ފިލްމުތަކުގެ ވިލަން އައިފޯނު ގެންގުޅެން އެޕަލް ބޭނުމެއް ނޫން

ލިއަމް ނީސާން ފިލްމެއްގައި އައިފޯނު ބޭނުންކުރަނީ --- ފޮޓޯ : ޕެރަމައުންޓް

ބޮޑެތި ޕްރޮޖެކްޓުތަކުގެ ފިލްމުތަކުގައި ވިލަންގެ ރޯލު ދައްކުވައިދޭ ކެރެކްޓާތަކަށް އެ ފިލްމުގައި އައިފޯނު ގެންގުޅުން އެޕަލް އަށް ކަމު ނުދާ ކަމަށް ހޮލީވުޑްގެ ބޮޑެތި ފިލްމުތަކުގެ ޑިރެކްޓަރުން ބުނެފި އެވެ.

ދާދި ފަހުން ނެރުނު މަޝްހޫރު ފިލްމު ކަމަށްވާ "ނައިވްސް އައުޓް" އާއި މަޝްހޫރު ސްޓާ ވޯސްގެ "ލާސްޓް ޖެޑާއި"ގެ ޑިރެކްޓަރު ރީއަން ޖޯންސަން ބުނެފައިވަނީ ފިލްމުތަކުގައި އެޕަލްގެ ޕްރޮޑަކްޓު ބޭނުންކުރުމުގެ ޕޮލިސީ ވަރަށް ހަރުކަށި ކަމަށެވެ.

"އެޕަލް އިން ފިލްމުތަކުގައި އައިފޯނު ބޭނުން ކުރެވޭނެ. ހާއްސަކޮށް މިސްޓްރީ ފިލްމު ކަހަލަ އެއްޗެހި ބަލާކަމަށްވާނަމަ މިއީ މުހިއްމު ވާހަކައެއް، ފިލްމުގެ ވިލަން އަކަށް އައިފޯނެއް ނުގެންގުޅެވޭނެ،" ޖޯންސަން ބުންޏެވެ.

އެހެންކަމުން ފިލްމެއްގެ ގޯސް ކެރެކްޓަރު ހޯދަން ބޭނުންވާނަމަ އެންޑްރޮއިޑް ފޯނެއް ގެންގުޅޭތޯ ބެލުމަށް އޭނާ އިޝާރާތްކުރިއެވެ.

ޖޯންސަންގެ "ނައިވްސް އައުޓް"ގައި އުޅޭ ހުރިހާ ކެރެކްޓަރުންނަކީވެސް މީހަކު މަރާލި ކަމަށް ޝައްކު ކުރެވޭ މީހެކެވެ. އެހެންކަމުން ވަކި އެކްޓަރަކަށް އައިފޯނެއް ދީފައި އަނެއްބައި މީހުންނަށް އެންޑްރޮއިޑް ދީފި ނަމަ ޕްލޮޓު ފަޅާ އަރާނެ ކަމަށް އޭނާ ބުންޏެވެ.

އެޕަލްގެ ޕޮލިސީ ހަމައެކަނި އައިފޯނަކުން ނުއެއް ނިމެ އެވެ. އެކުންފުނީގެ މެކްބުކް ފަދަ ޑެސްކްޓޮޕް އާއި ލެޕްޓޮޕް ގެންގުޅޭ ނަމަވެސް އެފަދަ ޕޮލިސީތަކެއް ބޭނުންކުރަން ޖެހެ އެވެ.

ފިލްމުގައި މެކްބުކް ގެންގުޅޭނަމަ އެ ބޭނުންކުރެވޭނީ ހަމައެކަނި ފިލްމުގެ ހީރޯ ނުވަތަ ލީޑް ކެރެކްޓަރަށް ކަމަށް ޖޯންސަން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް މިދިޔަ އަހަރު ދެކުނު ކޮރެއާއިން ނެރުނު ފިލްމު "ޕެރަސައިޓް"ގެ މަންޒަރުތަކުން ފެނިގެންގޮސްފައި ވަނީ ތަފާތުކޮށެވެ. އެގޮތުން ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދާ ފަގީރު އާއިލާގެ ހުރިހާ ކެރެކްޓަރުން ގެންގުޅެނީ އެންޑްރޮއިޑް އެވެ. އަދި މުއްސަނދި އާއިލާއިން ގެންގުޅެނީ އައިފޯނެވެ. ފިލްމުގެ ޕްލޮޓަށް ބަލާނަމަ މުއްސަނދި އާއިލާއަކީ ފިލްމުގެ ވިލަން ކަމަށް ބަހުސްކުރެވިދާނެ އެވެ. އެހެން ކަމަށްވާނަމަ އެ ފިލްމު ވަނީ އެޕަލްގެ ޕޮލިސީއާ ހިލާފުވެފަ އެވެ.

ބެލެވޭ ގޮތުގައި އެ ޕޮލިސީ ބޮޑަށް އެޕްލައި ކުރެވެނީ ފިލްމުގެ ވިލަން އަކީ ސީދާ ކޮން ކެެރެކްޓާއެއްކަން ސާފުވާ ކެރެކްޓަރުންނަށް ކަމަށް ވެދާނެ ކަމަށް ރީއަން ބުންޏެވެ.

comment ކޮމެންޓް