އީރާނުން ހުކުރު ނަމާދު ކެންސަލްކޮށްފި، މަރުގެ އަދަދު 26 އަށް އަރައިފި

އީރާންގެ މިސްކިތެއް: އެގަމުގެ ބައެއް ސިޓީތަކުން ވަނީ ހުކުރު ނަމާދު ކެންސެލްކޮށްފައި ---

އީރާނުގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ނޫނީ ކޮރާނާވައިރަސްއާ ގުޅިގެން މަރުވި މީހުންގެ އަދަދު 26 އަަށް އަރައި، ވެރިރަށް ތެހެރާން އާއި އެހެން ބައެއް ސިޓީތަކުގައި މިއަދުގެ ހުކުރު ނާމާދު ނުކުރަން އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

އިރާންގެ ސަރުކާރުން ބުނި ގޮތުގައި ކޮރޯނާ ވައިރަސްއާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 26 އަށް އަރާފަ އެވެ. ޗައިނާ ފިޔަވާ އެހެން ގައުމަކުން މިހާ ގިނަ މީހުން މަރުވީ އިރާނުންނެވެ. ބަލި ޖެހުނު މީހުންގެ އަދަދު 245 އަށް އަރާކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ތެރޭގައި އެގައުމުގެ އިސް އޮފިޝަލުންވެސް ހިމެނެ އެވެ.

އެގައުމުގެ ސަރުކާރުން ބުނީ ވޭތުވެދިޔަ 24 ގަޑި އިރު އެކަނިވެސް ބަލި ޖެހުނު މީހުންގެ އަދަދު 106 އަށް އަރާފައިވާ ކަމަށެވެ. ހުކުރު ނަމާދު ބައެއް ސިޓީތަކުގައި ކެންސެލް ކުރަން ނިންމީ ހެލްތް މިނިސްޓްރީންވެސް އެގޮތަށް އެދުމާ ގުޅިގެން ކަމަށް އީރާނުގެ އިދާރާތަކުން ބުންޏެވެ.

އެގައުމުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 23 ސިޓީއަކާއި 31 ޕްރޮވިންސްގައި މިއަދު ހުކުރު ނަމާދު ނުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މުގައްދަސް ސިޓީ ގޯމްވެސް ހިމެނެ އެވެ.

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝީއީ މުސްލިމުން ޒިޔާރަތްކުރާ ގޯމްއަކީ އީރާނުން މި ބަލި ފެތުރެން ފެށި ސިޓީ އެވެ. އެންމެ ގިނަ މީހުން ޕޮޒިވްވެފައިވެސް ވަނީ އެ ސިޓީންނެވެ.

އީރާނުން މިހާރު ވަނީ ރައްކާތެރި ފިޔަވަޅު އެޅުމުގެ ގޮތުން މި ބަލި އެންމެ ފުރަތަމަ ފެތުރިގަތް ޗައިނާ އިން އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ.

ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ޑަބްލިއުއެޗްއޯ އިން މިދިޔަ މަހު 30 ވަނަ ދުވަހު ވަނީ ބައިނަލްއަގުވާމީ ސިއްހީ އެމަޖެންސީ އިއުލާން ކޮށްފަ އެވެ. އަދި ގައުމުތަކުން ސްކީރިން ކުރުމާއި އައިސޮލޭޝަން ފެސިލިޓީ ގާއިމު ކުރުމާއި ބައްޔާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަރަށް ބޮޑަށް ދަނީ ބާރުއަޅަމުންނެވެ.

މިހާތަނަށް 44 ގައުމަކާއި ސަރަހައްދަކުން 82،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަސް ޖެހުނު 2,808 މީހަކު މަރުވެފައިވާ އިރު، 33,021 މީހަކު ވަނީ ފަރުވާ ހޯދައިގެން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް