ދިއްލީގައި ފައްޅިއަކަށް ހަމަލާ ދިނުން ހުއްޓުވީ މުސްލިމުން

ޗަންދުބާގުގައި ގެތަކުގައި ރޯކޮށް، ލޫޓުވާފައި ވަނީ އެސަރަހައްދުގައި ދިރިއުޅޭ ބަޔަކު ނޫން ކަމަށް މީހުން ވަނީ ބުނެފައި -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ދިއްލީ (ފެބްރުއަރީ 27): އިންޑިއާގެ ދިއްލީގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި ހިންދޫ ފައްޅިއަކަށް ހަމަލާ ދިނުން އެ ހަމަލާ މުސްލިމުން ހުއްޓުވައިފި އެވެ.

ދިއްލީގެ އިރު އުތުރުގައި އޮންނަ ޗަންދުބާގުގައި ފާއިތުވި ދުވަސްތަކުގެ ތެރޭ ތަންތަނުގައި ރޯކޮށް، ލޫޓުވާފައި ވަނީ އެސަރަހައްދުގައި ދިރިއުޅޭ ބަޔެއް ނޫން ކަމަށް ބީބީސީ ނިއުސް ހިންދީއާ އިއްޔެ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އަހަރެން މިތާ އުޅޭތާ މިހާރު 40 އަހަރުވެދާނެ. މިއަދު ހިނގައި ދިޔަ ފަދަ ކަމެއް މީގެ ކުރިން މިތަނުގައި ހިނގާފައި ނުވޭ. ހުރިހާ ހަމަނުޖެހުމެއް ވެސް ހިންގާފައި ވަނީ ބޭރުން އައި ބަޔަކު. މިސަރަހައްދުގައި ދިރިއުޅޭ އެއްވެސް ބަޔަކު އެކަމުގައި ބައިވެރިއެއް ނުވޭ،" މިޝްރާ ކިޔާ މީހަކު އިއްޔެ ބުންޏެވެ.

މިޝްރާ ބުނި ގޮތުގައި ޗަންދުބާގުގައި ދިރިއުޅެނީ 70 ޕަސެންޓު މުސްލިމުންނާއި 30 ޕަސެންޓު ހިންދޫންނެވެ. އަދި އެންމެން އުޅެނީ އެއްބައިވަންތަކޮށް، ވަރަށް ލޯބިން ކަމަށާއި ދެ ދީނުގައި ފާހަގަ ކުރާ ދުވަސްތައް ވެސް އެންމެން ގުޅިގެން ފާހަގަ ކުރާ ކަމަށް ބުނެފަ އެވެ.

އެހެންކަމުން ޗަންދުބާގުގައި ހަމަނުޖެހުންތައް ފެއްޓުމުން، އެ ހަމަލާތައް ހުއްޓުވަން ދިޔައީ ވެސް އެސަރަހައްދުގައި ދިރިއުޅޭ މުސްލިމުންނާއި ހިންދޫން އެއްކޮށް ކަމަށް ބީބީސީ ހިންދީއަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

ދިއްލީގައި ހިންގި ހަމަނުޖެހުންތަކުގައި ހިންދޫ ދީނުގެ ބަޔަކު ވަނީ މިސްކިތެއްގައި ރޯކޮށްފަ -- ފޮޓޯ: އޭއެފްޕީ

އެގޮތުން މޯހަން ސިންހު ތުމާރު ނަމަކަށް ކިޔާ މީހަކު ބުނި ގޮތުގައި މުސްލިމުން ވަނީ އެސަރަހައްދުގައި ހުންނަ ތިން ފައްޅިއަކަށް ބަޔަކު ގެއްލުން ދިނުން ހުއްޓުވައިފަ އެވެ.

"ހަމަނުޖެހުން ހިންގަން ފެށީމާ، އެތާ އުޅޭ ހިންދޫންނާ މުސްލިމުން އެއްކޮށް ދިޔައީ ހުއްޓުވަން. ފައްޅި ކައިރީ ތިބިން އަތް ގުޅުވައިގެން،" ބީބީސީ ހިންދީއާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހު ދިއްލީގައި ހަމަނުޖެހުންތައް ފެށުނީ އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް މެމްބަރެއް ކަމަށްވާ ކާޕިލް މިޝްރާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެގޮތުން އޭނާ ވަނީ އެ ގައުމުގައި މުސްލިމުންނާ މެދު ތަފާތު ކުރެވޭ ގޮތަކަށް ހަދާފައިވާ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ކުރާ މުޒާހަރާތައް ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި މުޒާހަރާ ކުރާ މީހުން ތިބި ސަރަހައްދުތައް ހުސް ކުރަން ތިން ދުވަސް ދޭނެ ކަމަށާއި އެތަންތަން ހުސްނުކޮށްފި ނަމަ އޭގެ ނޭދެވޭ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ ފަހުން، ހަމަ އެ ދުވަހު ހަމަނުޖެހުންތައް ފުރަތަމަ ފެށުނީ ރަށްވެހިކަމުގެ ގާނޫނަށް ތާއިދު ކުރާ މީހުންނާއި އެ ގާނޫނާ ދެކޮޅު މީހުންނާ މެދުގަ އެވެ. އެހަމަނުޖެހުންތަކުގެ ފޮޓޯތަކާއި ވީޑިއޯތަކުން، ލަޓިބުރި އާއި ދަގަނޑުބުރިތައް ހިފައިގެން ތިބި މީހުން އާއްމު ރައްޔިތުންނަށް ހަމަލާ ދޭ މަންޒަރު ފެނެ އެވެ. އަދި މުސްލިމުންނާއި ހިންދޫންނާ ދެމެދު ކުރިމަތިލުންތައް ހިނގާ މަންޒަރު ވެސް ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެނެ އެވެ.

މީގެ އިތުރުން މަންޒަރު ދުށް ފަރާތްތަކުން ވަނީ ހަމަނުޖެހުން ހިންގި މީހުން، މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކަށް ގޮސް ގެތަކާއި ފިހަރާތައް ލޫޓުވާ، ރޯކުރި ކަމަށް ބުނެފަ އެވެ. އަދި އަންގާރަ ދުވަހު ވަނީ ދިއްލީގެ މިސްކިތެއްގައި ހުޅުޖަހައި އަންދާލައި އެ މިސްކިތުގެ މުންނާރަށް ހިންދޫ ދީން ރަމްޒުކޮށްދޭ ދިދައެއްވެސް ނަގާފަ އެވެ.

އެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 34 އަށް އަރާފައިވާ އިރު އަނިޔާވި 200 އަށް ވުރެ ގިނަ މީހުންނަށް ދިއްލީގެ ހޮސްޕިޓަލްތަކުގައި ފަރުވާދީފައިވެ އެވެ. އަދި މަރުވި މީހުންނާއި އަނިޔާވި މީހުންގެ ތެރޭގައި މުސްލިމުންނާއި ހިންދޫން ހިމެނޭ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އިންޑިއާއިން ޑިސެމްބަރު 11ގައި ފާސްކޮށް ޖެހިގެން އައި ދުވަހު ތަސްދީގުކޮށްފައިވާ ރަށްވެހިކަމުގެ ގާނޫނުގައި ވަނީ ބަންގުލަދޭޝް، ޕާކިސްތާނު އަދި އަފްޣާނިސްތާނުން އިންޑިއާއަށް ގަވާއިދާ ހިލާފަށްދާ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ދެވޭނެ ގޮތް ހަދައިފަ އެވެ. އަދި އެ ގާނޫނާ ދެކޮޅު މީހުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތު ކުރާ ގާނޫނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

comment ކޮމެންޓް