ޓޮޓެންހަމް ބަލިކޮށް ލިޕްޒިގް ފުރަތަމަ ފަހަރަށް ކުއާރޓާއަށް

ޓޮޓެންހަމް ކޮޅަށް ގޯލު ޖެހުމަށްފަހު ލިޕްޒިގްގެ ފޯވާޑް އުފާފާޅު ކުރަނީ --- ފޮޓޯ/ ނިކޮލަސް މެގީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެ ލެގުން ވެސް ޓޮޓެންހަމް ބަލިކޮށް ތާރީހުގައި ފުރަތަމަ ފަހަރަށް އާރްބީ ލިޕްޒިގް ކުއާރޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

ލިޕްޒިގްގެ ރެޑްބުލް އެރީނާގައި ރޭ ކުޅުނު އެ މެޗުން ޓޮޓެންހަމްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-3 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ލިޕްޒިގް ފުރަތަމަ ފަހަރަށް ކުއާރޓާއަށް ދަތުރުކުރީ 0-4ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ލިޕްޒިގް އަކީ މީގެ 10 އަހަރު ކުރިން އުފެދިގެން އައިސް ޖަރުމަނުގެ ހަތަރުވަނަ ޑިވިޝަނުން ފުޓުބޯޅަ ފެށި ކުލަބެކެވެ. އެކަމަކު ހަތް އަހަރު ތެރޭ ފުރަތަމަ ޑިވިޝަނުގައި ކުޅެން ފަށައި މިހާރު އެ ޓީމަކީ ޖަރުމަނުގެ ގަދަ ބާރެކެވެ. މިވަގުތު ލީގުގެ ދެވަނައިގައި އެ ޓީމު އޮތް އިރު މީގެ ކުރިން 2017-2018 ވަނަ ސީޒަނުގައި ލިޕްޒިގް ވަނީ ޔޫރޮޕާ ލީގުގެ ކުއާރޓާ ފައިނަލަށް ވެސް ދަތުރު ކޮށްފަ އެވެ.

ރޭގެ މެޗުން ލިބުނު ބައްޔާ އެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ޓޮޓެންހަމްގެ ހާލަތު ވަނީ އިތުރަށް ގޯސްވެފަ އެވެ. އެންމެ ފަހުން ކުޅުނު ހަ މެޗުން ވެސް މޮޅެއް ލިބިފައި ނުވާ ޓޮޓެންހަމް މިއީ ހަތަރު ގޯލުގެ ތަފާތަކުން ޗެމްޕިއަންސް ލީގުގައި ކެޓި ތިން ވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމު ވަނީ 2010-11 ވަނަ ސީޒަނުގައި 0-5ގެ އެގްރިގޭޓް އަކުން ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ. އަދި 2015-16ގައި ބުރޮޝިއާ ޑޯޓްމަންޑް އަތުން ވެސް 1-5 އިން ވަނީ ބަލިވެފަ އެވެ.

އުމުރުން އެންމެ 32 އަހަރުގެ ޖޫލިއަން ނެގްލަސްމަންގެ ކޯޗުކަމުގައި ލިޕްޒިގުން ރޭ ކުޅުނު މެޗުގައި އެ ޓީމަށް ގޯލު ހުޅުވައިދިނީ މާސެލް ސެބިޓްޒާ އެވެ. މެޗުގެ 10 ވަނަ މިނަޓުގައި އޭނާ ޖެހި އެ ގޯލާއެކު ޓޮޓެންހަމަށް ސިހުން ގެނުވި އިރު 21 ވަނަ މިނަޓުގައި ސެބިޓްޒާ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. ލިޕްޒިގްގެ ތިން ވަނަ ގޯލަކީ މެޗު ނިމެން ދަނިކޮށް އެމިލް ފޯރސްބާގު ޖަހައިދިން ގޯލެކެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ކުޅުނު ދެވަނަ މެޗުގައި 3-4 އިން ވެލެންސިއާ ބަލިކޮށް އެޓްލަންޓާ ވެސް ވަނީ ކުއާރޓާއަށް ދަތުރުކޮށްފަ އެވެ. އެޓްލަންޓާ ކުއާރޓާއަށް ދަތުރު ކުރީ 4-8 ގެ ބޮޑު އެގްރިގޭޓް ނަތީޖާއަކުންނެވެ.

comment ކޮމެންޓް