އީމާންގެ މުރާލިކަމުން ކުލަޖެއްސި ރީތި ހުވަފެނެއް!

މީގެ 8 ވަރަަކަށް އަހަރު ކުރީން އޭނާއަކީ މިނިސްޓްރީ އޮފް ޖެންޑާގައި މަސައްކަތްކުރަމުން އައި މުވައްޒަފެކެވެ. ސައިކޮލޮޖީގެ ދާއިރާއިން ޑިގްރީއަކާއި އެކު އޭރު އޭނާ މަސައްކަތް ކުރަމުން އައީ ސީނިއާ ސޯޝަލް ސާވިސް އޮފިސާ އެއްގެ ގޮތުގަ އެވެ. ނަމަވެސް މުޅި ދިރިއުޅުން ބަދަލުކޮށްލީ ހަޔާތުގައި ނިންމި އެންމެ ނިންމުމަކުންނެވެ.

އަލަތު ދަރިފުޅާއި އެކު، އޭނާ ބޭނުންވީ އޭރު އުޅެމުންދިޔަ ބިޒީ އަދި 'ހެކްޓިކް' ދިރިއުޅުން ދޫކޮށް ތަންކޮޅެއް ލުއިކޮށް، ފަސޭހައިން ކުރެވޭނެ މަސައްކަތެއް ހޯދުމަށެވެ. އެންމެ ކުރާހިތްވި މަސައްކަތް ދޫކޮށް މުޅި ދިރިއުޅުމުގެ ވެސް މިސްރާބު ދަރިފުޅަށް ހާއްސަކުރީ ހަމަ ލޯބިންނެވެ. ދަރިފުޅާއި އެކީގައި ވަގުތު ހޭދަކުރަމުން، ދެވޭނެ ޕާޓް-ޓައިމް ވަޒީފާއެއް ހޯދަން ކުރިން މަސައްކަތްވީ ނާކާމިޔާބެވެ. އޭނާ ހިދުމަތްކުރި ދާއިރާއިން އެތަށް ދޮރެއްގައި ޓަކި ޖެހި ނަމަވެސް އެދުވަހަކު، ވަޒީފާއެއް ނުވަތަ އާމްދަނީއެއް ލިބޭނެ ފަދަ އެއްވެސް މަސައްކަތެއް ނުލިބުނެވެ.

ނަމަވެސް، އެ ހިތްވަރަކަށް، އަދި އެ އަޒުމަކަށް ބަދަލެއް ނާދެ އެވެ. ވެއްޓުމުން އޭނާ ދެން ތެދުވީ އެއަށްވުރެވެސް ބާރަށެވެ.

މިއީ ފާތިމަތު އީމާން ނަޝީދު އެވެ. ޑްރީމްސްކޭޕްސް ގެ ހިންގުންތެރި ވެރިޔާ އެވެ. ލައިފް ކޯޗެކެެވެ. ކައުންސިލާއެކެވެ. ކުރެހުންތެރިއެކެވެ. އަދި ލިޔުންތެރިއެކެވެ. ނުވިތާކަށް ފެހުމުގައިވެސް އެހާމެ މޮޅެވެ. އަރޯމާ ތެރަޕީގެ ދާއިރާއިންވެސް ފާހަގަކޮށްލެވެ އެވެ.

"ޑްރީމްސްކޭޕް" އަކީ އީމާންގެ ހުރިހާ ޝައުގަކާއި ހުނަރެއް އެއްކޮށްލައިގެން އޭނާ ފެށި އަމިއްލަ ވިޔަފާރިއެކެވެ. ލައިފް ކޯޗިން އާއި، މެންޓަލް ހެލްތް ރިލޭޓެޑް އާޓްވޯކް އާއި، އެކި ދާއިރާތަކުން ޓޫޓަރިންގެ ހިދުމަތާއި، ލިޔުންތެރިކަމާއި، ޅެންވެރިކަމާއި، އެކިކަހަލަ ޓޯކް ސެޝަންތައް ސްކޫލްތަކަށާއި މީޑީއާތަކަށް ނަގައިދިނުމަކީ ނުހަނު "ޕެޝަނޭޓްކޮށް" އޭނާ ކުރާ މަސައްކަތްތަކެވެ.

ކައުންސިލިން ދާއިރާއިން ކުރިއަށްދިއުމަށްޓަކައި އެންމެ ފުރަތަމަ އޭނާ މަސައްކަތްކުރީ ޖެންޑާ މިނިސްޓްރީގައި ކައުންސިލާ ޓްރެއިނީއެއްގެ ގޮތުގަ އެވެ.

"ނަސީބު ކަންދިމާކުރި ގޮތުން އެ ވަޒީފާއަށްް އިންޓަވިއު އަށް ދިޔަ ދުވަހަކީ ރާއްޖޭގައި އަލަށް ސޯޝަލް ވޯކަރުން ތަމްރީނުކުރަން ރާއްޖެއިން ބޭރަށް ތަމްރީން ފުރުސަތަށް އެޕްލައި ކުރަން އޮތް ދުވަސް. އަސްލު އާއިލާގައި އެހާ ބޮޑު ފައިނޭންޝަލް ސަޕޯޓްއެއް ނެތީމަ، ރާއްޖެއިން ބޭރަށް ކިޔަވަން ދެވޭނެ ފުރުސަތެއް އޭރަކު ނެތް. އެހެންވީމަ ލިބިއްޖިއްޔާ ހަމަ ދާން ތައްޔާރަށް، އެދުވަހުން އެދުވަަހަށް އެޕްލައިކުރީ." އީމާން ބުންޏެވެ.

އެ ފުރުސަތު ބޭނުން ހިފައިގެން ލަންކާގައި ސޯޝަލް ވޯކްގެ ދާއިރާއިން ތައުލީމު ހާސިލުކޮށް އެނބުރި އައިސް، ޖެންޑާ މިނިސްޓްރީގައި ހިދުމަތްކުރަން ފެށި އެވެ. އެއަށްފަހު އޭނާ ޑިގްރީ ހާސިލް ކުރީ މެލޭޝިޔާއިން ސައިކޮލޮޖީގެ ދާއިރާއިންނެވެ. އަނެއްކާވެސް ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރިއިރު ސޯޝަލް މަސައްކަތުގެ އިތުރުން އެޑްވޮކޮސީގެ ބައިގައިވެސް ގިނަ މަސައްކަތްތަކެއް އީމާން ކުރި އެވެ.

މަސައްކަތުގެ ދާއިރާއިން އަހަރެއްހާ ދުވަހަށް އޭނާ އެއްކޮށްހެން ގެއްލުނު ނަމަވެސް ދެން އެނާގެ ތަރި ފިޔަޖަހާލީ މާބޮޑަށްވެސް އުހުގަ އެވެ.

"ވަރަށް ގާތް ރައްޓެއްސެއް ހުޅުވީ ވިމެން ސެންޓާ، ވަރަށް ފްލެކްސިބަލް ގަޑިތަކުގައި މަސައްކަތްކުރަން ލިބި، ގިނަ ބަޔަަކަށް އީމާން އެނގިގެންދިޔަ އެ ތަނުގައި މަސައްކަތްކުރަން ލިބުމުން." ވިމެން ސެންޓާގައި މަސައްކަތްކުރަން ލިބުނު ފުރުސަތަކީ މުޅި ދިރިއުޅުން ބަދަލުކޮށްލި ރަނުގެ ފުރުސަތެއްގެ ގޮތުގައި ސިފަކުރަމުން އީމާން ބުންޏެވެ.

މި ހުރިހާ މަސައްކަތެއްގެ ތެރެއިންވެސް ލައިފް ކޯޗިންއާ ހިސާބަށް އީމާން އަށް އާދެވުނީ ނޭގުމެއްގެ ތެރެއިންނެވެ. އެކި މީހުންނަށް ދިރިއުޅުމުގެ ތަފާތު އެކި ކަންކަމާއި ގުޅޭހެން ހިޔާލާއި މަޝްވަރާތައް ދިނުމުގެ ތެރެއިން ލައިފް ކޯޗިންގެ ހިޔާލު އޭނާއަށް ލިބުމުންނެވެ.

ޑްރީމްސްކޭޕް ގެ ދަށުން އީމާން ދޭ ހިދުމަތްތައް ވަރަށް ތަފާތެވެ. ކުޑަކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދަ ކުރުމަށްޓަކައި އޭނާ ހިންގާ ވެލިއު ބޭސްޑް ކްލާހަކީ އިސްލާމީ ރިވެތި އާދަތަކާއި ރަސޫލުންނާއި ނަބިއްޔުންގެ ހަޔާތްޕުޅުގެ ގިނަ ވާހަކަތަކެއް ކުދިންނަށް އުގަންނައިދޭ ކްލާސް ތަކެކެވެ. މި ޕްރޮގްރާމްތައް ތައާރަފްކުރުމަށްޓަކައި ގިނަ ދިރާސާތަކާއި މަސައްކަތްތަކެއް ކޮށްފައިވާއިރު އޭގެ ނަތީޖާވެސް އެހާ ފޮންޏެވެ.

އީމާންގެ ވާހަކައިން އެތަށް އުންމީދެއް އާ ކޮށްފި އެވެ. މަންމައިންނަށް އަދި ހާއްސަކޮށް އަންހެނުންނަށް އާ ހިތްވަރެއް ލިބިއްޖެ އެވެ. އަހަރުތަކެއް ކުރިން ދަރިފުޅަށްޓަކައި އޭނާ ނެގި އެ ނިންމުމަކީ މިއަދު އޭނާގެ ހަޔާތުގައި އާ ކުލަތަކެއް ޖައްސުވައިދިން އަދި އޭނާ ދެކެމުންއައި ހުވަފެންތައް ހަގީގަތަކަށް ހަދައިދިން އެންމެ ބޮޑު އެހީތެރިޔާއެވެ.

comment ކޮމެންޓް