ނުބައި ޑައިގްނޯސިސް

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ނާމާދު ކުރެއްވީ މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދައްކާން މި އުޅެނީ ވަރަށް ދިގު ވާހަކައެކެވެ. އެހެނަސް ވަރަށް ކުރުކޮށް ދެންނެވޭތޯ ބަލާނަމެވެ.

ސެމުއެލް ޕީ. ހަންޓިންގޓަންގެ "ކްލެޝް އޮފް ސިވިލިޒޭޝަންސް" ތިޔަރީގައި ބުނަނީ ފިނި ހަނގުރާމަޔަށް ފަހު ދުނިޔެ ދެކޭނެ ބޮޑު ކުރިމަތިލުމަކީ ހުޅަނގުގެ ހަޒާރަތާއި އިސްލާމީ ހަޒާރަތާ ދެމެދުގައި ހިނގާނޭ ވަރުގަދަ ކުރިމަތިލުން ކަމުގަ އެވެ. ހަންޓިންގޓަން 1992ގައި ދެއްވި ތަގުރީރެއްގެ ޒަރީއާއިން އޭނާގެ ތިޔަރީ ފުރަތަމަ ފަހަރަށް ހާމަ ކުރެއްވި ފަހުން 28 އަހަރު ފާއިތު ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި ހުޅަނގުގެ ލަޝްކަރުތަކުން އިސްލާމީ ގައުމުތައް ކަމުގައި ވާ ޢިރާޤާއި އަފްޣާނިސްތާނާއި ލީބިޔާ މުޅީން ސުންނާފަތި ކޮށްފިއެވެ. ގާތްގަނޑަކަށް މި މުއްދަތުގެ ތެރޭގައި، އެމެރިކާ އާއި އެމެރިކާގެ ބައިވެރި ހުޅަނގުގެ ބާރުތަކުގެ އަސްކަރީ ހަމަލަތައް ސާދަ އިސްލާމީ ގައުމަކަށް އަމާޒު ކުރެވިފައި ވެއެވެ. ހަމަ އެހެންމެ، މި މުއްދަތުގެ ތެރޭގައި ހަތަރު މިލިޔަނަށް ވުރެ ގިނަ މުސްލިމުން، ހުޅަނގުގެ ގައުމުތަކުގެ ހަމަލާތަކާއި އިގުތިސާދީ ދަތި ކުރުމުގެ ސީދާ ނަތީޖާއެއްގެ ގޮތުން މަރު ވެގެން ހިނގައްޖެއެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ތުއްތު ކުދީންނާއި ކުޑަކުދީންނެވެ. މީގެ އިތުރުން، އެމެރިކާގައި ވެސް، ޔޫރަޕުގައި ވެސް، އިސްލާމް ދީނާއި މުސްލިމުންނަށް ނަފްރަތު ކުރުމާއި، ނަފްރަތުގެ ސަބަބުން ހިންގާ އަނިޔާވެރި އަމަލުތައް ދަނީ އިތުރު ވަމުންނެވެ.

ކީއްވެގެން ހެއްޔެވެ؟ މުސްލިމުން ނުލަފާކަމުން ހެއްޔެވެ؟ މެދުކެނޑުމެއް ނެތި މުސްލިމު ގައުމުތަކަށް ބޮމުން، ނުވަތަ މިސައިލުން، ނުވަތަ ޑްރޯންތަކުން، ނުވަތަ އިގުތިސާދީ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ހަތިޔާރުން ހަމަލަ ދީ، މުސްލިމުން މަރަމުން، މުސްލިމް ގައުމުތައް ފަނާ ކުރަމުން ސުންނާފަތި އަރުވަމުން އެ ގެންދަނީ، ހުޅަނގުގެ ގައުމުތަކުގައި މުސްލިމުން ހިންގާ "ޓެރަރިސްޓް" އަމަލުތައް ގިނަ ވެގެން، ހަދާނޭނުހަދާނޭ ގޮތެއް ނޭނގިގެން، ރައްދުގައި ބާވައެވެ! އަމިއްލަ ދިފާއުގައި ބާވައެވެ!

ހުޅަނގުގެ ގައުމުތަކާއި، މުސްލިމުންގެ ތެރެއިން ފައުޅު ވެގެން އުޅޭ "ދޮން މީހުންނަށް" އަޅުކަން ކުރާ އިސްލާމޮފޯބުންގެ ޖަވާބަކަށް ވާނީ "އާނއެކޭ" އެވެ.

ނަމަވެސް ތާރީޚުގެ ސަފުހާތަކަށް ރުޖޫއަ ވެ، ހަގީގަތްތަކާއި ވާގިޔާތަކަށް އިންސާފުގެ ލޮލުގެ ހިމަކޮޅުން ވިޔަސް ބަލައިލައިފި ނަމަ، ކަމުގެ އަސްލު ވަރަށް ރަނގަޅަށް ފެންނާނެއެވެ. ޢައްލާމާ މުޙައްމަދު އަސަދު ވިދާޅުވެފައި ވާ ފަދައިން، އިސްލާމް ދީނާއި މުސްލިމުންނާ އަދާވާތްތެރި ވުމަކީ ޔޫރަޕިޔަން ނަފްސިއްޔާތުގައި ޞަލީބީ ހަނގުރާމައިގެ ދުވަސްވަރުއްސުރެ އަށަގަނެފައި ވާ ކަމެކެވެ. އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅު ތައައްސުބަކީ ޔޫރަޕުގައި ޖީލުން ޖީލަށް ވާރުތަ ވާ ކަމެކެވެ. ޞަލީބީ ހަނގުރާމަޔަށް ފަހު، ޔޫރަޕުގެ ބާރުތަކުން އިސްލާމީ ދުނިޔެއަށް އަރައިގަނެ، މުޅި އިސްލާމީ ދުނިޔެ ކަހަލަ ގޮތަކަށް އިސްތިއުމާރު ކުރީ މި ސަބަބަށް ޓަކައެވެ. ހުޅަނގުގެ ބޮޑުބާރުތައް ގުޅިގެން، ސައިކްސް-ޕިކޮޓް އެއްބަސްވުން ފަދަ އެތައް ރޭވުންތަކަކާއި އިންތިޒާމުތަކެއްގެ ތެރެއިން އިސްލާމީ ޚިލާފަތު ފުނޑުފުނޑު ކޮށްލީ މި ސަބަބަށް ޓަކައެވެ. ވިހިވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން، އިސްލާމީ ގައުމުތަކުގެ ވެރިކަމުގައި ޚުދުމުޚްތާރު އަނިޔާވެރީންނާއި، ލާދީނީ އަލްމާނީންނާއި، އިސްލާމޮފޯބުން ބައިތިއްބައި، ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ނަމުގައި، މުސްލިމުންގެ ޝަޚްސިއްޔަތާއި އަމިއްލަވަންތަކަށް ހެދިފޯދުނަނުދީ ހިފަހައްޓަމުން ގެންދަނީ ވެސް މި ސަބަބަށް ޓަކައެވެ.

ތާރީޚު ދައްކާ ހަގީގަތަކީ، މުސްލިމުން ހުޅަނގާ ދެކޮޅަށް ތެދު ވަނީ އަމިއްލަ ނަފުސުތަކުގެ ދިފާއުގައި ކަމެވެ. އަމިއްލަ ވަޒަންތަކާއި، އަމިއްލަ ޝަޚްސިއްޔަތާއި، އަމިއްލަ މިނިވަންކަމުގެ ދިފާއުގައި ކަމެވެ. ތާރީޚު ދައްކާ ހަގީގަތަކީ، އުދުވާނީ ހަމަލާތަކުގައި އިސް ނެގީ އަދި ނަގަނީ ހުޅަނގުކަމާއި، މުސްލިމުން މުޅީންހެން އަމަލު ކޮށްފައި ވަނީ އަމިއްލަ ދިފާއުގައި ކަމެވެ. މިކަން ގަބޫލު ނުކުރާ މީހަކު ނަމަ، މުޙައްމަދިއްޔަ ރިސާލަތު ފައުޅު ވީއްސުރެ، ދުނިޔޭގެ ތާރީޚުގެ ސަފުހާތައް ލިޔެވެމުން އައިސްފައި ވާ ގޮތް ރަނގަޅަށް ދިރާސާ ކުރާން ވީއެވެ. އަޅުގަނޑު ތަފްސީލަކަށް ނުދާނަމެވެ. މި ކޮލަމް މާ ދިގު ވެދާނެތީއެވެ.

މި ޒަމާނުގެ ތާރީޚަށް ބައްލަވައިލެއްވިޔަސް، އަޅުގަނޑު މި ދަންނަވާ ބަހުގެ ތެދުކަން ފެނިވަޑައިގަންނަވާނެއެވެ. ތިޔައިން ބެއިފުޅަކު ދުނިޔޭގައި ހުންނަވަނިކޮށް، މުސްލިމު ގައުމެއްގެ އަސްކަރީން ގޮސް ހުޅަނގުގެ ގައުމަކަށް އަރައިގަނެ، އެ ގައުމެއް ފުނޑުފުނޑުކޮށް، އެ ގައުމަކުން އެތައް ލައްކަ މީހުން މަރައިހެދިތޯއެވެ؟ މައިންބަފައިން، ކާފައިން މާމައިން ކުރެން ވެސް އައްސަވާށެވެ. އެމީހުންގެ ހަނދާނުގައި އެފަދަ ކަމެއް ހިނގިތޯ ސުވާލު ކުރައްވާށެވެ. ޖަވާބު ސާފެވެ. މުސްލިމުން ހުޅަނގުގެ ގައުމުތަކަށް ބޮން އަޅާކަށް، އެ ގައުމުތަކުގެ އުމްރާނިއްޔަތު ފުނޑުފުނޑު ކުރާކަށް، އެ ގައުމުތަކުގެ އިގުތިސާދީ އަދި އިޖުތިމާއީ ނިޒާމު ފަނާ ކުރާކަށް ނުދެއެވެ. އެޔާ ޚިލާފަށް، މުސްލިމު ގައުމުތައް ސުންނާފަތިކޮށް ފުނޑުފުނޑު ކުރުމުގެ ސިލްސިލާއެއް ހުޅަނގުގެ ގައުމުތަކުން މެދުކެނޑުމެއް ނެތި އެ ގެންދަނީ ހިންގަމުންނެވެ. ފަލަސްޠީނެވެ. ބޮސްނިޔާއެވެ. ޗެޗްނިޔާއެވެ. ޢިރާޤެވެ. އަފްޣާނިސްތާނެވެ. ލީބިޔާއެވެ. ސީރިޔާއެވެ. ޔަމަނެވެ. ކަޝްމީރެވެ. ރާކީނެވެ. މި ތަންތަނުގައި މުސްލިމުންގެ ލޭ އޮހޮރުވައިލެވެމުން ދަނީއެވެ. މުސްލިމް ކުޑަކުދީން ނިކަމެތި މީދާތަކެއް ފަދައިން މަރު ވަމުން، ބަނޑަށް ހާންތި ވަމުން، ބަލިބަލީގެ ޝިކާރަޔަށް ވަމުން އެ ދަނީއެވެ. އެތައް ލައްކަ މުސްލިމް އުޚްތުން ރޭޕް ކުރެވެމުން އެދަނީއެވެ. ހުޅަނގުގެ ބޮންތަކުން މުސްލިމުންގެ ގެދޮރާއި، މަދަރުސާތަކާއި، ހަސްފަތާލުތަކާއި، ޔަތީމުޚާނާތައް ފުނޑުފުނޑުވަމުން އެ ދަނީއެވެ.

ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ބަޔަކަށް މި ވަރުގެ ބޮޑެތި އަނިޔާތަކެއް ދެވޭ އިރު، އޭގެ ނަތީޖާ ނުކުންނާނީ ކިހިނެއްކަން ހަމަ ނޭނގެނީ ހެއްޔެވެ؟

އެއް ކަމަކާ މެދު އަޅުގަނޑުމެން ފިސާރި ހެއިލައި، ފަރުވާތެރި ވާން ޖެހެއެވެ. ކާފިރުންނާއި ޙައްޤާ ދެކޮޅު އަނދިރި ބާރުތަކުން މުސްލިމުންނަށް ކިތަންމެ އަނިޔާއެއް ކުރިޔަސް، އޭގެ ބަދަލުގައި އިންތިގާމުގެ ވިސްނުން އިސް ކޮށް، ކުށެއް ނެތް އެއްވެސް މީހަކަށް ހަމަލަ ދީ، މަދަނީން ނުވަތަ އާއްމުން މަރައި، އާއްމުން ދިރިއުޅޭ ތަންތަނުގައި ބޮން ގޮއްވައި ހެދުމަކީ މުސްލިމުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އެއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކަމެކެވެ. މުސްލިމުންނާ އެކަށީގެންވާ ވަރަށް ވުރެ ދަށު ދަރަޖައިގެ ވެސް ކަމެކެވެ. އަނިޔާވެރީންނާ ދެކޮޅަށް ޖިހާދު ކުރުން ވެސް މުސްލިމުންނަށް ހުއްދައީ އިންތަކެއްގެ ތެރޭގައެވެ. އެ އިންތައް އިސްލާމީ ފިޤުހުގެ ފޮތްތަކުން ސާފުކޮށް ފެންނާން އެހެރީއެވެ. އެއް ކަމަކަށް، އަމީރުލްމުއުމިނީން ނުވަތަ މުސްލިމް ވަލިއްޔުލްއަމްރު، އުއްމަތުގެ އަހްލުލްޙައްލު ވަލްޢަޤްދުގެ މެންބަރުންނާ މަޝްވަރާ ކުރައްވައި، ޖިހާދު އިޢުލާން ކުރައްވައި، ހަނގުރާމަ ކުރާން އަމުރު ކުރެއްވުމުން ނޫން ގޮތަކަށް، އެއްވެސް ބަޔަކާ ދެކޮޅަށް ހަނގުރާމަވެރި ހަތިޔާރު އުފުލުމަކީ މުސްލިމަކަށް ހުއްދަ ކަމެއް ނޫނެވެ. އަމީރުލްމުއުމިނީން ނުވަތަ ވަލިއްޔުލްއަމްރު ގިޔާދަތުގައި ހުންނަވައިގެން، ނުވަތަ އެ ބެއިފުޅަކު އައްޔަން ކުރައްވާ ކޮމާންޑަރެއްގެ ގިޔާދަތުގައި ނޫނީ މުސްލިމުންނަށް ހަތިޔާރު ހިފައިގެން ބަޔަކާ ދެކޮޅަށް ހަނގުރާމަޔަކަށް ނުނުކުމެވޭނެއެވެ. މީގެ އިތުރުން، ހަނގުރާމަ ހުއްދަ ވާ ހާލަތުތަކުގައި ވެސް، އިސްލާމް ދީނުގައި ވަނީ، ޖެނީވާ ކޮންވެންޝަންސްގައި ހަނގުރާމައިގެ ޙާލަތުގައި އިންސާނީ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭގޮތުން ހުރި އެންމެ ޒަމާނީ އުސޫލުތަކަށް ވުރެ ވެސް މަތިވެރި، އެޔަށްވުރެ އިންސާނީވަންތަ، އެޔަށްވުރެ ތަހުޒީބީ އުސޫލުތަކެއް އެކަށައަޅައިފައެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު، އެކަލޭގެފާނުގެ ކޮމާންޑަރ އުސާމާ ބިން ޒައިދަށް ދެއްވެވި އިރުޝާދުތަކަށް އެކަނި ބެލިޔަސް، މި ދެންނެވި ބަހުގެ ތެދުކަން ފެނިވަޑައިގަންނަވާނެއެވެ. އެ އިރުޝާދުތަކުގައި އަންގަވައިފައި ވަނީ ހަނގުރާމައިގެ ތެރޭގައި ވެސް ކުޑަކުދީންނާއި، އަންހެނުންނާއި، މުސްކުޅީންނާއި، ބަލި މީހުންނަށް އެއްވެސް ސިފައެއްގައި ހަމަލަ ނުދިނުމަށާއި، ހަނގުރާމައިގެ ތެރޭގައި ވެސް އެމީހުން ނުމެރުމަށެވެ. ހަނގުރާމައިގެ ތެރޭގައި ވެސް އޮޅުވައިލައި މަކަރުޙީލަތުން ކަންތައް ނުކުރުމަށެވެ. ހަނގުރާމައިގެ އަސީރުންނާއި، މަރުވެފައި ތިބޭ ދުޝްމަނުންގެ ހަށިތަކަށް ވިޔަސް، ހާނިއްކަ ކުރުމާއި ގުނަވަންތައް ބުރިކުރުން ފަދަ އެއްވެސް ގެއްލުމެއް ނުދިނުމަށެވެ. ހަނގުރާމައިގެ މައިދާނުގައި ވެސް، ގަސްތުގައި އިންސާނެއްގެ މޫނަށް ހަތިޔާރު އަމާޒު ނުކުރުމަށެވެ. ފައްޅިތަކުގައި ތިބޭ ފާދިރީންނާއި ރާހިބުންނާއި އަޅުކަމުގައި ތިބޭ މީހުންނާއި، މަސައްކަތްތެރީން ފަދަ ހަނގުރާމަވެރި ނޫން މީހުންނާ ހަމަލަ ނުދިނުމަށާއި އެމީހުން ނުމެރުމަށެވެ. މީހުން ދިރިއުޅޭ އަވަށްތަކާއި ޝަހަރުތަކާއި، ދަނޑުގޮވާން ކޮށްފައި ހުންނަ ބިންތަކާއި، މޭވާ ބަގީޗާތައް ފަދަ ތަންތަން ހަލާކު ނުކުރުމަށާއި، ނަޢަމް ސޫފި ނުމެރުމަށެވެ. ހަނގުރާމަޔަށް އެދިގެން ދުޝްމަނުން ފެނޭތޯ އުއްމީދު ނުކުރުމަށާއި، ދުޝްމަނުންނާ ބައްދަލު ވެ އެހެން ގޮތެއް ނެތިގެން މެނުވީ ހަނގުރާމަ ނުފެށުމަށެވެ. އަލިފާނުން އެއްވެސް ދިރޭ އެއްޗަކަށް އަނިޔާ ނުކުރުމަށެވެ. ނުކުޅެދުންތެރިކަމެއް ހުރެއްޖެ މީހަކަށް އެއްވެސް ގޮތަކުން ހަމަލަ ނުދިނުމަށެވެ. އަމާން ދޭ މީހުންނަށް އޯގާތެރިކޮށް ހިތުމަށާއި، އެމީހުންނަށް ރަނގަޅަށް ކާންބޯންދީ ބޭސްފަރުވާ ކޮށްދިނުމަށެވެ. މި އިރުޝާދުތަކުގެ ތެރެއިން، އެއްވެސް މީހަކަށް އެމީހެއްގެ ދީނާއި ޢަޤީދާ ބަދަލު ކުރުމަށް މަޖުބޫރު ކުރުން ވެސް ވަރުގަދަޔަކަށް މަނާ ކުރެއްވިއެވެ.

