ގަނޑުވަރު ތެރެއިން - 1

﷽‎

ސީރިޔާގެ ގަދީމީ ޝަހަރެއްކަމަށްވާ ހަލަބު އަކީ ރީތި ތަނެކެވެ. އެތާ އަހުލުވެރިންގެ މަސައްކަތްތެރިކަމާއި ކުޅަދާނަކަން ފަރުމާކޮށްފައިވާ ކޮންމެ އިމާރާތަކުން ސާބިތުކޮށްދެއެވެ. ފުޅާ މަގުތަކާއި އުސް އިމާރާތްތަކެވެ. ކުރެހުން އަޅާ ޒީނަތްތެރިކޮށްފައިވާ ފައްޅިތަކާއި ގެތަކެވެ. ބާޒާރުތަކެވެ. ރީތި ތަނަވަސް ބަގީޗާތަކާއި ހަސްފަތާލެވެ. ތައުލީމު އުގަންނައިދޭ މަދަރުސާތަކެވެ. އެރީތި ޝަހަރާއި ދާދި ގާތުގައި ހަލަބުގެ ރަސްގެފާނު ޔޫގަންނާ ދިރިއުޅުއްވާ ކިއްލާ އެހެން ހުރިހާ އިމާރާތެއްގެ ފަޚުރުކަމުގައިވެ އުފުލިފައިވެއެވެ. އެކިއްލާގެ ވަށައިގެން ރާނާފައިވާ އުސްފާރުތަކާއި ތަބުތައް އުޑުވިލާއާއި ހަމަޔަށް ފޯރައެވެ. އޭގެ ސަބަބުން އެކިއްލާގެ ރައްކާތެރިކަމާއިމެދު ހައިބަތާއިމެދު ދެބަސްވެވޭނެފަދަ ތަނެއް ނޫނެވެ.

ހަލަބު ކިއްލާއާއި އިންވެގެން އޮންނަ "ހަލަބު ބަގީޗާ"އަކީ އާއްމުން ވަދެ އުޅުމުގެ ހުއްދަ އޮންނަ ތަނެއްނޫނެވެ. އެބަގީޗާގެ މެދުގައި މަރުމަރު ހިލައިން ހަދާފައިވާ ރީތި ގެއެއް ހުރެއެވެ. އެއީ ހަލަބުގެ ރަސްގެފާނު ޔޫގަންނާއާއި އޭނަގެ އާއިލާ އުފާކުރައްވަން ވަޑައިގެން އުޅުއްވާ ބަގީޗާއެވެ.

ފިނިމޫސުމް ނިމި ބަހާރު މޫސުމް ފެށުނުއިރު ގަސްތަކުގައި އާފަތްތައް ނުކުމެއްޖެއެވެ. ގަސްތަކުގައި ކުލަ ކުލައިގެ މާތައް ފޮޅި ފަރިވަމުން ޖައްވުގައި ހުވަދުލައިފިއެވެ. ބަހާރުގެ ފެހިކަމުން ލޯތަކަށް ފިނިކަން ދޭހާވެއެވެ. ފަތިހުގެ ދުންފިނީގެ ތެރެއިން ގަސްތައް ފެންނައިރު އާޝޯޚުވާވަރުވެއެވެ. ގަސްތަކުގެ ފަތްތަކުގައި ބޮސްދެމުން އިރުގެ ނޫރު އޮއްސަންފެށިއިރު އެ މަންޒަރުން ފެންނަ ކޮންމެ އިންސާނެއްގެ ހިތަށް ފިނިކަން ލިބޭނެއެވެ. މި ހިތްގައިމު ވަގުތުގައި ހަލަބުގެ ގިނަ ބަޔަކު ބަގީޗާތަކުގެ ތެރޭގައި ހިނގާލަން ނުކުމެއުޅެއެވެ.

ޝަހަރުގެ އެހެން އަހުލުވެރިން ފަދައިން މި ހިތްގައިމު މާހައުލުގެ އުފާ ހޯދަން ނުކުމެ އުޅޭ މީހުންގެ ތެރޭގައި ރަސްގެފާނުގެ ދެދަރިންކަމަށްވާ ދާނިއަލް އާއި ލޫސީ ހިމެނެއެވެ. ދާނިއަލް ނެތި އަންހެންދަރިފުޅު ބޭރަށް ފޮނުވުމަކީ ރަސްގެފާނު ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ. އެހެންވެ ދާނިއަލް ލޫސީގެ ހަށިފާރަވަރިއެއް ފަދައެވެ. ލޫސީއާއި އޭނަގެ އެކުވެރި މަރިޔަމް މާތައް ބިދެ އެކަކު އަނެކަކު ގައިގާ މާތަކުން ތަޅާ ފަހާ ދުވަމުންގޮސް އެންމެފަހުން ހޫނުވެ ދާ ހިއްލާލައިފިއެވެ. ލޫސީގެ ފިޔާތޮށިކުލަ އަރާފައިވާ މޫނުން ދާތިކިތައް ތިރިއަށް ފައިބަންފެށިއެވެ.

"ލޯބިވާ ކޮއްކޯ. މިހާރު ފުދޭވަރަކަށް ސަކަރާތް ޖެހިއްޖެ. ވަރުބަލިވެގެންގޮސް އަނބުރައިގެން ފިއްޔާ ބައްޕަ އަޅުގަނޑުދެކެ ކޯފާ އިސްކުރައްވާނީ. އޭރުން ކޮއްކޮއަކަށް ކުޅޭކަށްވެސް ނާދެވޭނެ. ކާފަމެންނަށް ޒިޔާރަތް ކުރާކަށް ނުދާނަންތަ؟ " ދާނިއަލް އޭނަގެ ކޮއްކޮގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަން ހުރެފައި ބުނެލިއެވެ. އޭނަގެ މޫނުމަތީގައިވެސް ހުންނަނީ ރަސްގެފާނުފަދައިން ސީރިޔަސް ގޮތެކެވެ. ނިތްކުރި ތަނަވަސްވެފައި ކަޅުކަންގަދަ އިސްތަށިގަނޑެކެވެ. ވަރުގަދަ ބުމައެކެވެ. ނަމަވެސް މަންމައާއި ލޫސީފަދައިން ފެހިކުލައިގެ އަސަރުގަދަ ލޮލެއް ގުދުރަތުން ދެއްވާފައިވިއެވެ.

"އަޅުގަނޑު ދާނަން.. ކޮންމެހެންވެސް ކާފައާއި މާމަގެ ފުރާނައަށް ރަހުމަތް ލެއްވުމަށް އެދި ދުޢާކުރަންވާނެ...." ލޫސީ އޭނަގެ ހުދުކުލައިގެ އަހަށް އަރަން ދާނިއަލް އެހީތެރިވެދިނެވެ. ލޫސީ ހުރީ ފިޔާތޮށިކުލައިގެ ހެދުމަކާއިއެކު އެކުލައިގެ ތާޖެއް އަޅައިގެންނެވެ.

ދާނިއަލްއާއި ލޫސީ އަދި މަރިޔަމްގެ އަސްތައް ޝަހަރުން ބޭރަށް މިސްރާބުޖެހިއެވެ.

"މަރިޔަމް. ތިވަރަށް ނުބަލާ. އެސްފީނާޖެހިދާނެ..." ލޫސީ ވައިއަޑަކުން ބުނެލިއެވެ.

"ކަމަނާ ތި ކިޔުއްވާ އެއްޗެއް އަޅުގަނޑަކަށް ނުވިސްނޭ.." މަރިޔަމް ހާސްކަމާއެކު އާގަނެފައި ބުނެލިގޮތުން ލޫސީ ހިނިއައެވެ.

"މަރިޔަމްގެ ލޯ ކިތަންމެ ފަހަރަކު ޝެހެޒާދާ ދާނިއަލް އަށް ހުއްޓިފައި ހުއްޓާ އަހަންނަށް ފެނިއްޖެ.............."

"ނޫން ނޫން މާތް ސާހިބާ. ތިހެން ވިދާޅުނުވޭ. ތި ޚަބަރު ރަސްގެފާނަށް އިވިވަޑައިގެންފިއްޔާ އަޅުގަނޑު ގަނޑުވަރުން ބޭރަށް ލައްވާނެ. އަޅުގަޑަކީ ނިކަމެތި ކުއްޖެއް. އެކަނިވެރި ޔަތީމެއް. ކަމަނާއަށް ވިސްނިވަޑައިނުގަންނަވަނީ. ތިޔަފަދަ ތުހުމަތުތަކުން އަޅުގަނޑުގެ ފުރާނައަށްވެސް ނުރައްކާވެދާނެ. ޝެހެޒާދާ ދާނިއަލްދެކެ ލޯބިވުމުގެ ކުޑަވެސް ހައްގެއް އަޅުގަނޑަކަށް ލިބިފައެއް ނުވޭ. އެއީ ރަސްދަރިކަލެއް. އަޅުގަނޑަކީ ޚާދިމާއެއް. އުޑާއި ބިމާހާ ފަރަގު އެދޭތެރޭ އެބަހުރި. އަޅުގަނޑަށް ރަހުމް ކުރައްވާ........" މަރިޔަމް ހީވީ ރޮއިގެންފާނެހެންނެވެ. ލޫސީ ހަމްދަރުދީވިއެވެ. މަރިޔަމްގެ ސިއްރު ނަޒަރު ދާނިއަލް އަށް ހުއްޓެނީ ކީއްވެބާވައޭ ލޫސީގެ ހިތަށް ކިތަންމެ ފަހަރަކު އަރައިފިއެވެ. އޭނަގެ ބޭބެއަކީ ރީތިކަމާއި އެއްވަރަށް ބޮޑާ ފިރިހެނެކެވެ. މިވީހާތަނަށް ރަސްކަލުންގެ ދަރިކަނބަލުންނަށްވެސް އެ ހިތާއި ހަމަޔަށް ފޯރޭނެގޮތެއްނުވެއެވެ. ވީއިރު މަރިޔަމްގެ އެ ނަޒަރުތަކުން ދާނިއަލްއަށް ކުރާނީ ކޮން އަސަރެއްހެއްޔެވެ؟ އޭނަގެ ހިތަކީ ހިލަ ހިތެކެވެ. ބައްޕަ ފަދައިންނެވެ.

