ސަރަހައްދީ ގަދަބާރު ބެންގަލޫރު ކަޓުވާލާ މާޒިޔާ އޭއެފްސީ ކަޕަށް

ފެބްރުއަރީ 19، 2020: އޭއެފްސީ މުބާރާތުގެ ޕްލޭ އޮފުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސްއާ އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުނު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރަހައްދީ ކުލަބް ފުޓުބޯޅައިގެ އެންމެ ގަދަ އެއް ބާރު ކަމަށްވާ އިންޑިއާގެ ބެންގަލޫރު އެފްސީ ކަޓުވާލައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އޭއެފްސީ މުބާރާތަށް ދަތުރުކޮށްފި އެވެ.

އިންޑިއާގެ ބެންގަލޫރުގައި މިއަދު ކުޅުނު މެޗު 2-3 ގެ ނަތީޖާއަކުން ބެންގަލޫރު ކާމިޔާބު ކުރި އިރު މާޒިޔާ އޭއެފްސީ ކަޕަށް ދަތުރު ކުރީ އެގްރިގޭޓް ނަތީޖާއިން އެއްވަރުވުމުން ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. މާޒިޔާއިން ޕެނަލްޓީގައި ކުރި ހޯދީ 2-3 ގެ ނަތީކާއަކުން ކުރި ހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިރޭގެ މެޗަށް މާޒިޔާއިން ނުކުތީ ކުރީ މެޗުގައި އަނިޔާވި ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އާއި ޕްލިމިނަރީ ބުރުގައި އަނިޔާވި ފޯވާޑް ހަސަން ނާއިޒް (ދާދު) ޓީމުގައި ނުހިމަނަ އެވެ.

ފުރަތަމަ މެޗުން ލިބުނު މޮޅާ އެކު މާޒިޔާއިން މި މެޗަށް ނުކުތީ ޑިފެންސިވް ގޭމަކަށް ވިސްނައިގެންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ބެންގަލޫރުން އުފެއްދި ގިނަ ހަމަލާތަކެއް މާޒިޔާއިން ވަނީ ގޯލަށް ވަނަ ނުދީ ހިފަހައްޓައިފަ އެވެ. މިރޭގެ މެޗުގައި މާޒިޔާގެ ކީޕަރު އުވޭސް އަޒީޒީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު އޭނާ ވަނީ މެޗުގައި ބެންގަލޫރުގެ ފޯވާޑުން އުފެއްދި ނުރައްކާތެރި އެތައް ހަމަލާތަކެއް ރޮނގުމަތިން ދިފާއުކޮށްފަ އެވެ.

ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލެއް ނުޖެހި ފުރަތަމަ ހާފު ނިންމާލި އިރު ދެވަނަ ހާފު ފެށިގެން ކުރީކޮޅު ބެންގަލޫރުން ވަނީ ލީޑު ނަގައިފަ އެވެ. އެ ގޯލަކީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން ސުނިލް ޗެތުރީ ނަގައިދިން ހުރަހަކުން ބްރައުން ޖެހި ގޯލެކެވެ.

ބެންގަލޫރުން ލީޑު ނެގުމުން މާޒިޔާ އިން ވަނީ ޔާމްބެ އާއި އަހުމަދު އަބްދުﷲ (ލިލީ) ގެ ބަދަލުގައި އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) އާއި ހުސައިން ނިހާން (ނިހާޓް) ކުޅެން އަރުވައިފަ އެވެ. ބެންގަލޫރުގެ ގޯލަށް ފަހު މާޒިޔާ އިން ވަނީ ޓީމު ކުރިއަށް ޖައްސައި ގޯލެއް ޖެހުމަށް މަސައްކަތް ކޮށްފަ އެވެ.

ނަތީޖާއެއްގެ ގޮތުން ބެންގަލޫރުގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު މާޒިޔާގެ ފޯވަޑް ކޯނެލިއަސް ސްޓެވާޓް ތިރިތިރިން ނަގައިދިން ހުރަހަކުން ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ އިއްބެ ވަހީދު އެވެ.

ބެންގަލޫރުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނެޓުގައި ޗެތުރީ ޖަހައިދިން ގޯލުންނެވެ. އެޓީމުގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު އަޒީޒީ އަތުގައި ޖެހިފައި ނުކުތުމުން ޗެތުރީ ގޯލަށް ފޮނުވާލީ އޭރިޔާތެރޭ ހުހަށް ހުރެ އެވެ.

އެ ނަތީޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ނަތީޖާ ނެރުމަށް ކުޅުނު ދެ ހާފުގައި ދެ ޓީމުން ވެސް ވަނީ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލަކީ މާޒިޔާގެ ކޯނޭ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޖެހި ގޯލެކެވެ. ދެވަނަ ގޯލު ބެންގަލޫރުން ޖެހި އިރު އެ ގޯލަކީ އިތުރު ވަގުތުގެ ވެސް ފަހުވަގުތު ލިބުނު ހިލޭ ޖެހުމަކުން ޗެތުރީ ޖެހި ގޯލެކެވެ.

ދެ ލެގުގެ ނަތީޖާއަށް ބެލުމަށްފަހު 4-4 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީގައި މާޒިޔާ ކުރި ހޯދީ 2-3 ޕެނަލްޓީންނެވެ.

ޕްލޭއޮފުން މޮޅުވެ މާޒިޔާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކަށް ހާއްސަ ގްރޫޕުގެ ފަހު ޖާގަ ހޯދާފައިވާއިރު، އެ ގްރޫޕުގައި މި ވަގުތު އޮތީ 2018 ވަަނަ އަހަރުގެ ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އަދި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

comment ކޮމެންޓް