ބަންގްލަދޭޝް މީހުންވެސް ރާއްޖެ އެތެރެވުން މަނާކޮށްފި

ޖުމްހޫރީ މައިދާނުގައި ބިދޭސީންގެ ގުޅުން ބަދަހިކުރާ މައިދާނުގައި ބިދޭސީންތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ކޮވިޑް-19، ކޮރޯނާވައިރަސްއާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުންނާއި ފާއިތުވި 14 ދުވަސް ތެރޭ އެގައުމަށް ގޮސްފައިވާ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި އެވެ.

މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު އެއާ ޓްރާންސްޕޯޓް ސާކިޔުލާއެއްގައި ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުން ރާއްޖެ އެތެރެވުން ހުއްޓާލާނެ ކަމަށެވެ.

ނަމަވެސް މީގެ ތެރެއިން ބަންގްލަދޭޝް އިން ރާއްޖެ އަންނަ ދިިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުން އިސްތިސްނާވާނެ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.

ކޮވިޑް-19 ގެ ކޭހެއް ބަންގަލަދޭޝް އިން ފެނުނުކަން އިއްޔެ ވަނި ޔަގީންކޮށްދީފަ އެވެ. އެ ގައުމުން ބަލި ފެނިފައިވަނީ އިޓަލީގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ދެމީހެއްގެ ގައިންނާއި އެ ދެ މީހުންގެ އާއިލާގެ މީހެއްގެ ގައިންނެވެ.

ކޮވިޑް-19ގެ ހަތަރު ކޭހެއް ރާއްޖެއިންވެސް ވަނީ ފެނިފަ އެވެ. އެއީ ކުރެއްދޫ މޯލްޑިވްސް އިން ފެނުނު ދެ ކޭހާއި ބަތަލާ ރިސޯޓުން ފެނުނު ދެ ކޭހެވެ.

އެޗްޕީއޭ އިން ބުނީ ފަރުކޮޅުގައި ކަރަންޓީނުކޮށްފައި ދެ މީހަކު އެބަތިބި ކަމަށާއި އަދި އެ ރަށުގައި އައިސޮލެޝަންގައި ތިބި އަށް މީހަކު ވެސް އެބަތިބި ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން މިހާތަނަށް ރާއްޖެއިން ވަނީ ބަންގްލަދޭޝްގެ އިތުރުން ޗައިނާ އާއި އީރާނުގެ އިޓަލީ އަދި ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފަ އެވެ.

comment ކޮމެންޓް