"އެންމެ ރަގަޅު މަރިޔަމް.. ހިތް ހަމަޖައްސާލާ. އަހަރެން އެހެން ބުނީ މަޖަލަކަށް. ސީރިޔަސްނުވޭ........އަހަރެންގެ ބޭބެއެކޭ މަރިޔަމްއެކޭ މި ސީރިޔަސްކަމުގައި ތަފާތެއް މަށަކަށް ނުފެނޭ.............." ލޫސީ މަރިޔަމްގެ ހިތް ހަމަޖައްސައިދޭން މަސައްކަތްކުރިއިރުވެސް ދާނިއަލްގެ ނަން ނުގަނެ ނުހުރެވުނެވެ. ދާނިއަލްގެ ނަން އިވޭއިރަށް މަރިޔަމްގެ މޫނަށް ރަތްވާތީ އެވަނީ ކޮންކަމެއްބާވައޭ ސުވާލު އުފެދެއެވެ.

ސާދަވަނަ ގަރުނުގެ އެހެން އަންހެންކުދިން ފަދައިން ލޫސީވެސް ހަމަ އެހާ މައުސޫމްވެފައި އެފަދަ ގުޅުންތަކާއި ލޯތްބާއި ބެހޭގޮތުން އެއްވެސް ތަޖުރިބާއެއް ނުހުރެއެވެ. ލޯތްބަކީ އޭނައަށް ބީރައްޓެހި ލަފުޒެއް މެއެވެ.

އަސްދުއްވަމުންގޮސް ބޭނުންވާ މަންޒިލާއި ހަމަޔަށް ދާދި އަވަހަށް ފޯރައިފިއެވެ. އަސްތަކުން ފައިބާ އަސްތައް ގަހުގެ ހިމަ ގޮފިކޮޅެއްގައި ބަނދެލާފައި އަސްވާރުން ފައިބައިފިއެވެ. އަސްތައް ފެހިކަންގަދަ ވިނަތައް ކެއުމާއިގެން މަޝްޣޫލުވެގަތެވެ.

ޝާހީ ގަބުރުސްތާނުގައި މުޅިންވެސް ވަޅުލާފައިވަނީ ރަސްގެފާނުގެ ޚާންދާނުގެ ޝާހީ ބޭފުޅުންނާއި އާއިލާއަށް ނިސްބަތްވާ ފަރާތްތަކެވެ. އެތާގެ ވަށާ ފާރު ރާނާފައިވާއިރު ހިޔާދޭ ގަސްތަކުން ގަބުރުސްތާނުވެސް ސިފަވަނީ ބަގީޗާއެއް ފަދައިންނެވެ. މަގުބަރާތައް އެހާ ޒީނަތްތެރިކޮށް ހުރިހާ މަހާނައެއްގައި އެތަނުގައި ވަޅުލާފައިވާ މީހަކާއި ބެހޭގޮތުން ލިޔުންކޮޅުތައް ފެންނާން ހުއްޓެވެ. ދާނިއަލްއާއި ލޫސީ އެތަނުގައި ތިބެ އަތް އުފުލާފައި ދުޢާކުރިއެވެ. އެއަށްފަހު މަހާނައަށް މާތައް އެޅުމަށްފަހު ދާނިއަލް ނުކުތީ ތަންކޮޅެއް ކުރީގައި ހުރެގެންނެވެ.

ލޫސީއާއި މަރިޔަމް ވެސް މަރުވެފައިވާ މީހުންނަށް އިހިތިރާމް ކުރުމުގެ ގޮތުން މާ ގިނަ ވާހަކަތަކެއް ދެއްކުމެއްނެތި ނުކުންނާން ހިނގައިގަތެވެ. ދޮރާށިން ނުކުމެފައި ދެ އަންހެންކުދިންވެސް ސިހޭގޮތްވިއެވެ. ޚާއްސަކޮށް ލޫސީ ބިރުން މަރިޔަމްގެ ފަހަތަށް ވަދެ ފިލަން މަސައްކަތްކުރިއެވެ. އޭނަގެ ބޭބެ ދާނިއަލް އާއި ވާހަކަދައްކަން އެހެރީ ކޮން ފިރިހެންކުއްޖެއް ހެއްޔެވެ؟ ބޭބެއާއި އެއްވަރަށް އިސްކޮޅުން ދިގުވެފައި ރަސްދަރިކަލުން އަޅާފަދަ އަގުބޮޑު ހެދުމެއްގައެވެ.

"ލޫސީ މިތަނަށް އާދެބަލަ..." ދާނިއަލް ގޮވިއެވެ.

"އޫ.........ކީއްވެ؟ " ލޫސީ ހާސްވެފައި މަރިޔަމްއަށް އިވޭވަރަށް އެހެން ބުނެލާފައި ލަދުރަކި ހިންޏަކާއިއެކު ދާނިއަލްގެ ކުރިމަތީގައި ހުއްޓުނެވެ. އަދަބު އަދާކުރިއެވެ.

"މިއީ ޝެހެޒާދާ ލަވާން. އައުޒާޒް ކިއްލާގެ ވާހަކަ އަހަމެއްނު. އެތާ ރަސްކަލަކީ އަޅުގަނޑުމެންގެ ބައްޕާފުޅުގެ ދެބެންގެ ދެދަރި ދާރިއަސް. ލަވާންއަކީ ދާރިއަސްގެ ދަރިކަލަކަށްވީމަ އަޅުގަނޑުމެންގެ އާއިލާގެ ބޭފުޅަކަށްވެސް މިވީ......" ދާނިއަލް އޭނަގެ ކޮއްކޮއަށް ލަވާން ތައާރަފުކޮށްދިނެވެ. "ލަވާން. މިއީ އަޅުގަނޑުގެ ކޮއްކޮ ލޫސީ......"

ލަވާން ލޫސީއާއި ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ. ދެއަތްތިލަ ލާމެހުނުއިރު ޒުވާން ދެހިތަށް ތަފާތު އަސަރުތަކެއް ޔަގީނުންވެސް ކޮށްފިއެވެ. ލޫސީގެ މޫނަށް ހުރިހާ ލޭތަކެއް ޖަމާވިއެވެ. އޭނަ އަތްދަމައިގަތްއިރު އަތް ގަނޑުފެންކޮޅަކަށްވެއްޖެއެވެ. ކަންބޮޑުވުމާއެކު ލަދުވެތިގޮތަކަށް އިސްޖަހާލެވިއްޖެއެވެ.

"އަޅުގަނޑު ވަރަށް އުފާވެއްޖެ ތިބޭފުޅާއާއި ދިމާވީމަ." ލޫސީގެ އަޑުގައި ކުޑަ ކުޑަ ތުރުތުރެއް ހުއްޓެވެ. އޭނަ ލައިގެން ހުރި ފިޔާތޮށިކުލައިގެ ހެދުމުގައިވާ ޖީބަށް އަތް ޖަހައިލިއިރުވެސް ހިތް ތެޅޭ އަޑު އެހެން މީހުންނަށް އިވޭނެކަމުގައި އިހުސާސްކުރެވުނެވެ.

"އަޅުގަނޑުވެސް....." ލަވާން ހީލިއެވެ.

"އަޅުގަނޑު އަތުގައި ތިޔަބޭފުޅުންނަށް ދޭނެ ހަދިޔާއެއް ނެތް މިވަގުތަކު ނެތް. އެކަމަކު ދެންމެ ބަގީޗާއިން ބިނދެގެން އައި ފިނިފެންމާތަކެއް މިހިރީ. މިހަދިޔާ ގަބޫލުކުރައްވާނެކަމަށް އުއްމީދުކުރަން.............." ލަވާން އޭނަގެ އަހުގެ އަސްދާނުގޮނޑިމަތީގައި އޮތް މާތައް ނެގިއެވެ. އެންމެ ފުރަތަމަ ލޫސީއަށް ރަތްކުލައިގެ ފިނިފެންމަލެއް ދިއްކޮށްލުމުން ލޫސީ އެމަލުގައި ހިފެހެއްޓިއެވެ. އެއަށްފަހު ލަވާން މަރިޔަމްއާއި ދާނިއަލްއަށްވެސް ފިނިފެންމާ ދިނީ ކީއްވެކަމެއް ލޫސީއަކަށް ނޭގުނެވެ. މަރިޔަމްގެ ދެލޯ އުފަލުން ވިދައިގަތެވެ. އަދަބުވެރިކަމާއެކު ގުދުވަމުން އޭނަ ޝުކުރު އަދާކުރިއެވެ. ލޫސީ އެކަމާއި ހިތްހަމަ ނުޖެހުނެވެ. ކޮންމެވެސް ސަބަބަކާ ހުރެ މަރިޔަމްއަށް ލިބުނު މާ ޖަހައިގަންނަން ހިތް ގޮވިއެވެ. މަރިޔަމްދެކެ ރުޅިއަންނަގޮތްވިއެވެ. މަރިޔަމް އެ މާ ލަވާން އަތުން އަތުލީ ކީއްވެހެއްޔެވެ؟

މަރިޔަމް ދާނިއަލް ފެންނައިރަށް އެވާހާ ގޮތްތައް މިއަދު ލަވާން ފެނުމުން އޭނައަށް ވީ ބާވައެވެ. ރީތި މީހުން ފެނުނީމަ މިކަހަލަ ގޮތްތައް ހިތަށްވަނީހެއްޔެވެ؟ އޭނައަށް ރީތިމީހުން ފެނިފައިވެއެވެ. އޭނަގެ ބޭބެ ދާނިއަލްއަކީ ހަލަބު ޝަހަރުގައި ނެތްފަދަ ރީތި މާތް މީހެކެވެ. ވީއިރު ލަވާން ފެނުނީމަ އޭނަގެ ހިތް ގޮތްގޮތަށް ތެޅިގަތުމަކީ ކޮންކަހަލަ ކަމެއްހެއްޔެވެ؟ ލޯބީގެ އެއްވެސް ތަޖުރިބާއެއް ނެތް ޅަ ލޫސީގެ ހިތް އުދާސްވެ ހާސްކަމުގެ ތެރެއަށް ގެނބިއްޖެއެވެ. އޭނަ ބޭނުމީ އަވަހަށް އެކަނިވަލާށެވެ. ގަނޑުވަރުގެ ކޮޓަރީގައި ރަޖާތަކުގެ ދަށުގައި ފިލާ އޮންނާށެވެ.

***

ޝާހްޒާދާ ލަވާންއަކީ ޔޫގަންނާގެ ދެބެންގެ ދެދަރި ދާރިއަސްގެ ދަރިކަލެކެވެ. ދާރިއަސްއަކީ އައުޒާޒު ކިއްލާގެ ރަސްގެފާނެވެ. އެ ރަސްގެފާނުވެސް އެހެން ރޫމީ ރަސްކަލުންފަދައިން ޔޫގަންނާދެކެ އިންތިހާއަށް ބިރުފުޅުގެން ވަޑައިގަންނަވައެވެ. ކޮންމެ އަހަރަކު އޭނަގެ ދަރިކަލުން ލަވާން ނޫނީ ލޫކާ އަގުބޮޑު ހަދިޔާތަކާއިގެން ހަލަބުގެ ކިއްލާއަށް ފޮނުއްވައެވެ. އަންނަ ދަތުރުތަކުގައި ހަލަބުގެ ކިއްލާގައި ދުވަސްގަނޑަކު މަޑުކޮށްލުމަކީ އެބޭފުޅުންގެ އާދައެކެވެ. ނަމަވެސް ރަސްގެފާނުގެ ދަރިކަނބަލުން ލޫސީއާއި ބައްދަލުވެ ވަޑައިގަތުމުގެ ނަސީބު އަދި ކިރިޔާ ލިބުނީއެވެ. އެ ބައްދަލު ކުރެއްވުމުގެ ސަބަބުން ޒުވާން ލަވާންގެ ހިތަށްވެސް އާދަޔާ ޚިލާފު އަސަރުތަކެއް ކޮށްފިއެވެ.

ގަނޑުވަރަށް ދިޔައީއްސުރެން ލަވާން އިނީ ސްތެޗޫއެއްފަދައިން ހިމޭންވެފައެވެ. އޭނައަކީ އެހެންޏާ އަބަދު އުފަލާއި މަޖަލަށް ލޯބިކުރާ ޒުވާނެކެވެ. އެކުވެރިންނާއެކު ސަމާސާތަކާއި ކުޅިވަރުތަކުގައި ބައިވެރިއުޅޭ ލަވާންއަށް މިއަދު ވީގޮތެއް ދެނެވޮޑިގެންވަނީ މާތް ރަސްކަލާނގެއެވެ. އޭނަ ކާހިތެއް ބޯހިތެއްނުވިއެވެ. އެނދުގައި އޮށޯތްގޮތަށް ދެފަރާތަށް ފުރޮޅި ފުރޮޅިވެސް ނިދީގެ ފޮނިކަމެއް ނުލިބުނުތާ ހިތުގައިވެސް ރޯވެފައިވާ ފަދައެވެ.

މެންދުރުވެފައި ހުއްޓާ ޚާދިމާއެއް ކާނާ ހިފައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ. ހޫނުކަމުން އާވި އަރާ ކާނާގެ އިތުރުން ނާރިގު ސަރުބަތާއި ފޮނި ފަލުދަފަދަ އެއްޗެއްވެސް ހުއްޓެވެ.

"ސާހިބާ. ފަރިއްކޮޅު ތައްޔާރުވެފައި...."

"ބަޑުހައި ނުވޭ. ތަށިތައް ނަގާ.." ލަވާން އެންގިއެވެ.

ހަވީރުވާން ކައިރިވެފައި ހުއްޓާ އޭނަގެ އެކުވެރިއެއްކަމަށްވާ ތޫމާ އައިއިރުވެސް ލަވާން އޮތީ ބިއްދޮށަށް އެނބުރިގެން ކަންނޭލުގައި ބައްދާލައިގެންނެވެ. ހެދުނު ބޭރަށް ދިޔަ ހެދުމުގައެވެ. މީހެއްގެ ހިލަންވިހެން ހީވެފައިވެސް އެނބުރި ބަލައިލުމުގެ ޝައުގެއް އޭނަގެ ނެތެވެ.

"ތޫމާތަ؟ " ލަވާން އެހިއެވެ.

"ލައްބަ. އަޅުގަނޑު މިއައީ ސާހިބާގެ ހާލު އޮޅުން ފިލުވަން. ހާލު ކިހިނެއްތޯ؟ "

"ތޫމާ. އަހަރެންގެ ހިތާމަތައް އޮޅުން ފިލުވައިގެން ތޫމާއަށް ކޮށްދެވޭނީ ކޮންކަމެއްތަ؟ " ލަވާން އެހިއެވެ.