މުސްލިމުންގެ ތެރެއިން މަދު ބަޔަކު، ހުޅަނގުގެ ގައުމުތަކުގައި، ނުވަތަ ހުޅަނގުގެ ގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް ޖާނުން ފިދާ ވެގެން، ނުވަތަ ބަޑިން، ނުވަތަ ވަޅިން ހަމަލަތައް ދެނީ އިސްލާމް ދީން އެކަމަށް ހިތްވަރު ދޭތީއެއް ނޫނެވެ. އިސްލާމް ދީން އެކަން ހުއްދަ ކުރާތީއެއް ނޫނެވެ. މުސްލިމް އިލްމުވެރީން އެކަމަށް އިރުޝާދު ދޭތީއެއް ނޫނެވެ. މޯލްޑިވިޔަން ޑިމޮކްރެސީ ނެޓްވޯރކުގައި ރިޕޯޓު ލިޔާން ތިބި ތަސައްރަފު ނުފުދޭ ބަޔެއްގެ "ހެލޫސިނޭޝަންތަކަށް" ކޮންމެ އެއްޗެއް ސިފަ ވިޔަސް، މުސްލިމުންގެ ތެރެއިން ބަޔަކު "ޓެރަރިސްޓް" އަމަލުތައް ހިންގަނިއްޔަކީ، އެމީހުން ކުޑަ އިރު އިސްރާ އާއި މިޢުރާޖުގެ ވާހަކަ އެމީހުންނަށް ކިޔައިދީފައި އޮންނާތީ، ނުވަތަ ނަބީކަން ޚަތިމް ކުރެއްވި ސާހިބާ ދެކެ ލޯބި ވުމުގެ ފިލާވަޅު ނަގައިދެވިފައި އޮންނާތީއެއް ނޫނެވެ. ހައްގު ދީނަކީ ހަމައެކަނި އިސްލާމް ދީން ކަމަށް ވިސްނައިދެވިފައި އޮންނާތީއެއް ނޫނެވެ. މުސްލިމުންގެ މަދު ބަޔަކު އެފަދަ އަމަލުތައް ހިންގަނީ އިސްލާމް ދީނުގެ ސަބަބުން ކަމުގައި ބުނުމަކީ ނުބައި "ޑައިގްނޯސިސް" އެކެވެ. އެ ނުބައި ޑައިގްނޯސިސް ހަދަނީ މުސްލިމުންގެ ބޮލަށް ބޮން އަޅާ، މުސްލިމުންގެ ދުޝްމަނުންނެވެ. އެ ޑައިގްނޯސިސް ހަދާ "ޑޮކްޓަރުންނަކީ" އިސްލާމޯފޯބިޔާ އިންޑަސްޓްރީގެ "ޖަގަރނޯޓުން" ނެވެ. ރޮބަރޓް ސްޕެންސަރއެވެ. އިބްނު ވައްރާޤެވެ. އަޔާން ހިރްސީ އަލީއެވެ. ޕަމެލަރ ގެލަރއެވެ. ޑޭވިޑް ހޮރޮވިޓްޒާއި ޑެނިއެލް ޕައިޕްސްއެވެ. ފްރޭންކް ގެފްނީ އާއި ޑޭވިޑް ޔެރުޝަލްމީއެވެ. ސްޓީވެން އިމަރސަނެވެ. މިއީ އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް "ހޭޓް ސްޕީޗް" ފެތުރުމުގެ ވިޔަފާރި ކޮށްގެން މުއްސަނދި ވެގެން ތިބި މީހުންނެވެ. މޯލްޑިވިޔަން ޑިމޮކްރެސީ ނެޓްވޯރކާއި، ދިވެހިރާއްޖެ ފަދަ އެތައް އިސްލާމީ ގައުމެއްގައި ދެންވެސް ތިބި އިސްލާމޮފޯބުންގެ މުރުޝިދުންނަކީ މި މީސްމީހުންނެވެ.

ޑޮކްޓަރަކު އޭނާގެ ގާތަށް އަންނަ ބަލި މީހެއްގެ ބަލި ދެނެގަތުމުގައި ނުބައި ޑައިގްނޯސިސްއެއް ހަދައިފި ނަމަ ދެން ވާނީ ކިހިނެއްތޯއެވެ؟ މިސާލަކަށް، ކެންސަރު ހުރި މީހެއްގެ ބަލި ދެނެގަތުމުގައި ގޯސް ޑައިގްނޯސިސްއެއް ހެދިއްޖެ ނަމަ، ދެން ވާނީ ކިހިނެއްތޯއެވެ؟ އެއިރުން ޑޮކްޓަރު ފަރުވާ ކުރާނީ ކެންސަރަކަށް ނޫނެވެ. ޑޮކްޓަރުގެ ނުބައި ޑައިގްނޯސިސްއިން ދައްކާ އެހެން ބައްޔަކަށެވެ. އެއިރުން ބަލި މީހާގެ ބަލި ރަނގަޅު ވާނެތޯއެވެ؟ އެއްވެސް ޝައްކެއް ނެތް ގޮތުގައި، ބަލި ރަނގަޅެއް ނުވާނެއެވެ. ބަލިމީހާގެ ހާލަތު ދާނީ ގޯހުން ގޯހަށެވެ.

މުސްލިމުން ކުރެ މަދު ބަޔަކު ހުޅަނގުގެ ގައުމުތަކާ ދެކޮޅަށާއި، އަދި ޚުދު އިސްލާމީ ގައުމުތަކުގެ ސަރަހައްދުގައި ވެސް، ހަރުކަށި އަމަލުތައް ހިންގާ މައްސަލައިގައި ވެސް ފެންނަނީ ނުބައި ޑައިގްނޯސިސް ހަދަމުންދާތަނެވެ. ހުޅަނގުގެ ގައުމުތަކުގެ ސަރުކާރުތަކާއި، ޖަމްއިއްޔާޖަމާއަތްތަކާއި، ގިނަ ޔުނިވަރސިޓީތަކުން ވެސް މި މައްސަލައިގައި ހަދަނީ ނުބައި ޑައިގްނޯސިސްއެވެ. މުސްލިމުންގެ ތެރެއިން ހުޅަނގަށް އަޅުކަން ކުރާ، އިސްލާމް ދީނަށް ނަފްރަތު ކުރާ، އަދި މަކަރުހީލަތުންނާއި ގަދަބަދަވިކަމުން ވިޔަސް، ހުޅަނގުގެ ގޮތްތައް މުސްލިމުންގެ ބޮލަށް ފައްތައިގެން، މުސްލިމް ގައުމުތަކަކީ ހުޅަނގުގެ އުސޫލުތަކަށް އުޅޭ "ކޮޕީކެޓް ރާމާމަކުނުތަކަކަށް" ބަދަލު ކުރާން އުޅޭ "ހޯމް-ގްރޯވން އިސްލާމޮފޯބުން" ވެސް ތަބާ ވަނީ މި ނުބައި ޑައިގްނޯސިސްއަށެވެ. މީގެ އެންމެ ރީތި އެއް މިސާލަކީ އަޅުގަނޑުމެންނަށް އިހަކަށް ދުވަހު ފެނުނު މޯލްޑިވިޔަން ޑިމޮކްރަސީ ނެޓްވޯރކްގެ ރިޕޯޓެވެ. އަދި އެ ރިޕޯޓާއި އެ ރިޕޯޓު ލިޔުނު ދޮގުވެރީންގެ ދިފާއުގައި އުޅުނު "ސިޔާސީ ލީޑަރުން" ނެވެ.

މުސްލިމުންގެ ތެރެއިން މަދު ބަޔަކު ހަރުކަށި ފިކުރުތަކެއް ކުރިޔަށް ނެރެ، ތަޅައިފޮޅުން އިސްކޮށް، ބަދަލު ހިފާން ނުކުންނަ މައްސަލަ ވެސް ހައްލު ކުރާން ބޭނުމިއްޔާ، ފުރަތަމަ ކުރާން ޖެހޭ ކަމަކީ އެ މައްސަލައިގެ ރަނގަޅު ޑައިގްނޯސިސްއެއް ހެދުމެވެ. އެއީ ހަގީގަތުގައި ކީއްވެގެން، ކޮން ގޮތަކަށް އުފެދޭ މައްސަލައެއްކަން ދެނެގަތުމެވެ. ފަށަމުން ވެސް ދެންނެވި ފަދައިން، މިއީ ނިކަން ދިގު ވާހަކައެކެވެ. ނަމަވެސް އަޅުގަނޑު މަސައްކަތް މި ކުރަނީ ވަރަށް ކުރުކޮށް މި ވާހަކަ ދެއްކޭތޯއެވެ. އެހެންކަމުން، ކުރުކޮށް ދަންނަވާ ނަމަ، މި މައްސަލަ ދިމާ ވަނީ މައިގަނޑު ދެ ސަބަބަކާ ހުރެއެވެ.

