ކޮވިޑް-19 އާ ދެކޮޅަށް ގައުމީ މަސައްކަތެއް ފަށަން ޖެހޭ: އަމީން

ތިން ރަށެއްގައި އަލަށް އަޅާ ހެލްތު ފެސިލިޓީސްތައް އިފްތިތާހްކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު އަމީން --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިހާރު ދުނިޔޭގެ އެކި ކަން ކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ބައްޔާ ދެކޮޅަށް އެންމެން ގުޅިގެން ގައުމީ ކަމެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ތިން ރަށެއްގައި އަލަށް އަޅާ ހެލްތު ފެސިލިޓީސްތައް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް ކުރެވުނު މަސައްކަތުގައި މިހާތަނަށް އަޅުގަނޑުމެންގެ އާބާދީ ސަލާމަތްވެފަ މިއޮތީ ސިއްހީ ހިދުމަތްތެރިން ކުރި ބުރަ މަސައްކަތުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މުޅި ދުނިޔެވެސް މިހާރު އޮތީ ވަރަށް ބޮޑު އަނދިރި ވިލާގަނޑެއްގެ ކުރިމަތީގައި ކަަމަށެވެ. އެ ބަނަ ވިލާގަނޑު މުޅި ދުނިޔޭގއި ވެރިވަމުންދާއިރު އަޅުގަނޑުމެން ސަލާމަތްވުމަށް ކުރަން ޖެހޭ މަސައްކަތުގައި ފަރުދީ ޒިންމާއަކީ ވަރަށް މުހިންމު ޒިންމާއެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އާންމު ރޯގާއިން ރައްކާތެރިވުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ސަމާލުކަންދީ އަޅުގަނޑުމެންގެ އާންމު ހަރަކާތްތައް އެ ބަލިން ރައްކާތެރިވުމުގެ ގޮތަށް ތަރުތީބްކުރަމަކީ ކުރަން ޖެހިފައިވާކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދޭ އިރުޝާދުތަކާއި ސިއްހީ މާހިރުންނާއި ޑޮކްޓަރުންނާއި ކަމާބެހޭ ފަރާރްތަކުން ދޭ އިރުޝާދުތައް އަޑުއަހާ އެގޮތަށް އަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް 19 އަކީ ވަރަށް ނުރައްކާތެރި ބައްޔެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެބަލިން ރައްކާތެރިވުމަށް ކުރަން އޮތް މަސައްކަތްތަކީ ވަރަށް އާދައިގެ މަސައްކަތްތަކެއް ކަަމަށެވެ.

"އޭގެ ނުރައްކާ އެކި ދުވަހު އެކި މިންވަރަށް ދުނިެޔަށް އިހުސާސްކުރަމުންދާއިރު ފަރުދީގޮތުން އަޅުގަނޑުމެން ކުރާ މަސައްކަތުގެ ސަބަބުން ވަރަށް ބޮޑު ތަނުން އަޅުގަނޑުމެނަށް ހައްލު ލިބުމުގެ ފުރުސަތު ލިބިގެންދާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ކޮންމެ ދުވަހަކުމެ ކަމާ ބެހޭ ފަރާތްތަކާއެކު ވާހަކަދެކެވި މަޝްވަރާކުރެވި އަޅަމުން ދާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

އެ ބަލިން ރައްކާތެރިވުމަށް ކައުންސިލްތަކުގެ ދައުރާ ހޮސްޕިޓަލްތަކުގެ ދައުރާ ސްކޫލްތައް އަދި ކަމާ ބެހޭ ހުރިހާ ފަރާތްތަކެއްގެ ދައުރު ވަރަށް މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެގޮތުން ކޮންމެ ރަށެއްގެ ރައްޔިތުންވެސް އަދި ކޮންމެ ރަށެއްގައިވެސް ހުރި ސަރުކާރާ އަމިއްލ ފަރާތްތަކާ ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން މިކަމަށް ވާންޖެހޭ ތައްޔާރީތައް ވުމަކީ ވަރަސް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ތެރޭގަިއ ހުރި ދޭދޭ މައްސަލަތައް އެއްފަރާތްކޮށް އެންމެންގެ ރައްކާތެރިކަމާ ސަލާމަތަށްޓަކައި ގައުމީކަމެއްގެ ގޮތުގައި މަސައްކަތްކުރުމަކީ މިދަނޑިވަޅުގަިއ ކުރަން ޖެހޭ ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް