ރެއާލްގެ ކެޕްޓަން ސާޖިއޯ ރަމޯސްއަށް ލަދުވެތި ރެކޯޑެއް

ރެއާލާއި މެންޗެސްޓާ ސިޓީ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// ޑެޔަން ކަލިނިޗް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ސިޓީ އަތުން ރެއާލް މެޑްރިޑް ބަލިވި އިރު އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ލަދުވެތި ރެކޯޑަކާއި އެއްހަމަ ވެއްޖެ އެވެ.

ރެއާލްގެ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ސިޓީ ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާ އެކު އިއްތިހާދުގައި ކުޅޭ ދެވަނަ ލެގުގައި ސިޓީއަށް ފުރުސަތު ބޮޑުވި އިރު ރެއާލްގެ ބަލިފައި މައްޗަށް ފޮއި ވެއްޓުނީ އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރަމޯސްއަށް ރޭގެ މެޗުގައި ދެއްކި ރަތް ކާޑުންނެވެ.

މެޗު ނިމެން ހަތަރުވަރަކަށް މިނަޓަށް ވެފައިވަނިކޮށް ސިޓީގެ ފޯވާޑް ގެބްރިއަލް ޖީސުސްއަށް ކުރި ފައުލަކާ ގުޅިގެން ރަމޯސްއަށް ދެއްކި ރަތްކާޑަކީ އޭނަގެ ފުޓުބޯޅަ ކެރިއަރުގައި މިހާތަނަށް ހޯދި 26 ވަނަ ރަތްކާޑެވެ. އަދި ރޭގެ މެޗުގައި ހޯދި ކާޑާ އެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ރަތް ކާޑު ހޯދި ދެ ކުޅުންތެރިން ކަމަށްވާ ޒްލަޓަން އިބްރަހިމޯވިޗް އާއި އެޖާ ޑޭވިޑްއާ އެއްވަރުވެފަ އެވެ. މީގެން ކޮންމެ ކުޅުންތެރިއަކު ވެސް ވަނީ މި މުބާރާތުގައި މިހާތަނަށް ހަތަރު ރަތް ކާޑު ހޯދައިފަ އެވެ.

ރަމޯސްގެ ރަތްކާޑާ އެކު އަންނަ މަހުގެ 17 ވަނަ ދުވަހު ސިޓީގެ ދަނޑުގައި ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެ އެވެ. ރެއާލްގެ ސްކޮޑުގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް މިވަގުތު އަނިޔާގައި ތިބި އިރު އެ ޓީމުގެ ކައްޕިތާން ޓީމުގައި ނެތުމަކީ ޓީމަށް އުނދަގޫވާނެ ކަމެކެވެ. ރޭގެ މެޗަކީ ޒައިނުއްދީން ޒިދާންގެ ކޯޗު ކަމުގައި ރެއާލް ނޮކްއައުޓް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގެ ޓްރޮފީ މީގެ ކުރިން 13 ފަހަރު ހޯދާފައިވާ ރެއާލް އަތުން ސިޓީއަށް މިހާތަނަށް މި މުބާރާތުގައި ހޯދުނު ފުރަތަމަ މޮޅެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ރެއާލުންނެވެ. ސްޕެއިނުގެ ތަރި އިސްކޯގެ އެ ގޯލާ އެކު މެންޗެސްޓާ ސިޓީން އެޓޭކް ވަރުގަދަކޮށް ރެއާލްގެ ގޯލަށް ނުރައްކާ ކުރި އެވެ. ނަތީޖާއެއްގެ ގޮތުން ސިޓީގެ ބްރެޒިލް ފޯވާޑް ގެބްރިއަލް ޖީސުސްގެ ގޯލުން އެ ޓީމު ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އޭގެ ފަސް މިނިޓް ފަހުން ސިޓީ އަށް ލީޑުނަގައިދިން ގޯލު ޕެނަލްޓީ އަކުން ޖެހީ ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކެވިން ޑިބްރޭނާ އެވެ. މިއީ ސިޓީގެ ރަހީމް ސްޓާލިން އަށް އޭރިއާތެރެއިން ޑެނީ ކާވަހާލް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

comment ކޮމެންޓް