ފުރަތަމަ ސަބަބަކީ ހުޅަނގުން މުސްލިމުންގެ ގައުމުތަކުގައި ހިންގަމުން ގެންދާ ލާއިންސާނީ، އަނިޔާވެރި، އަދާވާތްތެރި ހަނގުރާމަތަކާއި ޖަރީމާތަކެވެ. މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ އަނިޔާވެރި އިސްތިއުމާރީ ސިޔާސަތެވެ. ފަލަސްޠީނާއި، ޢިރާޤާއި، އަފްޣާނިސްތާން ފަދަ މުސްލިމް ގައުމުތައް ފުނޑުފުނޑު ކޮށް ސުންނާފަތި ކުރަމުން ގެންދާދިޔުމެވެ. ހަމަބުއްދި ހުރި ކޮންމެ މީހަކު ގަބޫލު ކުރާނޭ ފަދައިން، އިންސާނުންގެ ބަޔަކާ ދެކޮޅަށް އަނިޔާވެރިކަން އިސް ކޮށްފި ނަމަ، އަނިޔާ ލިބުނު މީހުންގެ ތެރެއިން ބަދަލު ހިފާނޭ ބަޔަކު ނުކުންނާނެއެވެ. ދުނިޔޭގައި 1.6 ބިލިޔަން މުސްލިމުން އެބަތިއްބެވެ. އެއީ ކޮންމެ މުސްލިމަކީ ތިމާގެ އަޚެއް ނުވަތަ އުޚްތެއް ކަމުގައި ބަލާ ޖަމާއަތެއްގެ މެންބަރުންނެވެ. އެތަނުން އެއް ބަޔަކަށް ބޮޑެތި އަނިޔާތައް ދެމުން ގެންދާ އިރު، ބާކީ ތިބި އެންމެން ކަހާތަން ހިރުވައިވެސް ނުލައި މަޑުން ތިބެދާނެޔޭ ހީ ކުރުމަކީ މޮޔަކަމެކެވެ. 1.6 ބިލިއަން މުސްލިމުންގެ އެންމެންނަކީ އިސްލާމް ދީނުގެ ފުރިހަމަ ތަޢުލީމު ލިބިތިބި ބަޔަކަށް ނުވާނެއެވެ. އިސްލާމް ދީން އަންގަވާ ކެތްތެރިކަން ފުރިހަމަ ގޮތުގައި ހުރި ބަޔަކަށް ވެސް ނުވާނެއެވެ. ޖިހާދާ ބެހޭ ގޮތުން ދީނުގެ ޢިލްމުތައް ފުރިހަމަޔަށް ލިބިގެން ތިބި ބަޔަކަށެއް ވެސް ނުވާނެއެވެ. އެހެންކަމުން، މުސްލިމުންނަށް ބޮޑެތި އަނިޔާތައް ކުރެވެމުން ދާ ނަމަ، އެއްކަލަ 1.6 ބިލިޔަން މުސްލިމުންގެ ތެރެއިން ކެތްތެރިކަމެއް ނެތް، ޖިހާދާ ބެހޭ ދީނީ ޢިލްމުތައް ލިބިފައި ނެތް، މަދު ބަޔަކު ނުކުމެ ރުޅިވެރިކަމާ އެކު ބަދަލު ހިފާން އުޅުމަކީ އިންސާނީ ޠަބީޢަތު ނިޔާކުރާ ގޮތުން ކަން ހިނގާނޭގޮތެވެ. ޚާއްސަ ގޮތެއްގައި، އަނިޔާ ލިބޭ ގައުމުގެ، އަނިޔާ ލިބޭ މީހުންގެ އާއިލާތަކުގެ މެންބަރުން، އަމިއްލަ ދިފާއުގައި، އަދި ތިމާމެންގެ އަޚުންއުޚްތުންނަށް ލިބޭ އަނިޔާތަކުގެ ބަދަލު ހިފުމަށް ޓަކައި ނުކުންނާނެއެވެ. އެއީ އިންސާނީ ފިޠުރަތެވެ. ޚުދު ހުޅަނގުގެ މުޖުތަމައުތަކުން މިކަން ނުފެނޭތޯއެވެ؟ އެންމެ މިސާލެއް ދަންނަވާ ނަމަ، ހިޓްލަރުގެ އަނިޔާވެރިކަމާ ދެކޮޅަށް "ފްރީ ފްރެންޗް ފޯރސަސް" ނުނުކުމޭތޯއެވެ؟ ބައްލަވާށެވެ. ހަމަ އެއްވެސް ކަމަކާ ނުލައި، މިއަދު އިންޑިޔާގެ މަގުތަކުގައި މުސްލިމުން ކޮށައި ކުދިކުދި އެ ކުރަނީއެވެ. އޭގެ ބަދަލު ހިފާން، އަނިޔާ ލިބުނު އާއިލާތަކުން، ބަފައިންގެ ލޯބިން މަހުރޫމު ކުރެވުނު ދަރީންނާއި، މައިންނާއި އުޚްތުން ރޭޕް ކޮށްލެވުނު ޒުވާނުން މާދަމާ ނުނުކުންނާނެތޯއެވެ؟ އެމީހުން ނުކުތުމުން، އެއީ "އިސްލާމީ ޓެރަރިޒަމޭ"، އިސްރާ އާއި މިއުރާޖު ކިޔައިގެން "ރެޑިކަލައިޒް" ވީއޭ ބުނެގެން ފުއްދައިލުން އެއީ ހަމަބުއްދި ގަބޫލު ކުރާ ކަމެއްތޯއެވެ؟

ދެވަނަ ސަބަބަކީ މުސްލިމު ގައުމުތަކުގައި "ވެރީން"ގެ ގޮތުގައި ތިބި ޣައްދާރުންނެވެ. މީގެ އެންމެ ރީތި އެއް މިސާލު ފެންނަނީ ދިވެހިރާއްޖެއިންނެވެ. މުސްލިމް ވެރީން އިސްލާމް ދީނަށާއި އިސްލާމީ އުއްމަތަށް ޣައްދާރު ވެ، މުސްލިމުންނާއި އިސްލާމް ދީން ފަނާ ކުރުމަށް އުޅޭ ބާރުތަކުގެ ގޮނޑިކޮއްކޮއިންނަށް ވެގެން ދިޔުމުން، ދެން އުއްމަތަށް ލިބޭ އަނިޔާގެ ބަދަލު ހިފުމަށް "ނުވިސްނޭ" އާއްމު ފަރުދުން ނުކުންނާނެއެވެ. ކުޑަކުޑަ މިސާލެއް ދަންނަވައިލާނަމެވެ. ދެ ދަރީންގެ ބައްޕައެކެވެ. ދެ ދަރީން ކުރެ އެއް ކުއްޖަކީ ޅަވަރުގެ އަންހެން ކުއްޖެކެވެ. އަނެއް ކުއްޖަކީ އޭނާގެ ބޭބެއެވެ. ބޭބެޔަށް ކޮންމެވެސް ގޮތަކުން، އެމީހުން ކުއްޔަށް އުޅޭ ގޭގެ ވެރިޔާ އޭނާގެ ކޮއްކޮ ދޭތެރެދޭތެރެއިން ގެންގޮސް، ކޮއްކޮޔަށް ޖިންސީ ގޯނާ ކުރާކަން އެނގިއްޖެއެވެ. އިންސާނީ ތަބީއަތު ހުންނަ ގޮތުން، ބޭބެ ވަގުތުން ގޮސް ބައްޕަޔާއި މަންމަގެ ގާތުގައި މި ވާހަކަ ބުނެފިއެވެ. ނަމަވެސް ބައްޕަޔާއި މަންމަ އަޅައެއްނުލިއެވެ. އެކަމާ ބޭބެ ކަންބޮޑުވެގެން ރަނގަޅަށް ބަލައިލުމުން، އެނގުނު ކަމަކީ މިކަމެއް ހިނގަނީ މަންމަޔާއި ބައްޕަޔަށް އެނގިގެން، އެމީހުންގެ ބައިވެރިވުމުގެ ދަށުންކަމެވެ. އެމީހުންނަށް ފައިސާ ލިބޭގޮތަށް ކަމެވެ. ދެން ބޭބެ ހަދާނީ ކިހިނެއްތޯއެވެ؟ ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް، އޭނާގެ ކޮއްކޮގެ ދިފާއުގައި އޭނާ ނުނުކުންނާނެތޯއެވެ؟ އޭނާޔަކީ ހެޔޮ ނުވިސްނޭ ވަރުގެ ކުޑަކުއްޖެއް، ނުވަތަ ހެޔޮ ވިސްނޭ ވަރަށް ތައުލީމު ލިބިފައި ނެތް ކުއްޖެއް ނަމަ، އޭނާ ގާނޫނެއް، ޝަރީއަތެއް ނުބަލައި، އަތުޖެހުނު އެއްޗެއް ހިފައިގެން، ކޮއްކޮޔަށް ގޯނާ ކުރާ މީހާޔާ ހަމަލަ ދޭކަށް ނުދާނެތޯއެވެ؟ ބައްޕަޔާއި މަންމަ ކޮއްކޮޔަށް ވީ ޚިޔާނާތުގެ ސަބަބުން އަންނަ ރުޅީގައި ބައްޕަޔާއި މަންމަޔާ ވެސް ދިމާ ނުކުރާނެތޯއެވެ؟ ވިސްނަވާށެވެ. އިސްލާމީ ދުނިޔޭގެ ހާލަތު މިއަދު ސިފަ ކުރެވޭނެ އެއް ގޮތަކީ މިއެވެ. އިސްލާމް ދީނާއި މުސްލިމުންގެ ދުޝްމަނުން މުސްލިމުންނާ މެދު ހިތުހުރި އެއްޗެއް ހަދަނީއެވެ. ނަމަވެސް އަޅުގަނޑުމެންގެ ލީޑަރުން، އަޅުގަނޑުމެންގެ އުއްމަތުގެ "މައިންބަފައިން"ގެ މަގާމުގައި ތިބި މީހުން އަޅައެއްނުލައެވެ. އެމީހުން ތިބީ ދީނުގެ ދުޝްމަނުންނާ ވަގު ޑީލްތައް ހަދައިގެންނެވެ. ދީނުގެ ދުޝްމަނުން ގެނެސްގެން، ދީނާ ދެކޮޅު ވޯރކްޝޮޕްތައް ހިންގުމާއި، ދީނުގެ ދުޝްމަނުންގެ އަތުން ފައިސާ ހޯދައިގެން ދީނާ ދެކޮޅު ރިޕޯޓުތައް ލިޔުއްވުމުގައި މަޝްޣޫލު ވެގެންނެވެ. މުސްލިމުން މަރާ މީހުންނަށް އިއްޒަތުގެ ލަގަބުތަކާއި އެވޯޑުތައް ދިނުމުގައެވެ. މިހެން ކަންކަން ވުމުން، އަނިޔާ ލިބެމުންދާ މުސްލިމުންގެ ހައްގުގައި، އެއްކަލަ 1.6 ބިލިޔަން މުސްލިމުންގެ ތެރެއިން، ރުޅިގަދަ ބަޔަކު ތެދުވުން، އެއީ އެކަން ހަމަ ވާނޭ ގޮތެވެ. މުސްލިމް ވެރީން، މުސްލިމުންގެ ހިމާޔަތުގައި ތެދުވެ، ބުނާން ޖެހޭ ބަސް ބުނެ، ކުރާން ޖެހޭ ކަންކަން ކުރާ ނަމަ، މުސްލިމުންގެ ތެރެއިން ބަޔަކު "ހަމައިން ނައްޓާކަށް" ނުޖެހޭނެއެވެ.

