ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓު ސަސްޕެންޑު ކުރަން ނިންމައިފި

އަޒީމް ހަސަން ---

ގއ. ވިލިނގިލި ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ހަސަން ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ އަޒީމްގެ ނަމުގައި ރެޖިސްޓްރީ ކޮށްފައިވާ ލޯންޗަކަށް ދަތުރު ހޯދުމާއި އެ ދަތުރުތަކާ ގުޅޭ ވިޔަފާރީގައި އަމަލީގޮތުން މެޖިސްޓްރޭޓު އަޒީމް އުޅެފައިވާކަން ސާބިތުވާ ކަމަށެވެ.

މިއީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަޑާވެސް ހިލާފު ކަމަކަށްވާތީ، އަޒީމް ސަސްޕެންޑު ކުރަން ނިންމާފައިވަނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭގޮތަށް އެއް މަހުގެ މުއްދަތަކަށެވެ.

https://sun.mv/121999

މީގެ އިތުރުން އަޒީމްގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީ އިން ބަލާފައިވެއެވެ. އެ މައްސަލާގައި ނިންމާފައިވަނީ އޭނާގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ފެމެލީކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާއި ލ. ގަމު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަބްދުލްފައްތާހު އަބްދުލްގަފޫރުގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް