ކޮވިޑް ނަވާރަޔާ ބެހޭ ބައެއް ވާހަކަތައް

މެލޭޝިއާ ރައްޔިތުންތަކެއް މާސްކު އަޅައިގެން ---

ސުރުޚީގައި އެ އޮތީ މުޅި ދުނިޔެއަށް ފެތުރެމުންދާ ނުރައްކައުތެރި ބަލިމަޑުކަމަށް ކިޔާ ނަން އޮންނާން ވީ ގޮތަށް ނޫން ކަމުގައި ވެދާނެއެވެ. ނަމަވެސް އެއީ މި ވަގުތަށް މައްސަލަޔަކަށް ނުހަދައި، މުހިއްމު ނުކުތާތަކަށް ސަމާލުކަން ދެމާ ހިންގަވާށެވެ.

ޗައިނާގެ ވޫހާން ފަރުވިންސުން ފައުޅު ވެގެން މިހާރު ގާތްގަނޑަކަށް މުޅި ދުނިޔޭގެ ހުރިހައި ހިސާބަކަށް ފެތުރިފައިވާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަކީ ނުރައްކައުތެރި ބައްޔެކެވެ. ބައްޔެއް ނުރައްކައުތެރި ވަނީ ހަމައެކަނި އެ ބަލީގެ ސަބަބުން މަރު ވާ މީހުން އާދަޔާ ޚިލާފަށް ގިނަ ވެގެން ކަމުގައި ނުވެދާނެއެވެ. އެ ބައްޔަކަށް ވެކްސިނެއް ނެތް، ވަކި ފަރުވާއެއް ނެތް، އަދި ބަލި ޖެހޭ މީހާގެ ފުރާނަޔަށް ގެއްލުން ދީފާނެ ކޮންމެ ބައްޔަކީ ނުރައްކައުތެރި ބައްޔެކެވެ. އެހެންކަމުން، އެފަދަ ބައްޔެއް ދުނިޔޭގައި ފެތުރެމުން ދާ ނަމަ، ރައްކައުތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަޔަށް އެޅުމަކީ ކޮންމެ ގައުމެއްގައި ވެސް ކުރާން ޖެހޭނެ ކަމެކެވެ.

ދިވެހިރާއްޖޭގައި މި ހާލަތާ ގުޅިގެން އަޅާން ޖެހޭ ފިޔަވަޅުތައް އެޅިފައި ވަނީ ނަމަ، ރަނގަޅެވެ. އެ ޒިންމާޔާ ހަވާލު ވެގެން ތިބި ފަރާތްތަކަށް ޝުކުރެވެ. ނަމަވެސް އަޅާން ޖެހޭ ފިޔަވަޅުތައް އެޅިފައި ނުވާ ނަމަ، އެ ފަރާތްތައް މިހާރުން މިހާރަށް ޒިންމާގެ މަގާމުތަކުން ދުރު ވާން ވީއެވެ. އިތުރަށް އެ ބަޔަކު ދައްކާނޭ ވާހަކައެއް، ކުރާނޭ ކަމެއް ނޯންނާނެއެވެ. ފިޔަވަޅުތައް ހުރީ އެޅިފައިތޯ ނުވަތަ ނޫންތޯ، މި ސުވާލާ މެދު ނިޔާ ކަނޑައަޅާކަށް އަޅުގަނޑު ގަސްދެއް ނުކުރަމެވެ.

އެކަމަކު ވަރަށް ބޮލަށް އުނދަގޫ ވާ އެއް ކަމެއް އެބަ ހިނގައެވެ. އެ ކަމަކީ ތަނެއްދޮރެއް ނުދަންނަ، ޚަސީލަތް ނުބައި، އަދި ގިޔާދަތު ނުވަތަ ލީޑަރޝިޕްގެ އެއްވެސް ހުނަރެއް، އެއްވެސް އުރައްޕެއް ނެތް މީހުން ގައުމުގެ ބޮޑެތި ގޮނޑިތަކުގައި ތިބެގެން މިކަމާ ގުޅިގެން އިރުއިރުކޮޅާ ދައްކަމުންދާ ބޭކާރު ވާހަކައެވެ. ބަލި ރާއްޖެޔަށް އަންނާނެޔޭ، ފަރުވާ ދޭނީ އެވަނި ތަނެއްގައޭ ނުވަތަ މިވަނި ތަނެއްގައޭ، ބުނެ ދައްކަމުން ގެންދާ ވާހަކަތަކެވެ.

މި ހާލަތުގައި ބަސް ބުނާން ޖެހޭ ބަޔަކީ ކަމާގުޅޭ ޓެކްނޯކްރޭޓުންނެވެ. ބޭސްވެރިކަމާއި އެޕިޑެމިޔޮލޮޖީ ފަދަ ދާއިރާތަކުން ކިޔަވައިގެން ތިބި މީހުންނެވެ. އެ ދާއިރާތަކުން ގައުމުގެ ކަންކަން އިންތިޒާމު ކޮށް ބެލެހެއްޓުމުގެ މަސްއޫލިއްޔަތާ ހަވާލު ވެގެން ތިބި މީހުންނެވެ. އެފަދަ މީސްމީހުން ބުނާ ބަހަކީ، މި ކަމުގައި ސަރުކާރުން އަމަލު ކުރާން ޖެހޭ ގޮތެވެ. އެފަދަ މީހުން ބަސް ބުނީމާ، ދެން ސަރުކާރުން ވިޔަސް އަދި އެހެން ފަރާތަކުން ވިޔަސް، އެކަމަށް ސީރިޔަސް ނުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެކެވެ.

