންގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

"މިއީ މިއިން ދުވަހަކު ނުދާހާ ދަށަށް މިދިޔައީ. 500 ޑޮލަރުވެސް މިހާރު ނުޖެއްސޭ ދުވާލަކަށް. މިވަރު ލިބިގެން ދުވާލަކު މި ހިނގާ ހަރަދުވެސް ފޫނުބެއްދޭނެ،" އޭނާ ބުންޏެވެ.

ކޮރޯނާވައިރަސް ރާއްޖެއިން ފެނުނީ، އައި ޓޫރިސްޓުންގެ ގައިން ކަމަށް ވުމުން ވަރަށް ގިނަ ރަށްރަށުން ވެސް ޓޫރިސްޓުންނަށް މަރުހަބާ ކިޔަން މިހާރު ބޭނުމެއް ނުވެ އެވެ. އެއާ އެކު ރަށު ޓޫރިޒަމަށް ވަނީ މީގެ ކުރިން ދުވަހަކު ނުކުރާ ވަރުގެ ބޮޑު އަސަރެއްކޮށްފަ އެވެ. ބޭންކުން ބޮޑެތި ލޯނު ނަގައިގެން ހެދި ގެސްޓްހައުސްތައް ހުރީ ބަންދުކުރާ ހިސާބުގަ އެވެ. އެތަންތަނުގައި ތިބި މުވައްޒަފުންނަށް މުސާރަ ދޭނޭ ގޮތެއް ނޭނގެ އެވެ. އެ މީހުންގެ ލޯނު ދެއްކޭނެ ގޮތެއް ވެސް ނެތެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް "ސަން"އަށް ވިދާޅުވީ ސިނާއަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ވެސް ބޮޑުކަމަށެވެ. އެކަމަކު މިއީ ފަހަތަަށް ޖެހެން ޖެހޭ ވަގުތެއް ނޫން ކަމަށާއި އެންމެން އެކީ މަސައްކަތްކޮށްގެން މި ދަތިން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"ސަރުކާރާ ބޭންކުތަކާ ވާހަކަ ދައްކައިގެން އަޅުގަނޑުމެންގެ ކޮންޓިންޖެންސީ ޕްލޭންތަކެއް އެބަހުރި. ޓޫރިޒަމް ސިނާއަތަށް އިތުރަށް ކޭޝްފްލޯ ދެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަ ދޭނެ. އިންޑަސްޓްރީ އެކަނި ފައިޓް ކުރާކަށް ނުޖެހޭނެ. އަޅުގަނޑުމެން އެންމެންގެ ކަމެއް މިއީ. އަޅުގަނޑުމެން އެކުގައި ދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޖެނުއަރީ 30، 2020: ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޕްރެސްކޮންފަރެންސެއްގައި: ފަތުރުވެރިކަމަށް ކުރިމަތިވާ ދަތިތަކުން އަރައިގަނެވޭނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިސޯޓުތަކާއި ޓޫރިޒަމް ވިޔަފާރިވެރިންގެ ކިބައިން މިނިސްޓަރު އެދިވަޑައިގެންނެވީ، މުވައްޒަފުން މަދުކުރުމާއި އެ މީހުންގެ މުސާރަ ފަދަ ހަރަދުތައް ކުޑަނުކޮށް އެހެން ހަރަދުތައް ކުޑަކޮށްގެން މުވައްޒަފުންނަށް މިވަގުތު ރައްކާތެރިކަން ހޯދައިދިނުމަށެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ އެއްވެސް މެނޭޖުމެންޓަކުން ކުއްލި ޑިސިޝަންތައް ނުނަންގަވާށޭ. މުވައްޒަފުންނަށް ގެއްލުންވާނެ ގޮތަކަށް ކަންތައް ނުކުރައްވާށޭ،" މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިއީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ޓޫރިޒަމަށް އަންނާނެ އެންމެ ބޮޑު ތަދުމަޑުކަމެވެ. ސުނާމީގައި ޓޫރިޒަމަށް އެރި ލޮޅުމަށް ވުރެ މި ލޮޅުމުގެ ބާރު މާ ގަދަވާނެ އެވެ. މި ވޭން މުޅި ދިވެހި އިގްތިސާދުގައި އަޅާނެ އެވެ. މިއީ ޓޫރިޒަމް ސިނާއަތާއި މުޅި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާ ނިކަން ވަރުގަދަ ލޮޅުމެކެވެ. އެ ލޮޅުމުގެ ރާއްޖޭގެ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީ 5.6- އަށް ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް