ޓީޗަރުންގެ އާ ފަންނީ މިންގަނޑު އަންނަ އަހަރު ތަންފީޒުކުރަން ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީގައި އެޑިއުކޭޝަންގެ އިސްވެރިން---ފޮޓޯ: މަޖިލިސް

ޓީޗަރުންގެ ފަންނީ މިންގަނޑުތަކަށް އަންނަ އަހަރު އަމަލުކުރަން ފަށަން ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނެޝެނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ އެޑިޔުކޭޝަން ޑިވެލޮޕްމެންޓް ކޯޑިނޭޓަރު ޝުހުދާ ރިޟްވާން "ސަން" އަށް ވިދާޅުވީ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ފޯ ޓީޗާސް ނުވަތަ މުދައްރިސުންގެ ފަންނީ މިންގަނޑުތައް މިހާރު އެކުލަވާލައިފައިވާ ކަމަށެވެ.

އަދި ދެން އޮތީ އެ އޮނިގަނޑާ ގުޅޭ ގޮތުން ޓީޗަރުންނާއި އަދި ކަމާ ގުޅޭ ދާއިރާގެ ބޭފުޅުންނާ އެ އޮނިގަނޑު ހިއްސާކޮށް މަޝްވަރާ ކުރުން ކަމަށެވެ. އެއަށް ފަހު އެއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ޝުހުދާ ވިދާޅުވި އެވެ. ޝުހުދާ ވިދާޅު ގޮތުގައި ސްކޫލްތަކުގައި ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށާއި މުދައްރިސުންގެ ޤާބިލްކަން އިތުރުކޮށް ފެންވަރު ހިފެހެއްޓުމަށް އެހީތެރިވެ ދިނުމުގެ މަޤުސަދުގައި އެކުލަވާލެވުނު މި ފަންނީ އޮނިގަނޑުގައި މައިގަނޑު ހަތް މިންގަނޑު (ސްޓޭންޑަޑް) ހިމެނިފައިވެ އެވެ.

އެއިގެ ތެރޭގައި ދަރިވަރުން ދެނެގަތުން، މަންހަޖާއި ކިޔަވާ ދޭ މާއްދާއާ ބެހޭ މައުލޫމާތު، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވާ ގޮތަށް ކިޔަވައި ދިނުން، ކްލާސްރޫމް އިންތިޒާމް ކުރުން، އުގެނުމުގެ ފެންވަރު ވަޒަން ކުރުން، އަމިއްލަ ފަންނީ ގާބިލް ކަން ކުރިއެރުވުން، ސްކޫލާއި ދަރިވަރުންގެ ތަރައްޤީއަށް ބޭނުންވާ ގުޅުންތައް ދެމެހެއްޓުން އަދި މުދައްރިސުންގެ އަހުލާގީ މިންގަނޑު ހިމެނިފައިވާނެ އެވެ.

އަލަށް އެކުލަވާލި މިންގަނޑުގައި މުދަރިސުންގެ ގާބިލުކަން ބަހާލެވިފައި ވާނީ މައިގަނޑު ތިން ގިންތި އަކަށެވެ. އެއީ "ގްރެޖުއޭޓް ޓީޗަރު" [ތަމްރީނު ވެފައިވާ މުދައްރިސް]، "ޕްރޮފެޝަންޓް ޓީޗަރު" [ގާބިލް މުދަރިސް] އަދި "ލީޑިން ޓީޗަރު" [އެހެން މީހުންނަށް އިރުޝާދުދޭ މުދައްރިސް] އެވެ. ޝުހުދާ ވިދާޅުވި ގޮތުގައި އެ މިންގަނޑުތައް ތަންފީޒު ކުރަން ފެށުމާ އެކު ޔުނިވަރސިޓީ ނުވަތަ ކޮލެޖަކުން ޑިޕްލޮމާ ނުވަތަ އެއަށް ވުރެ މަތީ ފެންވަރެއްގެ ތަމްރީނު ޕްރޮގްރާމެއް ނިންމުމަށް ފަހު ސްކޫލް ޓީޗަރަކަށް ވަންނަ ކޮންމެ ފަރާތެއްގެ ކިބައިގައި ވެސް ދަށްވެގެން "ގްރެޖުއޭޓް ޓީޗަރު" ފެންވަރު ހުންނަން ޖެހޭނެ އެވެ. މިކަން ކަށަވަރު ކުރާނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެވެ.
ފަންނީ މިންގަނޑަށް އަމަލުކުރަން ފެށުމުން މިހާރު ސްކޫލްތަކުގައި ކިޔަވައިދޭދިނުން އިތުރަށް ހަދުދަނާވެގެންދާނެ ކަމަށް ވެސް ޝުހުދާ ވިދާޅުވި އެވެ.

comment ކޮމެންޓް