މިސާލަކަށް، ޑރ. ޢަބްދުﷲ ނިޔާފް ވަނީ މި ހާލަތުގައި ބުއްދިވެރި ގޮތަކީ މަދަރުސާތައް ބަންދު ކުރުން ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް އަދި އެފަދަ ފިޔަވަޅެއް އަޅާން އުޅޭކަމުގެ ނިޝާނެއް ނުފެނެއެވެ. ޑރ. ނިޔާފު ހަމަ ވިދާޅުވާ އިރަށް މަދަރުސާތައް ބަންދު ކުރުމަކީ އަމަލު ކުރާން ޖެހޭ ގޮތް ކަމުގައި ނުވެދާނެއެވެ. އެހެން ނަމަވެސް ބޭސްވެރިކަމުގެ ދާއިރާގެ އެފަދަ އިސް ބެއިފުޅަކު އެހެން ވިދާޅުވުމުން، އޭނާ އާއި އަދި އެހެން ޑޮކްޓަރުންނާއި އެޕިޑެމިޔޮލޮޖީގެ ތަޖުރިބާކާރުންނާ ވަގުތުން އިތުރަށް މަޝްވަރާ ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އުއްމީދު ކުރެވެނީ ސަރުކާރުން މި ޒިންމާ އަދާ ކުރައްވާނެ ކަމަށެވެ.

ދެން އޮތީ ބަލި ޖެހިފައި ހުރި ފަތުރުވެރިޔަކު "ފޮރުވައިގެން" ގެންގުޅުނު ކަމަށް ބުނެ ތުންތުންމަތީން ދެކެވެމުންދާ ވާހަކައެވެ. އެއީ ކިހައިވަރެއްގެ ހަގީގަތެއް އޮތް ވާހަކައެއް ކަމެއް ނޭނގެއެވެ. އެޔެއް އެނގޭނީ ތަހުގީގު ކޮށް ބެލީމައެވެ. ތަހުގީގެއް މިހާރު ދަނީ ކުރެވެމުންނެވެ. އެ ތަހުގީގުން ހަގީގަތް އެނގޭނެކަމުގެ އުއްމީދު އެބައޮތެވެ. ހަމައެހެންމެ، އެ ކަމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ނުވަތަ ގޯހެއް ނެތް ނަމަ، ވަރަށް ވެސް ރަނގަޅެވެ. ނަމަވެސް މި ކަމުގައި ރިސޯޓުން އެއްވެސް ކަހަލަ މަކަރެއް، ހީލަތެއް ހަދައި، ބަލިމީހާ ފޮރުވައިގެން ގެންގުޅެ، އޭނާގެ ގައިން ކޮރޯނާ ވައިރަހުގެ އަސަރު ފެނުނުކަން ސިއްރު ކޮށްގެން އުޅެފައި ވަނީ ނަމަ، ދޭން ވާނީ އެންމެ ހަރުކަށި އަދަބެވެ. ކުޅޭކުޅޭ ނުވަތަ ސަމާސާ ގޮތެއްގައި މިކަން ފަސްދީ ދިޔަދީގެން ނުވާނެއެވެ. އިންސާނުންގެ ފުރާނަޔާއި ރައްކައުތެރިކަމަށް ވުރެ، ތިމާމެންގެ ވިޔަފާރީގެ މަސްލަހަތުތައް އިސް ކުރާ ބަޔަކަށް މުޖުތަމައެއްގައި އާއްމު ދިރިއުޅުމެއްގައި އުޅުމުގެ އެއްވެސް ހައްގެއް އޮންނާނޭ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ކޮންމެއަކަސް މި ވަގުތަކީ ގައުމަށް ކުރިމަތި ވެފައިވާ ޚުތޫރަތްތެރި ވަގުތެކެވެ. ރައްޔިތުންގެ ފުރާނަޔަށް ވެސް ގެއްލުން ލިބިދާނޭ ހާލަތެއް މެދުވެރި ވެފައި އޮތް ވަގުތެކެވެ. މި ވަގުތު ބިރުވެރިކަމާއި ހާސްކަމަށް ދީލައިލައި، ތެޅިފޮޅިގަތުމަކީ ވެސް ގޯހެކެވެ. ހަމަ އެހެންމެ "ކޮރޯނާ ވައިރަސްކަން ޔަގީން ނުވާ އިރު ސްކޫލްތައް ބަންދު ކުރާކަށް ނުޖެހޭ" ފަދަ ދޯހަޅި ވިސްނުންތަކަށް ޖާގަ ދީގެން، ހުން އައިސް ވެއްޓި ހެއި ނެތުމުން ނޫނީ ރަޖާ ނުލާން ތިބުމަކީ ވެސް ގޯހެކެވެ. މި ވަގުތަކީ އެންމެން ގުޅިގެން، ގައުމާއި ރައްޔިތުންގެ ހައްގުގައި ބުއްދިވެރިކަމާއި ހިކުމަތްތެރިކަމާ އެކު އަމަލު ކުރާން ވީ ވަގުތެކެވެ. އެންމެ މުހިއްމު ކަމަކަށް، މި ވަގުތަކީ މާތްރަސްކަލާނގެ ރަޙުމަތްޕުޅުގެ ދޮރުކޮޅުތައް ހުޅުވޭނެ ގޮތަށް ގައުމުގެ ހާލަތު ބަދަލު ކޮށް ދެމެހެއްޓުމާ މެދުގައި ވެސް އިހުނަށް ވުރެ ފުންކޮށް ވިސްނާން ވީ ވަގުތެކެވެ.

comment ކޮމެންޓް