"ރެއާލުން ބޭނުން ނަމަ އަނބުރާ ދާން ތައްޔާރު"

ބްރޮޝިއާ ޑޮޓްމަންޑުގެ ޑިފެންޑަރު އަޝްރަފް ހަކީމީ.

ސްޕެއިނުގެ ގަދަބާރެއް ކަމަށްވާ ރެއާލް މެޑްރިޑުން ބޭނުން ނަމަ ޖަރުމަނުގެ ބޮރޫޝިއާ ޑޮޓްމަންޑުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ހުރި އަޝްރަފް ހަކީމީ އަނބުރާ އެކުލަބަށް ދާނެ ކަމަށް އޭނާ ބުނެފި އެވެ.

ޒުވާން އުމުރެއްގައި ރެއާލްގެ ފުރަތަމަ އެގާރައިން އަޝްރަފްއަށް ފުރަސަތު ދިން ނަމަވެސް އޭނާ ވަނީ 2018 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުން ޑޮޓްމަންޑަށް ގެންގޮސްފަ އެވެ. ޖަރުމަނުގެ ބުންޑެސްލީގާގައި މިހާރު އެންމެ ވިދުންގަދަ ޑިފެންޑަރުންގެ ތެރޭގައި އަޝްރަފް ހިމެނޭ އިރު މި ސީޒަން ނިމުމާ އެކު އޭނަގެ ލޯން އެއްބަސްވުމުން ވެސް ހަމަވާނެ އެވެ.

ވުމާއެކު ރެއާލުން ބޭނުން ނަމަ އަނބުރާ އޭނަ ގެނައުމުގެ ބާރު އެކުލަބަށް އޮތް އިރު ރެއާލް ބޭނުންވާ ނަމަ އެހެން ކުލަބަކަށް ލޯނަށް ދޫކޮށްލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެކަމަކު އުމުރުން 21 އަހަރުގެ ޑިފެންޑަރުގެ އުންމީދަކީ ރެއާލުން އޭނަ ގަބޫލުކޮށް ފުރުސަތު ދިނުން ކަމަށް އަޝްރަފް ބުންޏެވެ.

"ރެއާލް މެޑްރިޑް އަކީ އަހަރެންގެ ގެ. އެ ކުލަބަކީ އަހަރެންގެ ފުޓުބޯޅަ ކެރިއަރުގައި މުހިއްމު ދުވަސްތަކެއް ހޭދަކޮށް ގިނަ މެޗުތަކެއް ކުޅުނު ކުލަބެއް،" އަޝްރަފް ބުންޏެވެ.

އޭނާ ބުނީ ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން އަކީ އޭނާއަށް ޕްރޮފެޝަނަލް ފުޓުބޯޅައިގެ ކެރިއަރެއް ބިނާކޮށްދީ ހިތްވަރު ދިން ފަރާތެވެ. އެހެން ކަމުން އަނބުރާ ރެއާލަށް ގޮސް ޒިދާންގެ ކޯޗުކަމުގައި ކުޅުމަކީ އެންމެ ބޭނުންވާ ކަންތައް ކަމަށް އަޝްރަފް ބުންޏެވެ.

"ރެއާލުން ބޭނުން ނަމަ ދާން ތައްޔާރަށް މިހުރީ. އެކަމަކު ރެއާލުން ބޭނުން ނޫން ނަމަ އެހެން ކުލަބަކާ އެކު އިތުރު ސޮފުހާއެއް ފަށާނަން،"

އަޝްރަފް ވަނީ ޑޮޓްމަންޑަށް މިހާތަނަށް 10 ގޯލު ޖަހައިދީ ގިނަ އެސިސްޓްތަކެއް ވެސް ކޮށްފަ އެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވަރުގަދަ ޕީއެސްޖީ އަތުން ޑޮޓްމަންޑް މޮޅުވި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަޝްރަފް ބުނީ މިވަގުތު ހުރި ކުލަބާ އެކު ސީޒަން ނިންމާލަން ބޭނުން ވަނީ ކާމިޔާބުކަމާ އެކުގަ ކަމަށެވެ.

"ހުރިހާ ކަމަކީ ވެސް ވެދާނެ ކަންކަން. ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކަޓުވާލައި ގޮސް އެއްވަނަ ވެސް ހޯދިދާނެ. ނުހޯދުނަސް ހަމަގައިމު ވެސް ރަނގަޅު ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނަން."

comment ކޮމެންޓް