ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް މަގުފަހިކުރަންޖެހޭ: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް

ކޮންމެ ކުއްޖަކުވެސް ވަޒީފާގެ މައިދާނުގައި ކުރިއަަށް ދާން ޝައުގުވެރިވާ ދާއިރާއަކުން ކުރިއަށްދިޔުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ނައިބު ރައީސް، ފައިސަލް ނަސީމް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ކުދިންނަށް ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ "ހޭވައްލާ" ޕްރޮގްރާމް އިފްތިތާހުކުރުމަށް އިއްޔެ ރ. އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުއްޖާ ނިސްބަތްވާ އާއިލާ އާއި ގައުމުވެސް ކުރި އަރާނީ ކޮންމެ ކުއްޖަކީވެސް އުފެއްދުންތެރި އަދި ގައުމަށް ބޭނުންތެރި ފަރުދަކަށް ހެދުމުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިއަރާފައިވާ ގައުމުތައް ކުރިއަރައިދިއުމުގެ ސިއްރަކީ ހުނަރުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް އެ ގައުމުތަކުގެ ސަރުކާރުތަކުން ދީފައިވާ ސަމާލުކަމާއި އަހަންމިއްޔަތުކަން ކަމަށެވެ.

ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމަކަށް އިންސާނީ ވަސީލަތް ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި އޭގެ ބޭނުމަކީ ހުނަރުވެރި އަދި މަސައްކަތްތެރި ޖީލެއް ބިނާކުން ކަމަށް ނައިބުރައީސް ވިދާޅުވި އެވެ.

"ހޭވައްލާ" ޕްރޮގްރާމަކީ ސާނަވީ ތައުލީމު ނިންމާ މަތީ ސާނަވީ ތަލީމު ފެށުމާއި ދެމެދު ދަރިވަރުންނަށް ލިބޭ ވަގުތުގައި ދަރިވަރުންނަށް ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ތެރޭގައި އިންޓާންޝިޕް ފުރުސަތުތަކާއި، މަސައްކަތްތައް ދަސްކޮށްދިނުން ވެސް ހިމެނެ އެވެ.

އުނގޫފާރުގައި ފަށާފައިވަނީ ވަޑާންކުރުމާއި ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ނައިބުރައީސް ވަނީ ވަޑާމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

comment ކޮމެންޓް