ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު ވަކިކުރަން ހުށަހަޅަނީ

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓު ހަސަން ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ނިންމާފައިވަނީ އިސްމެޖިސްޓްރޭޓު ހަސަން ދީދީ އަންހެން މުވައްޒަފަކަށް ޖިންސީގޯނާ ކުރުމާއި ބަރަހަނާ މަންޒަރުތައް ހިމެނޭ ވީޑިއޯ ދެއްކުމާއި ގާނޫނާއި ހިލާފަށް ދަތުރު ކުރުމާއި ބިލުތައް ހެދުމާއި، ހަޑި ހުތުރު ބަހުން އެއްޗެހި ގޮވުމާއި ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުން ކުރުމާއި ހެކިންގެ ބަޔާން ނެގުމަށް ހުރަސް އަޅާކަން ސާބިތުވާ ކަމަށެވެ.

މި މައްސަލަތަކާ ގުޅިގެން މިދިޔަ ޖުލައި 18 އަދި 23 ވަނަ ދުވަހު ހަސަން ދީދީ ތަހުގީގު ކޮމިޓީއަށް ހާޒިރުކޮށް، އޭނާގެ ބަހެއް ހޯދާފައިވާނެ ކަމަށް ޖޭއެސްސީން ވަނީ މީގެ ކުރިން ބުނެފައެވެ.

ހަމައެއާއެކު އެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔައިރު ހަސަން ދީދީ މަސައްކަތަށް ނިކުމެ އުޅުމަކީ އެކޮމިޓީން ކުރަމުންދާ ތަހުގީގަށް ހުރަސްތަކެއް އެޅިދާނެ ފަދަ ކަމެއްގެ ގޮތުގައި ބެލެވި، ތަހުގީގު ފުރިހަމަ ކުރުމަށްފަހު ވަކި ގޮތެއް ކަނޑައަޅަންދެން ހަސަން ދީދީ ވަޒީފާއަށް ނުނިކުމެ މަޑުކުރަން އޭނާ އަށް ވަނީ އަންގައިފައެވެ.

މެޖިސްޓްރޭޓު ހަސަންދީދީ މަގާމުން ވަކިކުރަން ހުށަހަޅަން ނިންމީ އޭނާގެ ކިބާގައި ފަނޑިޔާރެއްގެ ކިބާގައި ހުރުން ލާޒިމު ސުލޫކީ ސިފަތައް ނެތިގެންދާފަދަ އަމަލުތަކެއް ކޮށްދިކަމަށް ޖޭއެސްސީ އަށް ސާބިތުވާތީ އެވެ.

އެގޮތުން ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ އަމަލުތައް އިސް މެޖިސްޓްރޭޓުގެ ފަރާތުން ފެނިފައިވާކަމަށް ޖޭއެސްސީ އަށް ގަބޫލު ކުރެވޭތީ އިސްމެޖިސްޓްރޭޓު ހަސަން ދީދީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

comment ކޮމެންޓް