ކޮވިޑް-19ގެ ސަބަބުން ބޮޑު ކަންނެލީގެ އަގު ވެއްޓިދާނެ

ދިވެހި މަސްވެރިއަކު ބޮޑު ރީނދޫ އުރަހަ ކަންނެއްޔެއް ކޮނޑަށް ލައިގެން -- ފޮޓޯ/ ދިވެހި މަސްވެރިން

ކޮވިޑް-19ގެ ސަބަބުން ބޮޑު ކަންނެލީގެ އަގު ދަށަށް ގޮސްދާނެ ކަމަށް މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ބުނެފިއެވެ.

ޗައިނާގައި ފެތެރުން ފެށި ކޮވިޑް-19 ވައިރަސް މިހާރު ވަނީ ޔޫރަޕުގައިވެސް ފެތުރެން ފަށައިފައެވެ. އެ ވައިރަހުގެ އަސަރުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިޓަލީއާއި ޖަރުމަނު ހިމެނެއެވެ. އެ ގައުމުތަކަކީ ރާއްޖެއިން މަސް އެކްސްޕޯޓު ކުރާ ގައުމުތަކެވެ.

މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ޔޫރަޕުގެ ގައުމުތަކުން ރާއްޖޭގެ މަސް ގަންނަ އަދަދު ދަށަށް ދަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެއިން ތާޒާ ކަންނެލި ގަންނަމުން އައި އަދަދު 30 ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ކުރިއަށް އޮތްތަނުގައިވެސް ތާޒާ މަސް ގަންނަ އަދަދު ދަށަށް ގޮސްދާނެ ކަމަށް ޔޫރަޕުން މަސް ގަންނަ ފަރާތްތަކުން ބުނެފައިވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

"ރާއްޖެއިން ތާޒާ ކަންނެލި އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރެއިން އިޓަލީއާއި ޖަރުމަނުގައި ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން އެ ގައުމުތަކުގެ ރެސްޓޯރެންޓުތަކާއި ފުޑްކޯޓުތައް ދަނީ ބަންދުކުރަމުންނެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ޔޫރަޕްގެ މާކެޓުތަކަށް ތާޒާ ކަންނެލި ގަންނަ ނިސްބަތް އިތުރަށް ދަށަށް ހިނގައިދާނެ ކަމުގައި ޔޫރަޕުން މަސް ގަންނަ ފަރާތްތަކުން ވަނީ ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރާ ފަރާތްކަށް އަންގާފައެވެ." އެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަސް އެކްސްޕޯޓު ކުރާ ފަރާތްތަކުން އެކަން ފިޝަރީޒް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

ޔޫރަޕުން ގަންނަ މަހުގެ އަދަދު ދަށްވަމުންދާނަމަ މަސް ގަންނަ ކުންފުނިތަކުން މަސް ގަންނަ މިންވަރު މަދުކުރަން ޖެހޭނެ ކަމަށް ބުނެ، އެކަމުގެ ސަބަބުން ބޮޑުކަންނެލީގެ އަގު އިތުރަށް ދަށަށް ހިނގައިދާނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

"މިގޮތަށް ޔޫރަޕުން ގަންނަ މަހުގެ އަދަދު ދަށްވަމުންދާނަމަ މަސް ގަންނަ ކުންފުނިތަކުންވެސް މަސް ގަންނަ މިންވަރު މަދުކުރަން ޖެހޭނެ ކަމާއި އަދި ބޮޑު ކަންނެލީގެ އަގު އިތުރަށް ދަށަށް ހިނގައިދާނެ ކަމުގައި މަސްވެރިންނާއި ދިވެހި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ." މޯލްޑިވްސް ސީފުޑް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް އެސޯސިއޭޝަނުން ބުންޏެވެ.

ޔޫރަޕުގައި މިހާތަނަށް އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައި ވަނީ އިޓަލީގައެވެ. އެ ގައުމުގައި މިހާތަނަށް 16 މީހުން އެ ބަލީގައި މަރުވެފައިވެއެވެ. ޖަރުމުގައި މިހާތަނަށް މީހަކު މަރުވެފައި ނުވާ ނަމަވެސް 27 މީހަކަށް ވައިރަސް ޖެހިފައިވެއެވެ. ފްރާންސްގައި 18 މީހަކަށް ވައިރަސް ޖެހިފައިވާ އިރު ދެ މީހަކު މަރުވެފައިވެއެވެ.

ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމަށް އަސަރުކޮށް، ރާއްޖޭގެ އިގްތިސާދަށްވެސް ނުރަނގަޅު އަސަރު ކުރާނެ ކަމަށް މާހިރުން ބުނެއެވެ. އަދި އެ ވައިރަހުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ނުރަނގަޅު އަސަރު ކުރާނެ ކަމަށް މާހިރުން ލަފާ ކުރެއެވެ.

comment ކޮމެންޓް