ހުޅުމާލޭގައި އަޅާ 1700 ހައުސިން ޔުނިޓްގެ ބިންގާއަޅައިފި

ފްލެޓްތަކުގެ ބިންގާ އަޅަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 1700 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޔުނިޓުތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އާއި ސައިނޯ ހައިޑްރޯ ކުންފުނީގެ ނައިބު ރައީސް އަދި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އެވެ.

މިއީ މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ފުރަތަމަ ހައުސިން މަޝްރޫ އެވެ.

ޗައިނާގެ ސައިނޯ ހައިޑްރޯ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައި ވަނީ 15 އަދި 16 ބުރީގެ 11 ޓަވަރެވެ. މި 11 ޓަވަރުގައި 1700 ހައުސިން ޔުނިޓު ހުންނާނެ އެވެ. މި އިމާރާތްތަކުގައި ހަދަނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.

ސައިނޯ ހައިޑްރޯ އިން ވަނީ މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތުގެ އިތުރުން، އާ އޭޕްރަންގެ މަސައްކަތް ވެސް ކޮށްފަ އެވެ. މީގެ އިތުރުން ހުޅުމާލޭގައި ސިންތެޓިކް ދުވާ ޓްރެކްގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ކޮށްފަ އެވެ.

މި ސަރުކާރުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ބިންގާ މިއަދު އަޅާފައިވާ އިރު މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރީ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓުތައް ކުރީ ސަރުކާރުން ވައުދުވި ގޮތަށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޓަކައި އިތުރު 3،000 ހައުސިން ޔުނިޓު އަޅަން ނިންމާފައިވާ ކަމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އެދުވަހު ވިދާޅުވީ ރިޔާސީ އިންތިހާބުގައި މާލޭގެ ރައްޔިތުންނަށް 4،000 ހައުސިން ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވިކަމަށާއި ފަހުން ކުރި ދިރާސާތަކުން އެއަށް ވުރެ ގިނައިން މާލޭ ރައްޔިތުންނަށް ހައުސިން ޔުނިޓު ބޭނުންވާކަން ހޯދިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެ ދިރާސާގެ އަލީގައި އެއަށް ބަދަލު ގެނެސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރަށްވެހިންނަށް އިތުރަށް ބޭނުންވާނޭ ބޯހިޔާވަހިކަމުގެ މަސައްކަތް ވެސް ކުރުމުގެ މަސައްކަތް ފަށަމުން. މިގޮތުން، ކުރިއަށް މިއޮތް މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ފުރަތަމަ އަޅަން ގަސްދުކުރާ 1،700 ހައުސިން ޔުނިޓާއި، 1،300 ހައުސިން ޔުނިޓް، މުޅިއެކު 3،000 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުރިން ވައުދުވި 4،000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވަނީ އެ ދުވަހު ވިދާޅުވެފަ އެވެ.

comment ކޮމެންޓް