ކުރޫޒުލައިނާތައް ރާއްޖެ އައުން މަނާކޮށްފި

ޖެނުއަރީ 30، 2020: ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ސަރުކާރުން ނިންމަން ޖެހޭ ކަންތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -*- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ރާއްޖެ އައުން ހުއްޓުވަން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، ކުރޫޒްލައިނާތައް ރާއްޖެ އައުން ވަގުތީ ގޮތުން މަނާކުރުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.

ކޮވިޑް -19 ވައިރަސްއާ ގުޅޭ ޓާސްކްފޯހުގެ ފަރާތުން ރައީސް އޮފީހުގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކުރޫޒްލައިނާތައް އައުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެން އެ ހުއްދަ އަނބުރާ ދޭނީ ހާލަތަށް އަންނަ ބަދަލަކަށް ބެލުމަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، މިއަދު ނިންމެވީ ކުރޫޒްލައިނާސް މިވަގުތަށް ރާއްޖެއަށް އައުން މެދުކަނޑާލުމަށް. އެހެންކަމުން މިހާރުން ފެށިގެން ކުރޫޒްލައިނާ އައުމުގެ ހުއްދަ ދެން ދެވޭނީ، މިހާލަތައް އަންނަ ބަދަލަކަށްފަހު، އެކަން ރިވިއުކުރުމަށްފަހު،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19ގެ ޕޮޒިޓިވް ކޭހެއް މިހާތަނަށް ރާއްޖެއިން ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އެފަދަ ކޭސްއެއް ރާއްޖެ އައުމުގެ ފުރުސަތު ނުދިނުމަށްޓަކައި ސަރުކާރުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށް އަމީން ވިދާޅުވި އެވެ. އެ ޔަގީންކަން މިނިސްޓަރު ރައްޔިތުންނަށް ދެއްވި އެވެ.

"ފަސިންޖާ ލައިންތަކަކީ އެއްގައުމަކުން މީހުން އައުމާ ތަފާތުކޮށް، އެކި ގައުމުތަކުގައި ބަނދަރު ކުރަމުން އަންނަ އުޅަނދެއް. ޕެސެންޖާ ލައިނުތަކުގައި ކޭހެއް ފެނިއްޖެ ނަމަ އެ ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ފުރުސަތު އެބައޮތް. އޭގެ ސަބަބުން ގައުމުތަކަށްވެސް ބަލި ފެތުރިގެން ހިނގައިދާނެ،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރިސްކެއް ނުނެގުމަށާއި ސަލާމަތީ ކަމެއްގެ ގޮތުން ކްރޫޒްލައިނާތައް އައުން މިވަގުތައް ހުއްޓާލީ ކަމަށެވެ.

ޗައިނާގެ ބެއިޖިން އިން އިއްޔެ ރާއްޖެ އައި ދެ ދިވެއްސަކު ކަރަންޓީނު ކޮށްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ، ރާއްޖެ އެތެރެވެވޭ ހުރިހާ ސަރަހައްދަކުން މީހުން ސްކްރީނު ކުރުން އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ.

"ރާއްޖެއަށް މިހާތަނަށް ބަނދަރުކުރި ޕެސެންޖާ ލައިންތައް 14 ދުވަސްކުރިން ބަނދަރުކުރި ބަނދަރުތަކާ، އެ 14 ދުވަސް ތެރޭ އެ ބަނދަރުތަކުން އުޅަނދުފަހަރަށް އެރިި މީހުންނާ އެމީހުންގެ ހުރިހާ މައުލޫމާތެއް ސްކޭން ކުރެވި، މިހާރު އޭޝިއާ ސަރަހައްދުގައި ކޮރޯނާ ވައިރަސް ފެތުރިފައި ހުރި ގައުމުތަކަށް ދަތުރުކުރިތޯ އާއި އެ މައުލޫމާތުތައް ބެލުމަށްފަހު މިންގަނޑަށް ފެތޭނަމަ ހުއްދަ މިދެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކްރޫޒް ލައިނާތަކުން އަންނަ މީހުން ރާއްޖެ ފޭބުމުގެ ހުއްދަ ދީފައިވާނީ އެމީހުން ސްކްރީން ކުރުމަށްފަހު ކަމަށެވެ.

ކޮރޯނާ ވައިރަސް ފެތުރޭތީ އެޅި ފިޔަވަޅުތަކަށްފަހު، އިިއްޔެގެ ނިޔަލަށް 147،000 ފަސިންޖަރުން ސްކްރީން ކޮށްފައިވާ ކަމަށާއި ޖުމްލަ 16 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެ އެތެރެވިޔަ ނުދީ 37 މީހަކު ފޮނުވާލާފައިވާ ކަމަށާއި 538 މީހަކާ ސުވާލުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް