މިދައުރުގެ ފަހު އެކްސްކޯ މީޓިންގް އެފްއޭއެމުން ބާއްވައިފި

އެފްއޭއެމްގެ މިދައުރުގެ ފަހު އެކްސްކޯ ބައްދަލުވުން --- ފޮޓޯ// ބައްސާމްގެ ޓްވިޓާ

އެފްއޭއެމްގެ 2016-2020 ވަނަ ދައުރުގެ އެންމެ ފަހު ހިންގާ ކޮމިޓީގެ ބައްދަލުވުން އެ އިދާރައިގައި މިއަދު ބާއްވައިފި އެވެ.

އެފްއޭއެމްގެ އިންތިހާބު މި މަހުގެ 20 ވަނަ ދުވަހު ބާއްވަން އިއުލާންކޮށް، އިންތިހާބުގައި ވާދަ ކުރެއްވި ހަމައެކަނި ކެނޑިޑޭޓް، މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކެނޑިޑެސީ އެފްއޭއެމުން ފައިނަލު ކޮށްފައިވާ އިރު މިއަދު ވަނީ އެފްއޭއެމްގެ ނިމިދިޔަ ދައުރުގެ އެންމެ ފަހުގެ އެކްސްކޯ ބައްދަލުވުން ބާއްވާފަ އެވެ.

ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އާ ވާދަކޮށް އެފްއޭއެމްގެ ރައީސްގެ މަގާމަަށް ބައްސާމް ފުރަތަމަ ފަހަރަށް އިންތިހާބުވެ ވަޑައިގަތީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭރު އޭނާ ގެންދެވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެއްޓަރީގެ މަގާމު ފުރުއްވަމުންނެވެ. އެ އިންތިހާބު ބައްސާމް ކާމިޔާބު ކުރެއްވީ 14 ވޯޓާ އެކު އެވެ. ތޯރިގަށް ލިބުނީ 11 ވޯޓެވެ.

ބައްސާމުގެ އިންތިހާބުވުމާ އެކު ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް އޭރު ވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ. އަދި ނައިބް ރައީސަކީ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ.

ބައްސާމުގެ އެކްސްކޯގައި ދެން ހިމެނިވަޑައިގަތީ މަޖިލީހުގެ ދުވާފަރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަލީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ޝަހުދީ އާއި މަޑަވެލީ ދާއިރާގެ ކުރީގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދާއި ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެމެމްބަރު އަލީ ޝާހު އަދި މޯލްޑިވްސް ގޭސްގެ ކުރީގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާއު އެވެ.

އެކަމަކު ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ބައްސާމްގެ އެކްސްކޯއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް ސިޔާސީ ފަރާތްތައް ދުރުކޮށް ފުޓުބޯޅައިގެ ޓެކްނިކަލް މީހުން މަގާމުތަކަށް ހަމަޖައްސައިފަ އެވެ.

ކުރިއަށް އޮތް އިންތިހާބުގައި ބައްސާމްގެ އެގެޒެކެޓިވް ކޮމިޓީގައި ސީނިއާ ނައިބު ރައީސް އަކީ، އެފްއޭއެގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީގެ މަގާމުގައި އަދާ ކުރައްވަމުން އަންނަ، ކުރީގެ ފޯވަޑް އަލީ އުމަރު، ދެ ވަނަ ނައިބު ރައީސް އަކީ މިހާރު ވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

ބައްސާމުގެ އެކްސްކޯ މެންބަރުންގެ ތެރޭގައި ދެން ހިމެނެނީ، މިހާރުގެ ސީނިއާ ނައިބު ރައީސް އަހްމަދު ޝަކީބު، މިހާރު ވެސް އެކްސްކޯ މެންބަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ މިހާރު ވެސް އެފްއޭއެމްގެ އިސް މަގާމެއް ފުރަމުން އަންނަ އާމިނަތު ޝާނީޒް (ޝާނީ) އެވެ.

comment ކޮމެންޓް