މޮޅު ކުޅުމަކާ އެކު ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ބާސެލޯނާއާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުގެ ތެރެއިން ---

ސްޕެނިޝް ލީގުގައި ރޭ ފޯމުގައި އޮތް ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއްވަނައަށް އަރައިފި އެވެ.

ރެއާލްގެ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ވާދަވެރި ބާސެލޯނާގެ މައްޗަށް ހޯމް ޓީމުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު ކުޅުނު 26 މެޗުން ހޯދި 56 ޕޮއިންޓާ އެކު ރެއާލް އެއްވަނައަށް އަރާފައިވާއިރު ދެވަނައިގައި އޮތް ބާސެލޯނާއަށް ލިބެނީ 55 ޕޮއިންޓެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުން ލިބުނު މޮޅާ އެކު ރެއާލް މެޑްރިޑް ވަނީ ސްޕެނިޝް ލީގުގެ ތާރީހުގައި ކުޅުނު އެލްކުލެސިކޯތަކުން ބާސެލޯނާއަށް ވުރެން މައްޗަށް ޖެހިލައިފަ އެވެ. މިހާތަނަށް ލީގުގައި ކުޅުނު އެލްކުލެސިކޯ މެޗުތަކުގެ ތެރެއިން 73 ފަހަރު ރެއާލް މޮޅުވި އިރު ބާސެލޯނާ މޮޅުވެފައި ވަނީ 72 ފަހަރެވެ.

ރޭގެ މެޗަށް ދެ ޓީމުން ވެސް ވަރުގަދަ ސްކޮޑަކާ އެކު ނުކުން އިރު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ދެ ޓީމުގެ ވެސް ވާތު ޑިފެންޑަރުން ކަމަށްވާ ޖޯޑީ އަލްބާއާއި މާސެލޯ ވަނީ މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ.

މެޗު ފެށިގެން ނިމެންދެން ވެސް މޮޅަށް ކުޅުނު ރެއާލް މެޑްރިޑުން ފުރަތަމަ ހާފުގައި މާގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު ބާސެލޯނާއަށް ވަނީ އެ ހާފުގައި ގޯލު ޖަހާނެ ރަނގަޅު ތިން ފުރުސަތެއް ލިބިފަ އެވެ. އެކަމަކު އޭގެން އެއް ބޯޅައެއް ވެސް ބާސެލޯނާއަށް ގޯލަކަށް ބަދަލު ނުކުރެވުނު އިރު ދެވަނަ ހާފު އެއްކޮށް ޑޮމިނޭޓް ކުރީ ރެއާލުންނެވެ.

އެގޮތުން ދެވަނަ ހާފުގެ ތެރޭގައި ރެއާލުން ފުލު ފުލުގައި ހަމަލާތައް އުފެއްދި އިރު ބާސެލޯނާގެ ޑިފެންސަށް އޮބިއޮންނަ ވަރެއް ނޫނެވެ. ނަތީޖާއަކަށްވީ މެޗުގެ 71 ވަނަ މިނަޓުގައި ޓޯނީ ކްރޫސް ހުސްކޮށްލައިފައި ދިން ޕާހަކުން ރެއާލްގެ ފޯވާޑް ވިނިޝަސް ޖޫނިއާ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދިނުމެވެ.

ރެއާލްގެ ގޯލާ އެކު ބާސެލޯނާއިން ދެބަދަލެއް ކުރި ނަމަވެސް މާ ރަނގަޅަށް ކުޅެވޭ ގޮތެއް ނުވި އެވެ. އެކަމަކު މެޗު ނިމެން މިނަޓަކަށް ވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުން މަރިއާނޯ ޑިއަޒް ވަނީ އޭނައަށް ލިބުނު ފުރަތަމަ ބޯޅަ ހިފައިގެން ގޮސް ގޯލު ޖަހައި ރެއާލަށް މެޗު ޔަގީންކޮށްދީފަ އެވެ.

comment ކޮމެންޓް