ކައުންސިލްތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބޭނުންތެރި، އަވަސްކުރަން ޖެހޭ: އީސީ

މަޖިލީހުގެ ކޮމެޓީއެއްގައި އިލެކްޝަންސްގެ މެންބަރުން-- ފައިލް ފޮޓޯ/ އިލެކްޝަންސް

ބާތިލް ވޯޓުތައް މަދުކުރުމަށްޓަކައި ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހަކީ ބޭނުންތެރި އިސްލާހެއް ކަމަށާއި އެ އިސްލާހު ވީހާވެސް އަވަހަކަށް ފާސްކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކައުންސިލް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމެވެ. އިއްޔެ މަޖިލިސް ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ރޮޒައިނާ ހުށަހެޅުއްވީ، އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ހާލަތުގައި ބާތިލު ވާނީ މުޅި ވޯޓު ކަރުދާސް ނޫން ކަމަށާއި ބާތިލް ވާނީ ހަމައެކަނި ވޯޓު ކަރުދާހުގައި އިތުރަށް ފާހަގަ ޖަހައިފައި އޮންނަ ބައި ކަމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން އިންތިހާބު ކުރަން ޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހައިފި ނަމަ، މުޅި ވޯޓު ކަރުދާސް ބާތިލުވާނެއެވެ. ނަމަވެސް ރޮޒައިނާގެ އިސްލާހު ފާސްވެއްޖެ ނަމަ، މުޅި ވޯޓު ކަރުދާސް ބާތިލުވެގެން ނުދާނެވެ. ބާތިލު ވާނީ، ގިނަ ފާހަގަ ޖެހި ބައި އެކަންޏެވެ.

އެ ބިލާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު "ސަން" އަށް ވިދާޅުވީ، އިންތިހާބަކާ ކައިރިކޮށްފައި ގާނޫނަށް އިސްލާހު ގެނައުމަކީ އިލެކްޝަސް ކޮމިޝަނުން އެހާ ތާއީދުކުރާ ކަމެއް ނޫން ކަމަށާއި ނަމަވެސް ރޮޒައިނާ ހުށަހެޅުއްވި އިސްލާހަކީ، މިވަގުތަށް ވަރަށް ބޭނުންތެރި އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހަށް ކޮމިޝަނުން ވަރަށް ބޮޑަށް ތާއީދު ކުރައްވާކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުންވެސް ބޭނުންވޭ ވީހާވެސް ވަރަކަށް ބާތިލު ވޯޓު މަދުކުރަން. މި ބަދަލު ގެނެސްފި ނަމަ ރައްޔިތުނަށް ތަކުލީފުތައް ކުޑަވެ، ބާތިލުވާ ވޯޓުގެ އަދަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ،" އަކްރަމް ވިދާޅުވިއެވެ.

"އެ އިސްލާހަކީ ކޮމިޝަނުން ވަރަށް ތާއީދު ކުރާ އިސްލާހެއް. އިސްލާހު އަވަސްކޮށްދިނުމަށް ވަރަށް ބޮޑަށް އެދެން،" އަކްރަމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު ކައުންސިލް ރައީސް އަދި ސިޓީތަކުގެ މޭޔަރުންނަކީ ވަކިން އިންތިހާބު ކުރަން ޖެހޭ މީހުންނެވެ. އެގޮތުން މިފަހަރު އިންތިހާބުގެ ވޯޓު ކަރުދާހުގައި ކައުންސިލް ރައީސް، އަންހެނުންނަށް ހާއްސަ ކުރާ ޖާގަ އަދި މެމްބަރުންގެ ވޯޓުލާން ޖެހޭނީ އެއް ކަރުދާހެއްގަ އެވެ. ޖުމްލަ ތިން މަގާމަކަށް އެ ކަރުދާހުގައި ވޯޓުލާން ޖެހެ އެވެ. ސިޓީތަކުން ނަމަ، މޭޔަރުގެ ވޯޓާއި ދާއިރާގެ މެމްބަރުގެ ވޯޓުވެސް އޮންނާނީ އެއް ކަރުދާހެއްގަ އެވެ.

ރޮޒައިނާ ހުށަހެޅުއްވި އިސްލާހާއެކު ވޯޓު ކަރުދާހުގެ ފާހަގަ ޖަހަންޖެހޭ އަދަދަށް ވުރެ ގިނައިން ފާހަގަ ޖަހާފި ނަމަ، ބާތިލް ވާނީ ހަމައެކަނި އިތުރަށް ފާހަގަ ޖެހި ބައެވެ. މުޅި ކަރުދާސް ބާތިލުވެގެން ނުދާނެ އެވެ.

އިސްލާހު އަވަސްކުރުމަށް ބޭނުންވާ ކަމަށް އަކްރަމް ވިދާޅުވިއިރު، އިއްޔެގެ މަޖިލިސް ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެގޮތަށް މަސައްކަތް ކުރުމަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

މަޖިލިސް ގަވައިދުގައި ބުނާގޮތުން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު އިބްތިދާއީ ބަހުސް ފެށުމަށް ހަތް ދުވަހުގެ މުއްދަތެއް ދޭން ޖެހޭނެ އެވެ. އިއްޔެގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލިސް ގަވައިދުގައި އެ މުއްދަތު ކުޑަ ކުރުމަށް މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެއްބަސްވާނަމަ އެއީ އިސްތިސްނާ ހާލަތެއް ކަމަށް ބަލައި، ތިން ދުވަސް ކުޑަކުރުމަށް ޖާގަ އެބައޮތް ކަމަށެވެ. އަދި އިބްތިދާއީ ބަހުސަށް ފަހު، ވަގުތު ސަލާމަތް ކުރުމުގެ ގޮތުން މުޅި މަޖިލިސް ކޮމިޓީއަކަށް ގޮސްގެން އެ ބިލް ދިރާސާކުރެވިދާނެ ކަމަށެވެ.

ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހު ހަތަރު ވަނަ ދުވަހު އެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ވަނީ ހަމަވެފަ އެވެ. މިހާރު ކުރިއަށް ދަނީ ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމުގެ މަރުހަލާ އެވެ.

comment ކޮމެންޓް