ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރަން އާކް އާއި ޔޫތު މިނިސްޓްރީން ގުޅިއްޖެ

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް، ޕްރޮމޯޓު ކުރުމުގައި ޔޫތު މިނިސްޓްރީއާއި އާކް، ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުން-- ފޮޓޯ/ޔޫތު މިނިސްޓްރީ

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް، ޕްރޮމޯޓު ކުރަން މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުން ޔޫތު މިނިސްޓްރީ އާއި މަދަނީ ޖަމްއިއްޔާ، އެޑްވަކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެކަމާ ގުޅޭ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހުލޫފު އެވެ. އަދި އާކްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ފައުންޑާ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް، ޕްރޮމޯޓު ކުރުމުގައި ޔޫތު މިނިސްޓްރީއާއި އާކް، ގުޅިގެން މަސައްކަތް ކުރަން އެއްބަސްވުން-- ފޮޓޯ/ޔޫތު މިނިސްޓްރީ

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރި މި އެއްބަސްވުމުގައި ދަށުން އާކްއާއި ޔޫތު މިނިސްޓްރީ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

އެގޮތުން ކުޑަކުދިންނަށް ލިބޭ ޖިންސީ ގޯނާ ހުއްޓުވުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމާއި ކުޑަކުދިން އަދި ހާއްސަކޮށް އަންހެން ކުދިން ބާރުވެރިކުރުމާއި ދުޅަހެޔޮ ސިއްހަތާއި އިޖުތިމާއީ އަސާސްތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުުރު ކުރަން ވަނީ ރާވާފަ އެވެ

މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ވެސް މި އެއްބަސްވުމުގެ ދަށުން މަސައްކަތްތަކެއް ކުރަން ވަނީ ރާވާފަ އެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ޔޫތު މިނިސްޓްރީއާއި އާކްއިން ފެށި މި މަސައްކަތްތައް އެކި އަތޮޅުގައި ކުރިއަށްގެންދާނެ އެވެ.

comment ކޮމެންޓް