މި ދެ ސަބަބު ހަނދާން ނައްތައިލައިފައި، ސުޢޫދީ ޢަރަބިއްޔާއިން އަންނަ ސަލަފީ ފިކުރެއްގެ ވާހަކަޔާއި، ޕާކިސްތާނުގައި ހުންނަ މަދަރުސާތަކެއްގެ ވާހަކަ ފަށްފަށްކޮށް ކިތަންމެ ވަރަކަށް ދެއްކިޔަސް، ސަލަފީން ވަރިވަރިޔަށް ބަނދެ ހައްޔަރު ކުރިޔަސް، ކިތަންމެ މަދަރުސާއެއް ބަންދު ކުރިޔަސް، "ޓެރަރިޒަމް"ގެ މައްސަލަޔަށް ހައްލެއް ނުލިބޭނެއެވެ.

އެހެން ވީ އިރު، މި މައްސަލައިގެ ހައްލަކީ ކޮބައިހެއްޔެވެ؟

ދޭން އޮތީ ވަރަށް ސީދާސާދާ ޖަވާބެކެވެ. އެންމެ ފުރަތަމަ ކަމަކަށް، ހުޅަނގުން މުސްލިމުންނާ މެދު ގެންގުޅޭ އިސްތިއުމާރީ އަދި އަދާވާތްތެރި ސިޔާސަތުތަކާއި، މުސްލިމުންގެ ބިންތައް އިސްތިއުމާރު ކުރުމާއި، މުސްލިމުން ތަޅައި ރޯނާ ގެންނެވުމުގެ އަމަލުތައް މުޅީން ހުއްޓައިލާން ވީއެވެ. ދެވަނަ ކަމަކަށް، "ދޮން މީހުން އުޅޭހެން އުޅޭން" ބޭނުންވާ ހުރިހާ ޣައްދާރު ޚާއިނުންނާއި، "ދޮންމީހުން"ގެ މުލައްދަނޑީގެ ބާރުގައި މުސްލިމުންގެ ކަނދުރާތަކަށް ފާ ކޮށްފައި ތިބި އަނިޔާވެރި، ޚުދުމުޚްތާރު ދީވާލްޕާތައް މުސްލިމުންގެ ވެރިކަމުން ބޭރު ކޮށް، އިސްލާމް ދީނާއި މުސްލިމުން ދެކެ ހަގީގަތުގައި ލޯބި ވާ، އަދި މުސްލިމުން އެދޭ ވެރީން މުސްލިމުންގެ ގައުމުތަކުގެ ވެރިކަމަށް ލާން ފުރުސަތު ދޭން ވީއެވެ. މި ދެ ކަންތައް ރަނގަޅު ވުމުން، ދެން ހުރި ކުދިކުދި މައްސަލަތައް ވެސް އިސާހިތަކު ހައްލު ވެ، އެއްކަލަ ޓެރަރިޒަމްގެ މައްސަލަ ހައްލު ވެދާނެއެވެ. މި ކަންކަން ނުކުރާ ނަމަ، ކިތަންމެ ކޮންފަރެންސެއް ބޭއްވިޔަސް، ކިތަންމެ ރިޕޯޓެއް ލިޔުނަސް، ކިތަންމެ ސެންޓަރެއް ހެދިޔަސް، ކިތަންމެ ވަރަކަށް މުސްލިމުންގެ ދުޝްމަނުންނާ "ޓެރަރިޒަމް ހުއްޓުވުމުގައި އެއްބާރު ލިޔަސް" މައްސަލަ ހައްލެއް ނުވާނެއެވެ.

އަޅުގަނޑު މި ދެއްކި ވާހަކަތަކާ އެކު، ދެ ބެއިފުޅެއްގެ ބަސް ވެސް އައްސަވައިލައްވާށެވެ. ހިތްޕުޅުގައި ޝައްކު ހިނގާ ބެއިފުޅެއް ނަމަ، އަޅުގަނޑުގެ ވާހަކައިގެ ތެދުކަން ޔަގީން ކުރެއްވުމަށް ޓަކައި މި ދެ ބެއިފުޅުންގެ ބަސް ވަރަށް މުހިއްމެވެ. އެންމެ ފުރަތަމަ މައިކަލް ޕްރިސްނަރގެ މަޝްހޫރު ތަގުރީރު އަޑުއައްސަވައިލައްވާށެވެ. ދެން، "ޓެރަރިޒަމް"ގެ ސަބަބުތަކާ ބެހޭ ގޮތުން ޕްރޮފެސަރ ނޯމް ޗޮމްސްކީ ވިދާޅުވި ބަސްފުޅު އައްސަވާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް