ދެކުނު ކޮރެއާ އާއި އީރާނަށް ދަތުރުކުރާއިރު ސަމާލުވާން އެދެފި

އީރާނަށާއި ދެކުނު ކޮރެއާ އަށް ދަތުރުކުރުމުގައި ސަމާލުވާން އެދެފި -- ފޮޓޯ: ރޮއިޓާސް

ދެކުނު ކޮރެއާ އާއި އީރާނަށް ދަތުރުކުރުމުގައި ސަމާލުވުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސްކޮށްފި އެވެ.

މި ދެ ގައުމަކީ މިހާރު ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮވިޑް 19 ރޯގާ ބާރަށް ފެތުރެމުންދާ ދެ ގައުމެވެ.

ކޮރެއާގައި ބަލީގެ ލެވެލް އެންމެ ސީރިއަސް ދަރަޖަ، "ރަތަށް" ބަދަލުކޮށްފައިވާ އިރު، އެ ގައުމުގެ ދެ ސަރަހައްދަކުން މީހުން ރާއްޖެ އައުން މިއަދު ވަނީ މަނާކޮށްފަ އެވެ. އަދި އީރާނުންނާއި އީރާނު މަގުން މީހުން އައުންވެސް މިރޭ ވަނީ މަނާކޮށްފަ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އީރާނުގައި ކޮވިޑް-19 ބާރަށް ފެތުރެމުންދާތީ މިވަގުތު ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރެއް ނޫނީ އެގައުމަށް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މި ވަގުތު އިރާންގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން އެ މިނިސްޓްރީގައި ރަޖިސްޓްރީވުމަށް ވެސް ފޮރިން މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. މީގެ އިތުރުން އިރާނުގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާ ގުޅޭގޮތުން ދޭ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށާއި އަމަލުކުރުމަށް ވެސް އެ މިނިސްޓްރީ އިން އެދެ އެވެ.

މީގެ އިިތުރުން ދެކުނު ކޮރެއާއިން ނެރެފައިވާ ރަތް އެލާޓު ދެމިއޮތްހާ ހިނދަކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެގައުމަށް ދަތުރުނުކުރުމަށް ފޮރިން މިނިސްޓްރީ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މި ވަގުތު ދެކުނު ކޮރެއާގައި ދިރިއުޅޭ އަދި އެ ގައުމަށް ޒިޔާރަތްކުރާ ދިވެހީން ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ނުވަތަ ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވުމަށްވެސް އެ މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ. މީގެ އިތުރުން ދެކުނު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން މި ބައްޔާގުޅޭގޮތުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށް ވެސް އެ މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ.

comment ކޮމެންޓް