ކައުންސިލުތަކުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރީތީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަށް ފިރިހެނުންނަށް ކުރިމަތިނުލެވޭތީ ސުޕްރީމް ކޯޓަށް މައްސަލަ ވެއްދި މޫސާ އަންވަރު -- ސަން ފައިލް ފޮޓޯ

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އަންހެނުންނަށް ހާއްސަކުރި ދާއިރާތަކަށް ފިރިހެނުންނަށް ކުރިމަތިނުލެވޭތީ، އެ އިސްލާހު ބާތިލްކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ފުރަތަމަ ލިބިގެން ވަނީ ހައިކޯޓަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނަށް ގެނައި އަށް ވަނަ އިސްލާހާ އެކު ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް އިންތިހާބު ކުރެވޭ މެމްބަރުންގެ ތެރެއިން 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، ސިޓީ ކައުންސިލުތަކުގެ ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަ ނުކުރެވޭ ގޮތް ވަނީ ހަދައިފައެވެ.

އެއީ ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރެވޭ މަގާމަކަށް ކުރިމަތިލުމުގެ އަސާސީ ހައްގުން ފިރިހެނުން މަހުރޫމު ކުރުން ކަމަށާއި، އެހެންކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އެ އިސްހާލުތަކަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހުތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް އެ ދުސްތޫރީ މައްސަލަ ހުށަހެޅީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރެވެ. އޭނާ ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ އިސްލާހުތަކަކީ ގާނޫނު އަސާސީއާ ހިލާފު ބާތިލު އިސްލާހުތަކެއް ކަމަށް ކަނޑައެޅައިދިނުމަށެވެ.

މި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ހިލާފުތޯ ބެލުމުގެ ބާރު ސުޕްރީމް ކޯޓަށާއި ހައިކޯޓަށް ލިބިގެންވާ ނަމަވެސް، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ގާނޫނު އަސާސީއާއި ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ހިލާފުވާ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް ލިބިގެންވަނީ ހައިކޯޓަށް ކަމަށް ކޯޓުތަކުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ)އިން އެނގޭ ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެއެވެ.

އެ މައްސަލަ ފުރަތަމަ ހުށަހަޅަން ޖެހޭނީ ހައިކޯޓަށް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، މައްސަލަ ހުށަހެޅި މޫސާ އަންވަރު ބުނީ ކުރިއަށް އޮތްތަނުގައި ހައިކޯޓަށް އެ މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެއްގޮތަށް ކައުންސިލު އިންތިހާބު ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ. އިންތިހާބު ބާއްވަން ނިންމާފައި ވަނީ އޭޕްރިލް ހަތަރު ވަނަ ދުވަހުއެވެ.

comment ކޮމެންޓް