ބަލިވުމާއެކު ރާއްޖެއަށް ޖޯކު ޖެހި ޓްވީޓު ބެންގަލޫރުން ފޮހެލައިފި

ރާއްޖެއަށް ޖޯކު ޖަހައި ބެންގަލޫރުން ކުރި ޓްވީޓް --

އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ދެ ވަނަ ލެގްގައި މިރޭ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އަތުން މާޒިޔާ މޮޅުވުމާ އެކު މެޗުގެ އިތުރު ވަގުތަށްފަހު ބެންގަލޫރުން ރާއްޖެއަށް ގަވާއިދު ކިޔައިދިނުމަށް ފީފާ ގާތުން އެދި ކުރި ޓްވީޓް ޑިލީޓް ކޮށްލައިފި އެވެ.

ވާދަވެރި ކުޅުމަކަށްފަހު ބެންގަލޫރު ކަޓުވާލައި މާޒިޔާ އޭއެފްސީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދީ ޕެނަލްޓީގައި 2-3 އިން ކުރި ހޯދައިގެންނެވެ. މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ބެންގަލޫރުން ވަނީ 1-2 ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ. އެކަމަކު މާލޭގައި ކުޅުނު މެޗުން މާޒިޔާ އެ ނަތީޖާއިން މޮޅުވެފައިވާތީ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ގޯލެއް ޖަހައިފަ އެވެ.

އެއާ އެކު މާޒިޔާއަށް މެޗުން މޮޅުވުމަށް ބޮޑު ހިއްވަރެއް ލިބުނު އިރު އިތުރު ވަގުތުގެ ފަހު މިނަޓުގައި ބެންގަލޫރުން ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އެއާ އެކު މެޗު ނިމުމާ އެކު މާޒިޔާއިން ވަނީ އުފާފާޅު ކޮށްފަ އެވެ. އެއީ އަވޭ ގޯލުން ކުރި ލިބުނީ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް މުބާރާތުގެ ގަވާއިދުގައިވާ ގޮތުން އިތުރުވަގުތުގައި ޖަހައި ގޯލުތައް އަވޭ ގޯލެއްގެ ގޮތުގައި ބަލައެއް ނުގަނެ އެވެ.

އެހެން ކަމުން ނަތީޖާ ނެރުމަށް ދެން ޖަހަން ޖެހުނީ ޕެނަލްޓީ އެވެ. މާޒިޔާއިން އިތުރު ވަގުތު ނިމުމާ ގުޅިގެން އުފާފާޅު ކުރުމުން ބެންގަލޫރުން ވަނީ މާޒިޔާއަށް ޖޯކު ޖަހައި ޓްވީޓް ކޮށްފަ އެވެ.

"މާޒިޔާގެ ކުޅުންތެރިން ފޯރިއާއެކު ސެލަބްރޭޓް ކުރަމުން އެބަދޭ. އެމީހުނަށް އިތުރު ވަގުތުގައި ޖަހައި ގޯލުތައް އަވޭ ގޯލުގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމެއް ނޭންގެ. ފީފާއިން ރާއްޖެއަށް ފުޓުބޯޅައިގެ ގަވާއިދު ފޮތް ފޯރުކޮށްދިނުން އެދެން." ބެންގަލޫރުން ކުރި ޓްވީޓުގައި ބުނެފައިވެ އެވެ.

ބެންގަލޫރުން މި ޓްވީޓު ކުރީ މެޗުގެ އިތުރު ވަގުތުގެ ނަތީޖާއަށްފަހު ޕެނަލްޓީއަށް ދިޔަކަން ޔަގީން ވުމުންނެވެ. އެކަމަކު މާޒިޔާއިން ވަނީ ޕެނަލްޓީގައި ވެސް އެޓީމު ބަލިކޮށް ލަދުގަންނަވާލައިފަ އެވެ. ބެންގަލުރުން ވަނީ މާޒިޔާ ޕެނަލްޓީން މޮޅުވުމުން ކުރިން ކުރި ޓްވީޓް ޑިލީޓް ކޮށްލައިފަ އެވެ.

ބެންގަލޫރަކީ މިފަހަރުގެ މި މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމެވެ. އެ ޓީމުން ސީޒަނެއްގެ މައްޗަށް ހަ މިލިއަން ޑޮލަރު ކުޅުންތެރިންގެ މުސާރައަށް އެކަނި ހަރަދު ކުރާއިރު ބައެއް ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި 500،000 ޑޮލަރު ހަރަދު ކުރެ އެވެ. އެއީ މާޒިޔާގެ މުޅު ޓީމުގެ މުސާރައާއި އެއްހަމަ އަދަދެކެވެ.

ޕްލޭއޮފުން މޮޅުވެ މާޒިޔާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްރޫޕުގެ ފަހު ޖާގަ ހޯދާފައިވާއިރު، އެ ގްރޫޕުގައި މި ވަގުތު އޮތީ 2018 ވަަނަ އަހަރުގެ ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

comment ކޮމެންޓް