އައިޝާ ނަސީމްގެ ނިރުބަވެރިޔާ--

އާލިޔާ އޭނަގެ ދޮންބެއާ އެކު ސައިކަލަށް އަރަން ދިޔައިރު ރައީސްމެންގެ ގޭގެ ދޮރާށި ދޮށުގައި ދެ ޒުވާނުން ތިބިކަން އެނގި އާލިޔާ ކަންބޮޑުވާގޮތްވިއެވެ. އެހާ ފޮރުވިގެން ހުރިއިރު ވެސް އެހެން މީހުންގެ ނަޒަރުން އޭނަ ބިރުގަނެއެވެ. އެހެންލާފައި ނުގޮސް އަނބުރާލާފައި ދާން ދޮންބެ ކައިރީ ބުނަން ހިތަށް އެރި އެވެ. އާލިޔާ އެހިސާބާއި އަރާ ހަމަވެފައި އެޒުވާނުންނަށް ބެލުނީ ކޮންމެހެން ބަލާކަށް ނޫނެވެ. އެދެމީހުން ބަލާތޯ ބަލަންވެގެންނެވެ. މާޒިން ހުރީ ގޭޓަށް ލެނގިލައިގެން ފާޑަކަށް ބަލާށެވެ.

"ލަންޑަނަށް ދިން ހަމަލާއަށް ފަހު މަޝްހޫރުވި ރައީސްގެ ދަރިފުޅު މާޒިން......މާޒިން އަހުމަދު މައިމޫން.." އާލިޔާ ހިތާހިތުން ކިޔައިލި އެވެ.

ދެން ހުރި ޒުވާނާ ހުރީ ނިކަން ފާޑަކަށް ހިނި އައިސްފަ އެވެ. މާޒިން ގާތު އޭނަ ބުނި އެއްޗަކަށް ދެމީހުން ވެސް ހޭންފެށި އެވެ. މަލާމާތަކަށް އާލިޔާ ބިރެއް ނުގަނެ އެވެ. އެމީހުން މަލާމާތް ކުރާނީ އޭނަގެ ހެދުމަށެވެ. ނޫނީ އެއްފަރާތަށް ދެފައި ލައިގެން މުސްކުޅި ދައިތައެއްހެން ސައިކަލަށް އަރާ އިނީމަ އެވެ. މީހުންނަށް މަލާމާތްކުރަން ވެސް ވަގުތު އެބަވޭ ހެއްޔެވެ؟ އާލިޔާ ހިތާ ހިތުން އެދުނީ އެ ޒުވާނުންނަށް ވެސް ހިދާޔަތް ދެއްވުމަށެވެ.

ސައިކަލް މާޒިން އާއި ކައިސްއާ އަރާ ހަމަވީތަނާ އަދި ލިބުނީ އެންމެ ނުބައި ލަނޑެވެ. ބަލާނުލާ ދުުއްވާފައި އައި ސައިކަލަކުން ނެއްޓެންވެގެން ދޮންބެ ބްރޭކް ހިފިގޮތުން އަތުގައި އޮތް ފައިލު އާލިޔާ އަތުން ދޫނުވީ ކިރިޔާ އެވެ. އޭގެ ތެރެއިން ދެތިން ކަރުދާސް ވަޔާއެކު އުދުހިގެންގޮސް މާޒިންމެންގެ ފަޔާއި ކައިރީގައި ކިރިލަ ކިރިލާ އޮތެވެ.

"ކަމެއް ގޯސްވާނީ މިވަރަށް. އަދި އެމީހުން ކައިރިއަށް އެވެއްޓުނީ. ވެއްޓިއްޖެއްޔާ އެ އެއްޗަކީ މަގޭ އެއްޗެއްނޫން ކަމަށް ނިންމާނީ. ބަހައްޓާ...." އާލިޔާ އަޅާނުލާ ދުރަށް ބަލަން ފެށި އެވެ. އެކަމަކު ވެސް ކުއްލިއަކަށް ހަނދާންވީ އެކުވެރި ކުއްޖެއްގެ އެސައިންމެންޓް އަތުގައި ހުރިކަމެވެ. އަވަހަށް ފައިލް ހުޅުވާލާފައި ބަލައިލެވިއްޖެ އެވެ.

"ސުބުހާނަﷲ. އެ ޕޭޕަރުތައް އެއްލާލަފައެއް ނުދެވޭނެ. ދޮންބެ މަޑުކޮށްލަދީ. މިއަންނަނީ.." އާލިޔާ ސައިކަލް ހުއްޓުވާފައި އަވަސްވެގަތީ އެ ކަރުދާސްތައް ނެގުމަށެވެ.

އާލިޔާ އަރާ ހަމަވީ އިރު ކައިސް ގުދުވެ އެ ކަރުދާސްތައް ނަގާފައި ނަން ބަލައިލި އެވެ. " މަރިޔަމް މަލްހާ..... ބާވީސް އަހަރު.."

"ތިއީ ދެންމެ މި ފައިލުން ދޫވި އެސައިންމެންޓް ޕޭޕާސްތަކެއް. ދީފާނަންތަ؟ "އާލިޔާގެ ބަރު ބަރު އަޑުން ބުނެލުމުން ކައިސް ސިހުނުގޮތަކަށް މޫނަށް ވައްތަރެއް ޖެއްސި އެވެ. އާލިޔާ އަތްދިއްކޮށްލުމާ އެކު ގަދަކަމުން އަތުގައި ހިފާ ސަލާމްކޮށްލި އެވެ. ހިފުނީ އަތުގައެއް ނޫނެވެ. އަތަށް ލައްވާފައި ހުރި އަންގީގަ އެވެ. އާލިޔާ އަތް ދަމައިގަތް އިރު ކޮންމެވެސް ވަރަކަށް އަންގި ނެއްޓި ހިނދުކޮޅަކަށް އޭނަގެ އަތް ކަޝްފުވި އެވެ. އެގޮތަށް ބަލިކަށިވުމާ އެކު އާލިޔާއަށް އެކަމަކަށް ކެތް ނުކުރެވުނެވެ. އައި ކުއްލި ރުޅިއާ އެކު ބޭއިޚުތިޔާރުގައި އޭނަގެ އަތް ވައިގެތެރޭ ހަރަކާތްކޮށްލި އެވެ. އަތް ދަމާފައި ކައިސްގެ މޫނަށް ބޭލި ބާރު އެތިފަހަރުން ކައިސްގެ ލޮލުން ތަރިބުރައިގެން ދިޔަ އެވެ.

މާޒިންއަށް ލިބުނު ހައިރާންކަމާއެކު ލޯ ބޮޑުކޮށްލިއެވެ. މިއީ އަންހެންކުއްޖަކަށް ނުވާނެ އެވެ.

"އަދި ދޮންބެއަށް މި މަންޒަރު ނުފެނުނުކަމަށް ޓަކައި މާތްﷲއަށް ހަމްދުކުރާތި. ފެނުނު ނަމަ ތި އަތުގައި ދަގަނޑު ބޭސް އަޅާފައި އޮންނާނީ. ހުރިހާ ކަށިތަކެއް ވަކި ވަކިން ބިންދާލާނެ. އަންހެންކުދިންގެ ނުރުހުމުގައި ގަޔަށް އަތްފޯރުކުރުމަކީ އެންމެ ދަށް އަމަލުކަން ހަނދާން ބަހައްޓާތި. މޭ ﷲ ގައިޑް ޔޫ...." އާލިޔާ އަތަށް އަންގީ ލެއްވި އެވެ. އަދި އަމިއްލަ ނަފުސަށް ވެސް އަޑުލި އެވެ. އޭނަ ދޮންބެއަށް އުނދަގޫ ނުޖައްސަންވެގެން އެކަނި މި ދެ ފިރިހެނުންގެ ކައިރިއަށް އައި އައުން އޭނަ ހިތުން ނުފިލާވަރުގެ ފިލާވަޅެއް ދީފި އެވެ. ނަމަވެސް އެގޮތަށް އަންހެންކުދިންނާއި ބެހުމަކީ ނުރައްކާތެރިކަމެއްކަން ވިސްނޭވަރު އޭނަވެސް ކޮށްލައިފި އެވެ.

"ރީތި އަތްތިލައެއް އެކަމަކު ސަލާމްކޮށްލިކަމަަށް ޓަކައި އެ ދަގަނޑު އަތުން ފިރުމާލަދިނީ. މިހާރު އައިސްޕެކަކާއި ދިމާލަށް ދާން މިޖެހުނީ......" އާލިޔާ ދިޔުމުން ކައިސް ކަންކަށިމަތީ ފިރުމަންފެށިއެވެ.

"ކަލޭ ހުންނާނީ އަންހެންކުއްޖެއް ނުފެނިފައި. އެހެންވެ ލަނޑެއް ތި ލިބުނީ. މަރިޔަމް މަލްހާ ދޯ. ކުރުކޮށް ސަންތި މަރިޔަބު ވެސް ކިޔިދާނެ. އެހާ ބަރު އަޑަކާއި ވަރުގަދަ އަތެއް ދެއްވާފައި ހުރީމަ އަންހެންކުއްޖެއް ކަމާމެދު ޝައްކުވާ ހިސާބަށް ހިނގައްޖެ. ވަރަށް ނުރައްކާތެރި........" މާޒިން ޖިންސްގެ ޖީބަށް އަތް ކޮށްޕާލި އެވެ. މޫނު ފޮރުވައިގެން ތިބޭ ނިރުބަވެރި އަންހެންކުދިން ހަމަ ނުރައްކަލީ އެވެ.

ދުރަށްގޮސް އޮބާލި ސައިކަލުގައި އިން އާލިޔާގެ އަތަށް ވެސް ތަދުވި އެވެ. އޭނަގެ އަތްތިލަވެސް އޮތީ ރަތް އަރާފަ އެވެ. އެފިރިހެންކުއްޖާގެ މޫނުމަތީ ޖެހުނީ ހާދަ ބާރަކަށެވެ. ބޮލަށް ގެއްލުމެއްވެގެން ސީޓީ ސްކޭން ހަދަން ނުޖެހުނިއްޔާ ރަނގަޅެވެ. އާލިޔާ ހިނި އަންނަގޮތްވި އެވެ.