"ސާހިބާއަށް ތިފަދަ ހިތާމައެއް ލިބިވަޑައިގަތީމަ އަޅުގަނޑުގެ ހިތަށްވެސް ތަދުވޭ. އަޅުގަނޑުގެ ފުރާނަ ގުރުބާންކޮށްގެންވެސް ކަމެއް ކޮށްދެވޭތޯ ބަލާދީފާނަން..." ތޫމާ ބުނެލިއެވެ.

"އަހަންނަށް ހަލަބަށް ނާދެވުނު ނަމައޭ ހިތަށްއަރާ. މިތަނަށް އައުމުން އަހަރެންގެ ހިތް ހަމަޖެހުން ނެތިގެން ހިގައްޖެ......." ލަވާން ފުންނޭވައެއް ދޫކޮށްލަމުން މަގަތަށް އެނބުރި ތޫމާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"މިތަނުން ދިމާވީ ކޮންފަދަ ކަމެއްތޯ؟ " ތޫމާ އެހިއެވެ.

"ބޮޑު ކަންތައް ގަނޑަކާއި ދިމާވީ....."

"ކިހާވަރެއްގެ ކަމެއްތޯ؟ ސާފުކޮށް ވިދާޅުވެދެއްވީމަ އަޅުގަނޑު ކަހަލަ ގަމާރަކަށް ވިސްނޭނީ..."

"އަހަރެންގެ ހިތަށް ކޮންމެވެސް ކަހަލަ އުދަގޫތަކެއް ވެއްޖެ..." ލަވާން ބުނެލިއެވެ.

"އަޅުގަނޑަށް ނުވިސްނޭ."

"ތޫމާއަކަށް ނުވިސްނޭނެ. އަހަންނަށް މިހާރު ލިބޭނެ އެންމެ ބޮޑު އުފަލަކީ މަރުވެ ނެތިގެން ދިޔުން. އެނޫންގޮތަކަށް ހިތުގައި މިވާ އަލިފާން ނިއްވައެއް ނުލެވޭނެ..........." ލަވާން ބުނެލިއެވެ.

"ސާހިބާ. އަޅުގަނޑުދެކެ ކޯފާ އިސް ނުކުރައްވައިފިއްޔާ އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވާލަފާނަން. ތި ދަންނަވާ ޖަޒުބާތްތަކަށް ކިޔާ އުޅެނީ އިޝްގު. ލޯބި...." ތޫމާ ބުނެލިއެވެ.

"ތިބުނީ ހަމަ ތެދެއް. އަހަރެން މިވަނީ ރީތި އަންހެންކުއްޖަކަށް އަޅުކަން ކުރާ ދަރަޖައަށް ވެއްޓިފައި. އެރީތިކަމުގެ ކުރިމަތީ ހަނދުވެސް އިސްޖަހަން މަޖުބޫރުވާހާ ފުރިހަމަ. ތޫމާ. އަހަރެން މޮޔަވެދާނެ........." ލަވާން ގެ ޖުމްލައިން ތޫމާ ސިހިފައި ބަލަންފެށިއެވެ.

"އެހާ ފުރިހަމަ ރީތި އަންހެންކުއްޖަކީ ކާކުތޯ؟ "

"ރަސްގެފާނު ޔޫގަންނާގެ ދަރިކަނބަލުން ލޫސީ....." ލަވާންގެ ޖުމްލައާއެކު ތޫމާ ގެ މޫނުމަތިން ބިރުވެރިކަން ފެނުނެވެ. ޔޫގަންނާއަކީ ބޮޑާ ރަސްކަލެކެވެ. އެހެން ހުރިހާ ރަސްކަލުން އޭނަގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ޖެހޭނެކަމަށް ގަބޫލުކުރާ މީހެކެވެ. ލަވާންގެ ލޯބީގެ ޚަބަރު ރަސްގެފާނުގެ ކަންފަތްޕުޅަށް ފޯރައިފިއްޔާ އެކަމާ ކޯފާވެ ލަވާންއަށް ފުރާނައިން އަތް ދޮވެލަން ޖެހިދާނެއެވެ. ތޫމާ ދަތްދޮޅީގައި އަތް ވިއްދައިލިގޮތަށް ފުން ވިސްނުމެއްގައި އިނެވެ.

"ތޫމާ ކަލޭ ވިސްނަނީ ކޯންޗެއްތަ؟ " ލަވާން އެއްސެވިއެވެ.

"ސާހިބާ. ތި ލޯބީގެ ނިމުން އަންނާނެ ގޮތަކާއިމެދު އަޅުގަނޑު މިވިސްނަނީ................."

"ބޭކާރުކަމެއް. މިލޯބީގެ ނިމުމަކީ މަރުކަން އަހަންނަށް އެނގޭ. އަހަރެންގެ ޚާންދާންގެވެސް ނިމުން. އެކަމަކު އަހަރެންގެ މި މޮޔަހިތް އެ ރީތި އަންހެންކުއްޖާއަށް ފިދާވެއްޖެ. އެންމެ ނަޒަރަކުން އަހަރެންގެ ހިތް އެކުއްޖާއަށް ދެވިއްޖެ. މިކަމުގައި އަހަރެން ކުރާނެ އެއްވެސް ކަމެއްނެތް. ތޫމާ އަހަރެން މަރުވެދާނެ. މިއީ އަހަރެންގެ ހަލާކު......" ލަވާންގެ ރީތި މޫނު އެއްކޮށް މިލާފައިވާތަން ފެނި ތޫމާގެ ދެލޯ ކަރުނުން ތެމުނެވެ. އެކުވެރިޔާއަށް މި ދިމާވި ހާދިސާއިން އަރައިގަނެވޭނެގޮތެއްވެސް ނޭގެއެވެ.

"މާތް ރަސްކަލާނގެ ތިޔަފަދަ ދެރަ ގޮތެއް މެދުވެރި ނުކުރައްވާނެ... ވިސްނަވަންވާނީ ރަގަޅަށް....."

"ނޫން ތޫމާ. އަހަންނަށް ލޫސީ ލިބުމަކީ އެކަށީގެންވާކަމެއް ނޫން. އަދި ޔޫގަންނާއަށް މި ލޯބީގެ ވާހަކައިން އަސަރެއް ނުކުރާނެ. ރަސްގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުގެ ކުރިން އަހަރެން ފުރާނަ ދުއްވައިލާނަން. އެނޫން ގޮތެއް މަށަކަށް ނެތް........" ލަވާންގެ އަޑުގައިވަނީ ރިހުމެވެ. އޭނަގެ އެކުވެރިޔާ ލޯބީގައި ފުރާނަ ދުއްވައިލާ ހިސާބަށް ގޮސްފިކަން އެނގުމުން ތޫމާ ހާސްކަމާއެކު ދެކޮޅަށް ހިގަންފެށިއެވެ.

"ސާހިބާ އަދި އެހާ އަވަހަށް މަރުގެ ޚިޔާލު ނުކުރައްވާ. އަދި ގޮތެއް އެބައޮތް....."

"ތޫމާ ހަމަޖެހިގެން އިށީދޭ. އެއީ ކޮންކަމެއް؟ "ލަވާންގެ ދެލޮލުން އުއްމީދުގެ އަސަރު ފެނިލިއެވެ. ތޫމާ ލަވަންގެ އަރިހުގައި އިށީދެއްޖެއެވެ.

"އަރަބިން އިސްލާމުންކަމަށް ދައުވާ ކުރަމުން ތަންތަން ފަތަހަ ކުރަމުން ގަންސްރޭންއާއި ހަމަޔަށް އަތުވެއްޖެ............." ތޫމާ ބުނެލިއެވެ.

"އާނ އަރަބިން ގަންސްރޭން ފަތަހަކުރިކަމީ އަހަންނަށްވެސް އިވިފައިވާ ޚަބަރެއް......." ލަވާން ބުނެލިއެވެ.

"އެމީހުން ހަލަބަށް ހަމަލާދޭން އެބައުޅޭ.." ތޫމާ ބުނެލިއެވެ.

"ހަދަ ބިރުވެރި ޚަބަރެކޭ" ލަވާންގެ މޫނު ކަންބޮޑުވުމުގެ އަސަރު ފެނިލިއެވެ.

"ސާހިބާ. އަރަބިންނަކީ ތެދުވެރި ދީންވެރި ބަޔެއް. ވައުދަށް ކަމޭ ހިތާ. ޖެހިލުން ކުޑަ ބަޔެއް.........." ތޫމާ ވާހަކަދައްކަމުން ދިޔައިރު އޭނަގެ މޫނަށް ބަލަން ލަވާން އިނީ ހައިރާންވެފައެވެ.

"ތިގޮތަށް އަރަބީންގެ ވާހަކަ ދެއްކުމުގެ މާނައަކީ ކޮބާ؟" ލަވާން ހިތްހަމަނުޖެހިފައިވާ ރާގަކަށް އަހައިލިއެވެ. ތޫމާގެ ވާހަކަ ދަނީ ކޮން ދިމާލަކަށް ކަން އޭނަގެ ސިކުނޑިއަށް ފަހުމްވެއްޖެއެވެ. އެއީ ރަގަޅު ވިސްނުމެއް ނޫނެވެ.

"ސަބަބަކީ އަރަބިންނާއި ބައިވެރިވެގެން ސާހިބާގެ ހިތްޕުޅުގައިވާ ލޯބި ހާސިލުކުރަން ފަސޭހަވެދާނެތީ. އެމީހުންނާއި ސުލްހަވުމަށްފަހު އެމީހުން ސާހިބާއަށް ލޫސީ ހާސިލުކުރަން އެހީވެދީފާނެ. ޔޫގަންނާ ދުވަހަކުވެސް އަރަބިންނާއި ސުލްހަނުވާނެކަން އަޅުގަނޑަށް އިރުފަދައިން އެބަ އެނގޭ. ވީމަ އެމީހުންގެ އަތްދަށުން ޔޫގަންނާ ނިމިގެން ހިނގައިދާނެ. ވީމަ މިއަށްވުރެ ރަގަޅު އެހެން ޚިޔާލެއް އަޅުގަނޑަކަށް ނުފެނޭ...." ތޫމާގެ ވާހަކައިން ލަވާންގެ މޫނުމަތި ރަތްވެގެން ދިޔުމާއެކު ކުއްލިއަކަށް ދާނުން ތެދުވެއްޖެއެވެ.

"ތޫމާ ކަލެއަކީ އަހަރެންގެ ގާތް އެކުވެރިޔާ ކަމުގައި ނުވީނަމަ މިއޮތް ޚަންޖަރުން ކަލޭ ގަތުލުކޮށްލަން ފަހެއް ނުޖެހޭނަން. އަހަރެން މިއީ އަހަރެންގެ ދީނަށް ފަހަރެއްގައިވެސް ޣައްދާރުވާނެ މީހެއްނޫން. އަހަރެން ނިމިގެން ދާނީ އަހަރެންގެ މިހިރަ މާތް އީސާއީ ދީންމަތީގައި.....އިތުރަށް ވާހަކަ ނުދައްކާ މިވަގުތު ކަލޭ މިތަނުން ދޭ. އަހަރެން ބޭނުމީ އެކަނިވެރިކަން..." ލަވާން ދަތްކުނޑި ވިކާލައިގެން ހުރެ ވާހަކަދެއްކިއެވެ. ހަގީގަތުގައިވެސް އޭނަ ހުރީ ގަދަޔަށް ރުޅިއައިސް މޫނުމަތި ރަތްވެފައެވެ. ހިތުގެ އިހުސާސްތަކަށް ކުރި ހޯދަން އުޅުނަސް އޭނައަށް އޭނަގެ ދީން ވިއްކައެއް ނުލެވޭނެއެވެ. އިސްލާމުންނާއި އެއް ގަލަކަށް ނޭރޭނެއެވެ.

***

މަރިޔަމް ލޫސީގެ ކޮޓަރިއަށް ވަނީ ބައްތިތައް ދިއްލައިލުމަށެވެ. އޭރުވެސް ލޫސީ އެނދުގައި އޮށޯވެލައިގެން ރަތް ފިނިފެންމަލުގެ ފިޔަތަކާއި ކުޅެން އޮތެވެ. މޫނު މިލާފައިވާވަރުން އެތައް ދުވަހަކު ބަލިވެއުޅޭ ކުއްޖެއްފަދައެވެ. ބައްތީގެ ފަނޑު ހުޅުކޮޅު އެ ދޮންދޮން މޫނަށް އެޅުމުން ކުރިއަށްވުރެ މޫނު އުޖާލާކޮށް ދައްކަންފެށިއެވެ. މަރިޔަމް އިށީދެލީ ދޫލަމަތީގައެވެ.

"ލޫސީ އަދިވެސް ފަރިއްކޮޅު އެހެރީ...."

"ކަލޭ ގޮސް ކާލާ. ނޫނީ ކުއްތާތަކަށް ކާންދީ....." ލޫސީގެ ނަޒަރު ހުއްޓިފައިވަނީ ފިނިފެންމަލަށެވެ.

"ކުއްލިއަކަށް ކަމަނާއަށް މިފަދަ ބޮޑު ބަދަލެއް އައީ ކިހިނެއްތޯ؟ އަޅުގަނޑުގާތު ވިދާޅުވެދެއްވާ............" މަރިޔަމް އެހިއެވެ.

ލޫސީ ބުނާނީ ކީކޭހެއްޔެވެ؟ އޭނައަށް ވެގެން އުޅޭގޮތެއް ޚުދު އޭނައަކަށްވެސް ނޭގެއެވެ. އޭނަ އުޅެބޮޑުވީ ރަސްކަމުގެ ކޮއިލުގައި އިއްޒަތުގައެވެ. ރަސްދަރިކަނބަލަކަށް ވުމުން ލިބެންޖެހޭ ހުރިހާ ނިއުމަތެއް އޭނައަށް ލިބިފައިވިއެވެ. ނަމަވެސް މިހާރު ހިތްއެދެނީ އަބަދުވެސް ތަންމަތީގައި އޮތުމަށެވެ. ކާހިތެއް ބޯހިތެއް ނުވެއެވެ. ހަމައެކަނި ވިސްނެނީ ލަވާންއާއި މެދުގައެވެ. ލަވާންގެ ހަދިޔާއާއިމެދުގައެވެ.

(މިއީ އިސްލާމީ މުޖާހިދުން ހަލަބް އަދި އައުޒާޒް ކިއްލާ ފަތަހު ކުރިގޮތާއި އަދި ރޫމީންގެ ޝާހީ އާއިލާގެ ބޭފުޅުންގެ ލޯބި އަސްލަކަށް ހިމަނައިގެން ލިޔެފައިވާ އިސްލާމީ ތާރީޚުގެ ފޮތްތަކަކުން ނަކަލުކޮށްފައިވާ ވާހަކައެކެވެ.)

-ނުނިމޭ-

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު