މިސަރުކާރުން ބިންގާ އަޅާ ފްލެޓުތަކުގައި ދައުރު ނުނިމެނީސް ދިރިއުޅެން ފެށޭނެ: އަސްލަމް

ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް --- ސަން ފޮޓޯ: ފަޔާޒު މޫސާ

މި ސަރުކާރުން ބިންގާ އަޅާ ފްލެތުތަކުގައި، ދައުރު ނިމުމުގެ ކުރިން ރައްޔިތުންނަށް ދިރިއުޅެން ފެށޭނެ ކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން އަޅާ 1،700 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުން އަޅަންފެށި އެއްވެސް އިމާރާތަކަށް، އެއްވެސް ގެއަކަށް އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރައްޔިތަކު ވަދެފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ފަސް އަހަރުގެ ދައުރުގެ ތެރޭގައި މާލޭގެ ގިނަ އާއިލާތަކަކަށް، ގިނަ ރައްޔިތުން ތަކަކަށް ބޯހިޔާވަހިކަމަށް ހައްކެއް ހޯދައިދޭނަން،" އަސްލަމް ވިދާޅުވިއެވެ.

https://sun.mv/132708

އަސްލަމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މި ސަރުކާރު ސްލޯއޭ ބުނާ ކަމަށާއި އެކަމަކު މިދިޔަ ސަރުކާރުގެ ފަސް އަހަރު ކަމަށްވާ 2013 އިން 2018 އަށް ބަލާއިރު އެ ސަރުކާރުން ހައުސިންގެ މަޝްރޫއެއް ފެށީ 2017 ވަނަ އަހަރު ކަމަށެވެ.

އެ ސަރުކާރުން އޭގެ ކުރިން ކަމަކީ އެމްޑީޕީގެ ސަރުކާރުގައި ފަށާފައި ހުރި މަޝްރޫއުތަކުގެ މަސައްކަތްކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި އެބޭފުޅުން ގެއެއް އަޅުއްވަން ފެއްޓެވީ 2017 ވަނަ އަހަރު. އެބޭފުޅުން ކުރެއްވި ކަމަކީ އޭގެ ކުރީގައި، 2013 އިން 2016 އަށް ކުރެއްވި ކަމަކީ އޭރު އަޅުގަނޑުމެންގެ ސަރުކާރުން ކުރަނފަށާފައިވާ މަސައްކަތްތައް ކުރިއަށް ގެންދިޔުން. ދައުރުގެ ހަތަރު ވަނަ އަހަރު އެބޭފުޅުންނަށް ގެދޮރު ބިނާ ކުރުމުގެ މަސައްކަތް ފެއްޓެވުނީ،" އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ވެސް ކުރެއްވި އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ފެށި މަޝްރޫއަކީ މާލޭ ރައްޔިތުންގެ ތެރެއިން ގެދޮރުގެ ދަތިކަން ހުރި ނިކަމެތިންނަށް ހާއްސަ ކޮށްގެން ފެށި ހައުސިން މަޝްރޫއެކެވެ. ކުރިއަށް އޮތްތަނުގައި މާލޭގައި އުޅޭ މެދުފަންތީގެ އާއިލާތަކަށް ހާއްސަ 4000 ހައުސިން ޔުނިޓުގެ މަޝްރޫއެއް ވެސް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މެދުފަންތީގެ އާއިލާތަކަކީ ގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ތަހަންމަލު ކުރާ މީހުން ކަމަށެވެ.

މި ހައުސިން ޔުނިޓުތަކުގެ އަގު ހުންނާނީ ރައްޔިތުންނަށް އަތްފޯރާފަށުގައި ކަމަށާއި އެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ބިންގާއެޅި ފްލެޓުތަކަކީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓު ހިމެނޭ ފްލެޓުތަކެކެވެ. މީގެ ތެރެއިން ތިންކޮޓަރީގެ އެޕާޓުމެންޓުގައި 900 އަކަފޫޓު އަދި ދެކޮޓަރީގެ އެޕާޓުމެންޓުގައި 680 އަކަފޫޓު ހުންނާނެ ކަމަށާއި މިއީ މާލެ ސަރަހައްދުގެ ގެދޮރުގައި މިހާރު އާންމުކޮށް ހުންނަ ބޮޑުމިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ކުރީ ސަރުކާރުގެ ހިޔާ ފްލެޓިތަކުގެ ސައިޒު ކުޑަކަމަށް ވިދާޅުވެ އެތަންތަނުގައި މީހުން ދިރިއުޅެން ފެށުމުން ދަތިތައް ކުރިމަތިވާނެކަމަށްވެސް ވިދާޅުވެފައެވެ. ހިޔާ ފްލެޓުތަކުގެ ބޮޑުމިނަކީ 550 އަކަފޫޓެވެ. މިއީ ދެ ކޮޓަރީގެ އެޕާޓްމެންޓުތަކެކެވެ.

މިއަދު ފެށި ހައުސިން މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ އާއެވެ. މި މަޝްރޫއު ދެ އަހަރު ތެރޭ ނިންމާލެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ގެދޮރުގެ ދަތިކަން ކަމަށާއި އެ ޝަކުވާއަށް މި ސަރުކާރުން ނިމުން ގެނެސްދޭނެ ކަމަށެވެ.

comment ކޮމެންޓް