***

"ޒިން. އެކުއްޖާގެ މައުލޫމާތު ވެސް އެނގިއްޖެތާ. މަލްހާ. ބާވީސް އަހަރު. އިސްލާމިކް ސްޓަޒީސް އިން ޑިގްރީ އެހަދަނީ. ސޯ އޮބްވިއަސްލީ ހަރުކަށި ފިކުރު. މަ ބުނާގޮތަށް ހަދާފާނަންތަ؟ އޭނަގެ ބައްޕަ ވަރަށް ގިނައިން އެހެރަ މިސްކިތަށް ވަދޭ. ޒިން ޖެހެނީ ގިނަގިނައިން ނަމާދުކުރަން ހުންނަން. އޭރުން އޭނަގެ ލޮލުގައި އަޅައިގަންނާނެ. އިންނަން ވަލީ ދޭން ވެސް ފަހެއް ނުޖެހޭނެ........" ކައިސް އާއި މާޒިން ތިބީ މަގުގެ ކަންމަތީގައި ހުރި ރެސްޓޯރެންޓެއްގެ މަތީބައިގަ އެވެ. ދެމީހުން ވެސް އޯޑަރުކުރީ ނޮން އެލްކޮހޯލިކް ބުއިމަކަށާއި ހޯވީއަކަށެވެ.

"ތީގައި ހުރި މަޖަލަކީ ކޮބާ؟ "

"އެކަހަލަ އަންހެންކުދިންގެ ވެސް ފީލިންގްސް ހުންނާނެ ތާ. ފިރިހެނުންނާއި ހިތާވެސް ވާނެ. އެ ހިޖާބާއި ބޮޑު ބުރުގާގެ ފަހަތުގައި ތިބެ ޕޯން އެއްޗެހި ވެސް ނުބަލާނެކަމެއް ނޭގޭ. ޝޯއޮފް ކުރަން ވެގެން ކުރާހާ ކަންތައް. ހަމަ އަހަރެމެންގެ ނޯމަލް ގާލްސް އިން އުޅޭހެންނޭ އެއުޅެނީ. އެކަމަކު ޑީސެންޓް އަޅުވެރި ބަޔަކު ކަމަށް ހެދިގެން އެތިބެނީ. އެމީހުންގެ ފިރިހެންވެރިންގެ ޖުއްބާގެ ދަށުން ބައެއްފަހަރު އަންހެންވެރިން ނެރޭ ޚަބަރު ވެސް މަ އަހަން. އެންމެނަށް މިކުއްޖާގެ ހުރި އަނދިރި ފަރާތް ދައްކަމާ ހިނގާ. ދުނިޔެއަށް މިކަހަލަ ކުދިންގެ ވެސް ވީކްނެސް ހުންނަކަން ޕްރޫވްކޮށްދޭނީ. ޒިންއަށް އޭނަ ފޯލް ކުރުވާނީ. ލޯބި ހުށަހަޅާނީ. ޗޮކްލެޓާއި ފްލާވާސް އަގުބޮޑު ސެންޓާއި ޑައިމަންޑްސް ފޮނުވަން ފެށީމަ އޭނަ ވެސް އެއްބަސްވާނެ. އޭނަގެ މައިންބަފައިންވެސް ވަގުތުން ކައިވެނީގެ ޕްރޮޕޯސަލް އެކްސެޕްޓްކުރާނެ. ދުއިސައްތަ ޕަސެންޓް...." ކައިސް ފޯރިއާއެކު ވާހަކަ ދެއްކި އެވެ.

"ދެން.....ކޮބާ ބޭނުމަކީ؟ އަހަރެން ވީ އޭނައާ އިންނަން؟ކަލެއަށް އެނޫން އަންހެނަކު ނުފެނުނީ؟ "މާޒިން އެހިއެވެ.

"އިންނަން އެއްބަސްކުރުވާފައި ކައިވެނީގެ ރޭ ނުދާނީ............"

"ނޮޓް ބޭޑް...." މާޒިން ހިނި އަ އެވެ.

"އޭރުން ލަދުން ގޮސް އެ އަންހެނާ އަމިއްލައަށް މަރުވެސް ވެދާނެ. އެހިސާބުން އެ ޗެޕްޓާ ކްލޯޒްވީ................." ކައިސްއާއި މާޒިން އަތާ އަތްޖެހި އެވެ.

***

އަރްސަންއާއި އަދާ ރިޒޯޓުގައި ދެތިން ދުވަސް ހޭދަކުރިއެވެ. ދުނިޔޭގެ ހުރިހާ ނިއުމަތެއް ލިބިފައިވާއިރު އެ ނިއުމަތް ދެއްވިފަރާތަށް ޝުކުރުކުރުމަކީ އެ ޒުވާނުންނަށް ދަސްވެފައިވާކަމެއް ނޫނެވެ. ނަމާދާއި ދުޢާ އެމީހުންނަށް މުހިއްމު ނުވަނީ ބޭނުންހާ އެއްޗެއް ލިބޭތީ އެވެ. މުސީބާތެއް ނުޖައްސަވާތީ އެވެ. ދުޢާނުކުރިޔަސް ބޭނުންހާ އެއްޗެއް ލިބިފައިވެ އެވެ. ދީނުގައި ނަހީކުރައްވާފައިވާ ހުރިހާކަމެއް އަރްސަންވެސް ކުރި އެވެ. ކެއުމުގައި ހަލާލު އެއްޗެހި މުހިއްމެއްނޫނެވެ. މިއުޒިކާއި އަގުބޮޑު ވައިންތަކާއި ރީތި އަންހެންކުދިން އޭނަގެ ޚިދުމަތުގަ އެވެ. ނަމަވެސް އަންހެންކުދިންގެ ތެރެއިން އޭނަ ބޭނުންވީ ހަމައެކަނި އަދާއެވެ. އެކުއްޖާއަކީ އޭނަގެ މިލްކެކެވެ.

ގޮނޑުދޮށުގައި އިރުއޮއްސުނު ވަގުތު އޭނަ އަރްސަންއާ އެކު ނެގި ފޮޓޯއެއް އޭނަ އިންސްޓާކޮށްލުމާ އެކު ގަޑިއެއްގެ ތެރޭ އެތައް ހާސް ލައިކެއް ލިބުނެވެ. އައިސްބްލޫ ޖިންސަކާއި ރީދޫކުލައިގެ ބޮޑީސޫޓަކާ އެކު ބޭރުންލާފައި ހުރި ތުނި ކާޑިގަންގެ ސަބަބުން އޭނަ މޮޑެލްއެއްފަދަ އެވެ.

"ފޮޓޯތައް ލީމަ މީރާ މަތިން ހަނދާންވޭ. މީރާ އެންމެ ގިނަ ފޮޓޯތައް ލީ ކުއްޖަކަށްވާނީ....." އަދާ އަރްސަންއަށް އެ ފޮޓޯ ދެއްކި އެވެ.

"ބިއުޓިފުލް...."

"މާދަން ދައުވަތެއް ލިބިއްޖެ ޑިނާއަކަށް."

"ސޯ ދަތުރު ކުރުކޮށްލަން ޖެހުނީ. އެކަމަކު އިޓްސް އޯކޭ.... " އަރްސަން ހުރީ ހަމަޖެހިފަ އެވެ. އަދާގެ ކޮންމެ އެދުމަކަށް ދުވަހަކު ވެސް ނޫނެކޭ ބުނާ ޒާތުގެ ލޯބިވެރިއެއް ނޫނެވެ.

"އައިމް ސޮރީ ބޭބީ. މިވެސް ވަރަށް މުހިއްމު. މިންކު އާއެކު ހޮޓެލް ސްކައިއަށް. ވަރަށް ދުވަސްވެއްޖެ އެގޮތަށް ގެއިން ބޭރަށް ނުދެވި. ބައިވަރު ވާހަކަ ދައްކަން އެބަހުރި. މީރާ އަކީ މިންކްގެ ސިސް އެކަމަކު ސިބްލިން ރައިވަލްރީ ބޮޑުވެފައި އޮންނަ ވަރުން ބޯ ހަލާކު. އަސްލު ފާހަގަކުރެވޭ. މިންކުމެންގެ މަންމަ ވަރަށް ތަފާތުކުރޭ. މިންކް މީރާހާ ރީތި ނުވީމަ މިންކް ބާކީވެ މީރާއާއި ވަރަށް ބޮޑަށް ޖޭ ވީ. މީރާ މަރުވީ ވެސް ދެމީހުން ވާހަކަ ނުދައްކާތާ ދުވަސްކޮޅެއްފަހުން ކަމުގައިވަނީ. އެ ކުއްލި މަރުގެ ސަބަބުން މިންކު ވަރަށް ހާޓްބްރޭކްވެފައި. އޭނަ ގިލްޓީ ފީލްވެފައި. ސައިކޮލޮޖިސްޓަކަށް ދައްކާ ކައުންސެލިން ހޯދާ ނުކުރާކަށް ކަމެއްނެތް. އެ ސިޗުއޭޝަނުގެ ސަބަބުން ދެރަވާނެ ވަރާއި ކުރާނެ ހިތާމަ އެހެން އަދި ބުންޏަސް އިހުސާސެއް ނުކުރެވޭނެ. ކައުންސެލިން ދީ ދީވެސް ހާލަތު ބަދަލެއްނުވޭ. ބައެއްފަހަރު ހީވޭ ބެސްޓީއަށް ވިޔަސް މިންކް ބައެއް ކަންތަށް ފޮރުވައިގެން ހުންނަހެން . އަދި މިގޮތަށް ބޭރަށް ދާ ފުރަތަމަ ފަހަރު ކަމަށްވަނީ. ސޯ މަސްޓް ގޯ ދޯ. ޝީ ރިއަލީ ނީޑްސް އަވަ ސަޕޯޓް......................" އަދާ އަރްސަންގެ ކޮނޑުގައި ބޯ އަޅައިލި އެވެ.

އަދާގެ މައިންބަފައިންނަކީ ވެސް މުއްސަނދި މަހުޖަނުންނެވެ. އެތައް ކުންފުންޏެއް ހިންގަ އެވެ. އެމީހުން ގިނައިން އުޅެނީ ވިޔަފާރި ދަތުރުތަކުގައި ގައުމުން ބޭރުގަ އެވެ. އަދާއަށް ލިބިފައިވާ ނިއުމަތްތަކާއި މިނިވަންކަމަކީ އެ އުމުރުގެ ކުއްޖަކު އެންމެ ބޭނުންވާނެ އުފާތަކެވެ. އަދާ ބެޗެލާއިން ބިއުޓީ އެންޑް ހެއާ މެނޭޖްމެންޓް ކޯހެއް ހެދުމަށް ފަހު މިހާރު ދެކޭ ހުވަފެނަކީ ގައުމުގައި ނެތްވަރުގެ ބިއުޓީ ސެލޫންއަކާއި ސްޕާއެއް ހުޅުވުމެވެ. ޖިމެއް ހުޅުވުންވެސް އޭގެތެރޭ ހިމެނެ އެވެ. ސިއްހަތު ރަނގަޅު ފިޓް ކުއްޖަކަށްވާން އަދާ ނުކުރާކަށް ކަމެއްނެތެވެ. ނިދުމާއި ކެއުމަށްވެސް އެހާ ސަމާލުކަން ދެ އެވެ. ގަވާއިދުން ޖިމްގައި ކަސްރަތު އަދި ޔޯގާ ހެދުމުގެ ސަބަބުން އަދާއަށް ލިބިފައިވާފަދަ ރީތި ހަށިގަނޑެއް ލިބުމަށް ކޮންމެ އަންހެންކުއްޖަކު އެދޭނެއެވެ.

***

މާލެއިން ކަރަންޓްގެ ޚިދުމަތް ކެނޑިފައި އޮތް ވަގުތެކެވެ. މުޅި މާލެ އަނދިރިކަމުގެ ތެރެއަށް ގެނބުނުއިރު ޖިބްރީލް ގޭގެ ޓެރެސްގައި އެކަނިމާ އެކަނި ކޮފީއަކަށް އިންސާފުކުރުމުގަ އެވެ. އަނދިރިކަން ފެތުރުމުން ގުދުރަތީ ރީތިކަން ބޮޑަށް ފެންނާންފެށި އެވެ. އެތައް ސަތޭކަ ތަރިތަކުން އުޑުމަތި ވިދާބަބުޅައެވެ. އޮރެންޖް ނޫ އަދި ރީދޫތަރިތަކެވެ. ބައެއް ތަރިތައް ފިޔަޖަހަ އެވެ. ކޮންފަދަ ރީތި މަންޒަރެއް ހެއްޔެވެ؟ ހިތާމައިގެ ކަނޑަކަށް ގެނބިފައި ވިޔަސް އެ މަންޒަރުން ޖިބްރީލްގެ ހިތަށް އިރުކޮޅަކަށް ނަމަވެސް ފިނިވާގޮތްވި އެވެ.

"ހޭއި ބްރޯ......" އަނދިރީގެ ތެރެއިން އަރްސަންގެ އަޑު އައެވެ.

"ކަރަންޓު ނެތް ދޯ..."

"އިމަޖެންސީ ލައިޓްތައް އެބައޮތް. ހޫނުވާން ހެދީމަ މި ނުކުތީ. ހަހަ. ދޮގެއް އޭސީގެ ފިނިކަން ހުންނާނެތާ އެކަމަކު ހަމަ ތަރިތައް ބަލައިލަންވެގެން. އައި އިންވައިޓެޑް......ހާރ......" އަރްސަން ހީލި އެވެ. އެމާނަކުރީ އޭނަގެ ލޯބިވެރިޔާ އަދާކަން ޖިބްރީލްއަށް މާ ރަނގަޅަށް ވެސް އެނގޭނެ އެވެ.

"ރީތިކޮށް ތިބުނީ މިތަނުން ދާށޭ ދޯ.." ޖިބްރީލް ހީގަތެވެ.

"ނޮޓް ރިއަލީ. ދޮންބެ އިނަސް އަހަރެމެންނަށް ތަރިތައް ގުނިދާނެ . އެކަމަކު. ކީއްވެ އެކަނި؟ އެކަނި ކޮފީ ބޯން. ދެން ކަމެއް ނުވެއޭ ނުބުނައްޗޭ. އައި ނޯ ސަމްތިން އިޒް ރޯންގް ޕްލީޒް ޝެއާ.....އިޒް އިޓް އެ ގާލް...............ނޫނީ ކުކީގެ މައްސަލަތަ؟ " އަރްސަން ޖިބްރީލް ގާތުގައި ސޯފާގައި އިށީނެވެ. ޓެރެސްގައި އިންދާފައިވާ މާގަސްތަކުގެ ލުއި ވަހަށް ވުރެ ކޮފީގެ ވަސްގަދަ އެވެ. އަރްސަން އެ ކޮފީތަށިން ކޯވަރެއް ދަމައިލި އެވެ. ޖިބްރީލްގެ ތަނަވަސް މޭގައި ބޯ ޖައްސަމުން އަރާމުކޮށްލަން އިނެވެ. މައިމޫންގެ ހަތަރު ދަރިންގެ މެދުގައި އާދަޔާ ޚިލާފު ލޯތްބަކާއި ގާތްކަމެއް އޮވެ އެވެ.

"ސޭމް.. ކަރަންޓު މައްސަލާގައި ވެސް ބުނާނެ ބައްޕަގެ ނާގާބިލުކަމޭ ދޯ....ހެހެ" ޖިބްރީލް ދެއްކީ އެހެން ވާހަކައެކެވެ.

"ރައީސްއެއް ވެއްޖެއްޔާ ގަޓު ހުންނާނެ. އެންމެން ބޭނުންވާ ގޮތަކަށް ވެރިކަމެއް ނުކުރެވޭނެ. އެކަމަކު އަހަރެމެންގެ ބައްޕައަކީ ގައުމުގެ ކައްޕިތާނު. ހުންގާނުގައި ހުރި މީހާ ބޭނުންވާ މަންޒިލަކަށް ގެންދާނެ. ހީ ވިލް ޓޭކް އަސް ޓު އަ ގްރޭޓް ޕްލޭސް. ކުކީ ޓްވިޓާ އަދި އެފްބީ ޑީ އެކްޓިވޭޓްކޮށްފި....." އަރްސަން ބުނެދިނެވެ.

"އައި ނޯ......." ޖިބްރީލް ހީލި އެވެ.

"ހީޒް އެ ގުޑް ކިޑް. އަހަރެމެން ލޯބިން ބުލީ ކުރިޔަސް ބަސްއަހާ ކޮއްކޮ. ވީއިރު ދޮންބެ އޭނައާ މެދު ނުވިސްނާ. ސޯ ގާލްފްރެންޑްގެ މައްސަލަތަ؟ " އަރްސަން އަށް ޔަގީންވި އެވެ.

"ޔަޕް.....އޭނަ ރުޅިވީ. ނޮޓް އެކްޒެކްޓްލީ. އޭނަގެ އާއިލާއިން މަޖުބޫރުކުރީ. ސަބަބެއްކަމަށް ދެއްކީ އަހަރެންގެ ހަގިގަތާ މެދު ޝައްކުވުން. އައިޑީކާޑުގައި ބައްޕަގެ ނަން ނެތުން. މިގޭ އެހެން ކުދިންނާ ޚިލާފަށް ފަހަތަށް އަހުމަދު މައިމޫން ނެތީމަ. އިޓްސް އޯކޭ. އައި ވިލް ގެޓް އޯވާ އިޓް އިން ނޯ ޓައިމް............" ޖިބްރީލްގެ އަޑުގައި މަޑުމޮޅިކަމެއްވި އެވެ.

"ހީކުރިވަރަށް ވުރެ ސީރިޔަސް ދޯ. ސައުންޑްސް ލައިކް ޝީޒް ޔޯ އެވްރީތިން އެކަމަކު ދޮންބެ މަންމަމެން ގާތު ދުވަހަކު ވެސް އޭނަގެ ވާހަކައެއް ނުދައްކާ. ވީ ޑޯންޓް އީވެން ނޯ ހާ ނޭމް ޔަގީނުން ވެސް އަހަންނަކަށް ނޭގޭ. ޑޯންޓް ޓެލް މީ އެވްރީވަން އެލްސް ނޯ އޭ......." އަރްސަން ދެއަތްތިލަ ގުޅުވާލައިގެން ޖިބްރީލްގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

"ނޫނޭ ހަމަ އެކަކަށް ވެސް އަދި ނޭގޭނެ.." ޖިބްރީލް ބުނެލިއެވެ.

"ކިހާ ދުވަހެއްވާންދެން އާ ޔޫ ގޮއިންގް ޓު ކީޕް އަސް އޯލް އިން ދަ ޑާކް؟" އަރްސަން އެހި އެވެ.

"އަހަރެން އޭނަދެކެ ލައިކްވި ހިސާބުން ފެށިގެން ވެސް އެނގުނު އޭތި ވޯކް އައުޓް ނުކުރާނެކަން............." ޖިބްރީލްގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ." އެއްވެސް މީހެއްގެ ގާތު ނުކީ އެހެންވެ. ބިކޯޒް އިޓްސް އިމްޕޮސިބްލް ފޯ ހާ ޓުބީ ވިތް ސަމްވަން ލައިކް މީ. ހާރ ފެމިލީ ވޯންޓް ލެޓް ހާ...."

ބައްޕައަކު ނެތި ދުނިޔެއަށް އައުމަކީ ދަރިންގެ ކުށެއް ނޫނެވެ. މައިންބަފައިން ކުރި ފާފައެއްގެ ޒިންމާ އެކުދިން އުފުލާކަށް ނުޖެހޭނެ އެވެ. އޭނަ ނަހަލާލު ދަރިއަކަށް ވިޔަސް އެހެން ކުދިންނާ ބަލާ އިރު ތަފާތީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް ތަފާތު މިހާރު ފެންނާން ފަށައިފި އެވެ. އަންހެންކުއްޖަކު ދެކެ ލޯބިވެވުނު ހިސާބުން މިއޮތީ މައްސަލަ ޖެހިފަ އެވެ.

"ހުރިހާ ޕޭރެންޓުންނެއް އެއް ގޮތެއް ނުވާނެ. އެނޫނަސް އަންހެންކުދިން އެބަތިބި...." އަރްސަން ރުޅި އަންނަގޮތްވި އެވެ.

"ސޭމްއަށް އަދާއާއިމެދު ހަމަ ތިހެން ބުނެވޭނެތަ؟"

"ނޫން...." އަރްސަން ވިސްނައިލި އެވެ.

"ލޯބިވަންޏާ ދުވަހަކު ހިތުން ނުފިލާނެ ދޯ. އެނޫން އަންހެންކުދިން އެބަތިއްބޭ ނުބުނާނެ ދޯ. އަހަންނަށް ހީވަނީ ކާފައައި މާމަ އަދި ބައްޕައާއި މަންމަގެ އެއޮތް ފަދަ ތެދުވެރި ލޯބިން އަހަރެމެން ވެސް އިންސްޕަޔާވީހެން. ބޭނުންހާ އަންހެންކުދިން ލިބެން އޮތްއިރު ވެސް އެންމެނަށް ލޯބިން އެކަކާއި ރައްޓެހިވެގެން އުޅެން އެބަ އެނގޭ. ޒިން ވެސް ދުވަހަކު މީރާގެ މަތިން ހަދާނެއް ނުނެތޭނެ. ސޭމް ވެސް ހަމަ އަދާ އަށްޓަކައި ހުންނާނީ. އިޓްސް ދަ ސޭމް ފޯ މީ. ހިތަށް އަރާއިރަށް ކާންޓް ފޮގެޓް ހާ....." ޖިބްރީލްގެ އިހުސާސްތައް އަރްސަންއާއި ހިއްސާކޮށްލުމުން ހިތަށް ލުޔެއް ލިބުނެވެ.

އަރްސަން އެކަމާ ބެހޭ ގޮތުން ވާހަކަދައްކަން އިންދާ އަދާ އައެވެ. އޭރު ވެސް އިންޖީނަށް ދިމާވި މައްސަލަ ހައްލެއް ނުވެ އެވެ. އިރުކޮޅެއްވާންދެން އަރްސަންއާއި އަދާއާ ވާހަކަދައްކަން އިނދެލާފައި ޖިބްރީލް ތިރިއަށް ފޭބި އެވެ.

***

"ރާހިލް..އަނެއްކާ ފެށީތަ؟ " ޖިބްރީލް ހައިރާންވީ އާ އެކައުންޓެއް ހަދައިގެން ރާހިލް އަމިއްލަ ފޮޓޯއެއް ޖަހައިގެން ދީނާ ދެކޮޅަށް ސްޓޭޓަސްއެއް ލިޔުނީމަ އެވެ.

"އައި ސްވިއާ ދެޓްސް ނޮޓް މީ. މިބުނީ ތީ ފޭކް އެކައުންޓެއް....." ރާހިލް ވަގުތުން ދެކޮޅުހެދި އެވެ.

"މި ވާނީ އެކްސްޓްރީމިސްޓުން ކޮއްކޮގެ އަގު ވައްޓާލަންވެގެން ކުރާ ކަމަކަށް.. އެންމެ ހެއްވައީ ކޮއްކޮ ކަމުގައި ހީކޮށް އެތައް ބަޔަކު އެޑްވެއްޖެ މިއަކަށް.........." ޖިބްރީލް ވިސްނީ ރާހިލް މި ކުޅިގަނޑާ ދުރުކުރާނެ ގޮތެކެވެ. މިކަމުގެ އަޑީގައި ތިބީ ނުބައި ބަޔެއްކަމާ މެދު އޭނަ ޝައްކެއް ނުކުރެ އެވެ. ރާހިލްއާއި ޖައްސާލައިގެން އެކުއްޖާއަށް ޖެއްސުންކުރަން ތަފާތު އުކުޅުތައް ބޭނުންކުރަން ފެށީ އެވެ. ރާހިލްގެ މިޒާޖު ހުންނަ ގޮތުން އޭނަ އެކަމާ ބޯ ގޮއްވައިގެނެއް ނޫޅެ އެވެ. އުނދަގޫ ވަނީ އޭނަގެ އާއިލާއަށެވެ. އޭނަ އެފްބީއާއި ޓްވިޓާ ޑީއެކްޓިވޭޓްކުރީ މައިންބަފައިންނާއި ދޮންބެގެ ބަސް ގަބޫލުކުރުމަށެވެ. އޭނައަށް އުނދަގޫވެގެނެއް ނޫނެވެ. މީހުންގެ އިންޒާރުތަކަށް ވެސް އޭނަގެ ފަރުވާލެއްނެތެވެ.

***

މަހުދީގެ ކާރު "ސްކައި ހޮޓަލް"ގެ ޕާކިން ޒޯނުގައި މަޑުކޮށްލި އެވެ. އެ ކާރުން ފޭބީ މިންކާއެވެ. ކަޅުކުލައިގެ އޯވާސައިޒް ޓީޝާޓަކާ އެކު ޖިންސެއް ލައިގެން ހުރިއިރު ލުއި މޭކަޕެކެވެ. އިސްތަށިގަނޑު އޮތީ ވޫލްކޮޅަކުން އައްސާލަފަ އެވެ. އަދި ވެސް މިންކާ އެހެރީ ހިތާމައިގަ އެވެ.

އަދާ މިންކާގެ ގައިގާ ބައްދައިލި އެވެ.

ދެކުދިން އެސްކެލޭޓާއިން އަރައިގެން ގޮސް އެންމެ މަތީ ފްލޯގައި ހުރި ރެސްޓޯރެންޓުގެ އޭސީ ބަޔަށް ވަނެވެ. އޮރެންޖް ކުލައިގެ ޗާންދަލިޔާތަކުގެ ހިތްގައިމު އަލިކަމާ އެކު ހަށިގަނޑަށް އެންމެ އަރާމުވާ ފަދަ ފިނި މާހައުލެކެވެ. ލުއި މިއުޒިކެކެވެ. އެންމެންގެ ލޯތައް އާދައިގެ މަތިން އަދާއަށް ހުއްޓުނެވެ. މިންކާ އެކުވެރިޔާއާ މެދު ފަޚުރުވެރިވި ނަމަވެސް އެކީގައި އުޅެން ލަދުގަންނަ އެންމެ ބޮޑު ސަބަބަކީ އަދާއާ އެކު އުޅެންޏާ އޭނަ ހަންޑިއެއްފަދައިން "އިންވިޒިބްލް"ވުމެވެ. ފިރިހެނުންގެ ހުރިހާ ސަމާލުކަމެއް އަދާ އަތުލައިގަނެ އެވެ. ހީލްއަކަށް އެރިޔަސް އަދާގެ ހެޔޮވަރަކަށް ރީތި އިސްކޮޅާ ވާދަ ނުކުރެވެ އެވެ. އަދި ނުކައި ނުބޮއި ބަނޑަށް ހުއްޓަސް އޭނަ އަމިއްލައަށް ސިފަވަނީ "ޗަސް"ގަނޑެއްހެންނެވެ.

