"ހުވާ"ސީޒަން 2ގެ އެޑިޓިން އަދި ޑަބިން ބާރަށް ކުރިޔަށް ދަނީ!

ހުވާ އިން ފެނިގެންދާ ދެތަރިން ކަމަށްވާ އައިމިނަތު ރިޝްފާ އާއި މުހައްމަދު ފައިސަލް--- ފޮޓޯ/ ނަހޫ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެދި ދިވެހި ވެބް ސީރީޒް "ހުވާ"ގެ ދެވަނަ ސީޒަން މިހާރު ބައިސްކޯފުން ދައްކަމުން އަންނަ އިރު ކުރިޔަށް ހުރި އެޕިސޯޑުތަކުގެ ޑަބިން އަދި އެޑިޓިން ބާރު ސްޕީޑުގައި ކުރިޔަށް ދާ ކަމަށް ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނެފި އެވެ.

"ހުވާ"ގެ ދަވަނަ ސީޒަންގެ ހަ އެޕިސޯޑު މިހާރު ވަނީ ބައިސްކޯފު އެޕުގައި ސްޓްރީމްކޮށްފަ އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ސީރީޒަށް ލިބެމުން އަންނަ ކަމަށް ވެސް ނަހުލާ ބުންޏެވެ.

"މިހާރު ހަމަ މި ގެންދަނީ އެޑިޓިންނެކޭ އެއްވަރަށް ޑަބިން، މިފަހަރުގެ ސީޒަން ވެސް ބެލުންތެރިންނަށް ވަރަށް ކަމުދޭ،" ނަހުލާ ބުންޏެވެ.

"ހުވާ"ގެ މިފަހަރުގެ ސީޒަންގެ މުހިއްމު މަންޒަރުތަކެއް އަވަށްޓެރި ސްރީލަންކާގައި ވެސް ވަނީ ޝޫޓްކޮށްފަ އެވެ. ލަންކާގެ ޝޫޓިންގައި މުހައްމަދު ފައިސަލް އަދި އައިމިނަތު ރިޝްފާގެ އިތުރުން އަލީ އާޒިމް ފަދަ ސީރީޒްގައި ބާރުގަދަ ފަންނާނުން ފެނިގެންދާނެ އެވެ.

ހުވާ ސީޒަން ދޭއްގެ ޕޯސްޓަރެއް--- ފޮޓޯ/ ފޭސްބުކް

"ލަންކާގައި ވަރަށް މުހިއްމު އަދި ވަރަގަދަ ޝޫޓިންތަކެއް ކުރެވުނީ. ބެލުންތެރިންނަށް މޮޅު އެއްޗެއް ދައްކުވައިދޭން ބޭނުންވާތީ ބޮޑު ހަރަދެއް ކޮށްގެން ވިޔަސް ފެންވަރުގެ ޝޫޓިން އެއް ކުރީ،" ނަހުލާ ބުންޏެވެ.

ކުރީ ސީޒަންގައި 82 އެޕިސޯޑު ދެއްކި އިރު އެޕިސޯޑެއްގެ ދިގުމިން ދެމިގެންދިޔައީ 12 މިނިޓަށެވެ. އެއާއި ހިލާފަށް ދެ ވަނަ ސީޒަންގެ އެޕިސޯޑެއްގެ ދިގުމިން މިވަނީ 20 މިނިޓަށް ދިގުކޮށްފަ އެވެ.

"ހުވާ"ގެ ދެވަނަ ސީޒަން ފެށިގެން ދިޔައީ ވަރުގަދަ ސްކްރިޕްޓަކާއެކުގަ އެވެ. ޝޫޓްތައް ކޮށްފައި ވަނީ މާލެ އަދި ހުޅުމާލޭގަ އެވެ. ސީޒަން ފެށި އިރު އިތުރު ތަރިން ތަކެއް ވެސް "ހުވާ"ގައި ވަނީ ހިމަނާފަ އެވެ.

ފުރަތަމަ ސީޒަނުގައި އާޒިމްގެ ރޯލުން ފެނުނު ރަވީގެ ބަދަލުގައި މި ފަހަރުގެ ސީޒަން ގައި ފެންނަނީ ފިލްމީތަރި އަބްދުﷲ މުއާޒެވެ. އޭގެ އިތުރުން އަހުމަދު އަޒްމީލް ވެސް ދެވަނަ ސީޒަނުން ފެންނާނެ ކަމަށް ނަހޫ ވަނީ އިއުލާންކޮށްފައެވެ.

"ހުވާ"ގެ ފުރަތަމަ ސީޒަންގެ ބޮޑު ބައެއް ކ.ގުރައިދޫ ގައި ޝޫޓް ކޮށްފައިވާ އިރު އެ ސީރީޒް އަކީ ރާޢްޖޭގެ ނަން މަޝްހޫރު ފިލްމީ ފަންނާނުން ހިމަނައިގެން ދައްކަން ފެށި ފުރަތަމަ ސީރީޒެވެ.

ހުވާގެ ޑައިރެކްޓަރުން--- ފޮޓޯ/ ނަހޫ

އާއިލީ އަދި ދިވެހި މުޖުތަމައުގައި ހިނގާ ގިނަ އަމަލުތަކެއްގެ މައްޗަށް ހަދާފައިވާ "ހުވާ"ގައި މަރިޔަމް އައްޒަ، ޔޫސުފް ޝަފީއު، ރިޝްފާ، ފައިސަަލް، ދޮން އައްޔަ އަދި ޖިމީގެ އިތުރުން އިރުފާނާ، އަހުމަދު އީސާ އަދި އާރިފާ ފަދަ ކުޅަދާނަ ތަރިން ފެނިގެންދެ އެވެ.

"ހުވާ" ސީޒަން ދޭއްވެސް ޑައިރެކްޓްކުރަނީ ނަހޫ އާއި ފައިސަލް އެވެ.

comment ކޮމެންޓް