މާވާރުލު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

މާވާރުލު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން -- ފޮޓޯ: މޯލްޑިވިއަން

ގދ މާވާރުލުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.

އެ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިއަދު 11:12 ހާއިރުއެވެ. ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން މީގެ ކުރިން ބުނެފައިވަނީ އެ އެއާޕޯޓަށް މި މަހުގެ ތެރޭ ދަތުތުރައް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު "ސަން" އަށް ވިދާޅުވީ އޭވިއޭޝަން ސެކިޔުރިޓީ އާއި ސިވިލް އޭވިއޭޝަން އިން އިތުރަށް ބަލަންޖެހޭ ކަންތައް ބެލުމަށްފަހު، އެއާޕޯޓުގައި ރަނގަޅު ކުރަންޖެހޭ ކަމެއް ހުރި ނަމަ އެކަން އިސްލާހުކޮށް މިމަހުގެ 20 ވަނަ ދުވަހު މާވާރުލަަށް ޝެށިއުލް ދަތުރުތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ.

"ދުވާލަކު އެއް ފްލައިޓު ބޭއްވޭތޯ މަސައްކަތް ކުރާނީ. އައިލެންޑް އޭވިއޭޝަނުން ޑިމާންޑަށް ބަލާފައި ފްރެކުއެންސީ އިތުރު ކުރާނެ. މި ސަރަހައްދުގައި އެއާޕޯޓެއް ހުޅުވުމަކީ މި ސަރަހައްދުގެ ރިސޯޓުތަކަށް އަންން ފަތުރުވެރިން އުފުލުމަށް ބޮޑު ލުޔަކަށް ވާނެ،" ހަމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އެއާޕޯޓާއެކު އެ ސަރަހައްދުގެ ވިޔަފާރިތަކަށްވެސް ފަސޭހަވާނެ ކަމަށާއި ކަނެކްޓިވިޓީ ރަނގަޅުވާނެ ކަމަށެވެ.

މާވާރުލުގައި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުގެ ޖޫން މަހު އެވެ. އެ އެއާޕޯޓްގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. ޖުމްލަ 1.2 ކިލޯ މީޓަރުގެ ރަންވޭ އަކާއެކު ތަރައްގީ ކުރާ މި އެއާޕޯޓުގެ މަސައްކަތްމި އަހަރުގެ ކުރީކޮޅު ނިންމާ ދަތުރު ފެށޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ގދ. މާވާރުލުގެ އިތުރުން އެ އަތޮޅު ފަރެސްމާތޮޑާގައި ވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން ސްޕީޑް ލޯންޗުގައި 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި އެއާޕޯޓުތައް ތަރައްގީ ކުރުމެވެ.

comment ކޮމެންޓް