ދެކުދިން މެނޫއަށް ބަލާލާފައި ސީފުޑަށް އޯޑަރުކުރި އެވެ.

"އެނގޭތަ؟ ވަރަށް ދުވަސްކޮށްލާފައި މިއަދު ސްޓޯރީ ލިޔަންފެށީ. ސޭމްއާއި ދެމީހުން އުޅޭލެއް ލޯބިކަމުން މަގޭ ވާހަކައަށް މިދެމީހުން ލާ ހިތްވަނީ..." މިންކާ ކުޑަކޮށް ހީލި އެވެ. މިންކާ ވަޓްޕެޑްއަށް އިޝްގީ ވާހަކަތައް ލިޔެ މަޝްހޫރުކަން ހޯދާފައިވެ އެވެ. އެވާހަކަތަކަށް މިލިއަން ވިއުސް ލިބި ކޮމެންޓްތައް އަންނަވަރުން އޭނަ ހިތްހަމަޖެހެ އެވެ. އެ ސިއްރު އެނގެނީ ހަމައެކަނި އަދާ އަށެވެ. ބައިނަލް އަގުވާމީ މަޝްހޫރު ވާހަކަ ލިޔުންތެރިއަކަށް ވުމަކީ ވެސް އޭނަގެ ހުވަފެންތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ކަމެކެވެ.

"ސޭމްގެ ރޮމެންޓިކް ކޮންވަޒޭޝަންކޮޅުތައް ޕްރައިވެޓްކަމުން އެ ލިޔާހިތެއް ނުވޭ. ސޭމްއަކީ ވަރަށް ޕާސަނަލް ޗެޕްޓާއެއްނު ހެހެހ. އެހެންނޫން ނަމަ އަހަރެމެންގެ ބެޑްރޫމް ސީންތައް ވެސް ކިޔާދޭނަން. އެހާ ރޮމެންޓިކް ކިއުޓް ސީންތަކެއް ރައިޓާއަކަށް ނުލިޔެވޭނެ އިނގޭ............." އަދާ ހޭންފެށި އެވެ. ރަން ކުލަ އަރާ އޮމާން މޫނުގައި އެންމެ ކަޅުތިލައެއް ހިސާބުވެސް ނެތެވެ. އެހާ ސާފެވެ. ރީތިވުމާއި ސިއްހަތާ ހެދި މޮޔަވާ ކުއްޖެއްކަން އޭނަގެ ރީތިސިފަތަކުން ވެސް ސާބިތުކޮށްދެ އެވެ.

މިންކާ ހިންދިރުވައިލި އެެވެ. ލޮލަށް ކަރުނަ ނައީ ކިރިޔާ އެވެ. އޭނަ ވެސް އޭނަދެކެ އެހާ ލޯބިވާނެ ރީތި ބައިވެރިޔަކަށް އިންތިޒާރުކުރެ އެވެ. ނަމަވެސް އަދި ވެސް އެހުވަފެން ދުވަހަކު ފުރިހަމަވާނެކަމެއް ނޭނގެ އެވެ. ހަމައެކަނި މުއްސަނދި ކަމަށްޓަކާ އޭނަގެ ހަޔާތަށް އަޔަސް އެމީހަކަށް ޖާގަދޭހިތެއްނުވެ އެވެ.

"މިރޭ މިގެނައީ ވަރަށް އެހެން ކަހަލަ ވާހަކައެއް ބުނަންވެގެން. މިފަދަ ވާހަކައެއް ބުނަން ޖެހޭ އެންމެ ފަހު މީހާކަން ނޭގޭ އެކަމަކު..." މިންކާ ތުންފަތުގައި ދަތް އަޅައިލި އެވެ.

"ޓެލް މީ..." އަދާގެ ހިތް ނުބައިގޮތަކަށް ތެޅިލި އެވެ. އަނެއްކާ މިންކާ ވެސް އަރްސަންއައި ހެދި އުޅެނީ ހެއްޔެވެ. އެހެނެއް ނުވާނެއެވެ. ހިތަށް އަރުވަން ވެސް ނުބައި ވިސްނުމެކެވެ. އޭނަގެ އެންމެ ގާތް އެކުވެރިޔާ އަރްސަންއަށް އެފަދަ ނަޒަރަކުން ބަލައިލާން ހިތަށް ވެސް ނާރުވާނެ އެވެ. ފަހަރެއްގައި އަދި ލޯބި ވެވުނަސް އޭނަ ފުރާނަ ވެސް ގުރުބާންކޮށްފާނެ އެވެ.

comment ކޮމެންޓް