ޕެޑާއި ޓެމްޕޯންސް ހިލޭ ދިނުމަށް ސްކޮޓްލޭންޑުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

ސްކޮޓްލޭންޑުގެ ހުރިހާ އަންހެނުންނަށް ސެނިޓަރީ އުފެއްދުންތައް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސް ކޮށްފި އެވެ.

އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވަނީ ކަނޑައަޅާ ވަކި ކޮމިޔުނިޓީ ސަރަހައްދުތަކެއްގައްޔާއި އާންމު ތަންތަނުގައި ފަސޭހަކަމާއެކު ލިބޭނެ ގޮތަކަށް ސެނިޓަރީ ނެޕްކިންސް އަދި ޓެމްޕޯންސް ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ.

މީގެ އިތުރުން ޔޫތު ކްލަބް ތަކާއި ފާމަސީތަކުންވެސް ހިލޭ ޓެމްޕޯންސް އަދި ސެނިޓަރީ ނެޕްކިންސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. މިއާއެކު، މި ކަމަށް އަހަރަކު 31.2 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މައްސަރު ދުވަސްވަރު ބޭނުންކުރާ އުފެއްދުންތައް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސްކޮޓްލޭންޑުގެ ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސްކޮށްފައިވާއިރު އެ ގައުމަކީ މިފަދަ ބިލެއް ފާސްކޮށް އަމަލު ކުރަންފަށާ ފުރަތަމަ ގައުމެވެ.

މި ބިލު ހުށަހެޅުއްވި މެންބަރު މޮނިކާ ލެނަން ވިދާޅުވީ މިއީ ސްކޮޓްލޭންޑުގައި މިންތީގެ ހަމަހަމަކަން ގާއިމު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އިސްކަންދޭކަން ދޭހަވާ ކަމެއް ކަމަށެވެ.

ގާނޫނު ހަދާ މަޖިލީހުގެ އެހެން މެންބަރަކު ވިދާޅުވީ ޓޮއިލެޓް ޕޭޕާ ފަދަ ތަކެތި ފަސޭހައިން ލިބެން ހުންނައިރު، ތޮބީއީގޮތުން އަންހެނުންގެ ހަށިގަނޑައަށް އަންނަ ބަދަލަކާ ގުޅިގެން ޒަރޫރީގޮތުން ބޭނުން ކުރަންޖެހޭ އުފެއްދުންތައް ފަސޭހަކަމާއެކު ލިބެން ހުރުމަކީ މާ މުހިއްމު ކަމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ސްކޮޓްލޭންޑުގެ ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތަކުގައިވެސް ހިލޭ ސެނިޓަރީ ނެޕްކިންސް ލިބޭނެ އިންތިޒާމު ހަމަޖެއްސި އެވެ.

comment ކޮމެންޓް