އުރީދޫ އޭޖީއެމްގައި ބައިވެރިވާން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ދަރުބާރުގޭގައި މީގެ ކުރިން ބޭއްވުނު އުރީދޫގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހުގެ ދެވަނަ ދުވަހުގެރޭ ކުރުނބާ މޯލްޑިވްސްގައި ބާއްވަން ނިންމާފައިވާ އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އެދޭ ހިއްސާދާރުން ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އުރީދޫ އިން ބުނީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިމަހުގެ 29 ވަނަ ދުވަހުގެރޭގެ 8:30 ގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން ޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފޯމު އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ ޕްރޮކްސީ ފޯމު ފުރުއްވުމަށްފަހު މި މުއްދަތުގެ ކުރިން ހުށަހެޅުމަށް އުރީދޫ އިން އެދެއެވެ.

އަދި، ހުށަހަޅާފައިވާ ޕްރޮކްސީ ކެންސަލް ކުރައްވަން ބޭނުންނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުމަށްވެސް އުރީދޫ އިން އެދެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރި ވެވޭނީ އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ ރޭގަނޑު 20:00 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް އުރީދޫ އިން ބުންޏެވެ.

އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ދެވޭނެއެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުމާޗު ދެވަނަ ދުވަހުގެ ރޭގަނޑު 7.30 އާއި 8.30 އާ ދެމެދު ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ގޮސް ރެޖިސްޓްރީ ކުރުމަށް އުރީދޫ އިން އެދެއެވެ.

އުރީދޫ އިން ވަނީ އެކުންފުންޏަށް މިދިޔައަހަރު ލިބުނު ފައިދާގެ ތެރެއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.30 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށް ނިންމައިފައެވެ.

އުރީދޫގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ޖުމުލަ އާމްދަނީއަކީ އޭގެ ކުރީ އަހަރުގެ އާމްދަނީއާ އަޅާބަލާއިރު 5.4 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 588.6 މިލިއަން ރުފިޔާ އުރީދޫއަށް ލިބުނުއިރު، މިއީ އޭގެ ކުރީ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު 525.7 މިލިއަން ރުފިޔާއަށްވުރެ 11.9 ޕަސެންޓް އިތުރު އަދަދެކެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ކުރުނބާ އަށް ދާ ފަރާތްތަކަށް އުރީދޫ އިން ދަތުރު ހަމަޖައްސައިދޭނެއެވެ.

ދަތުރުތައް ހަމަޖެހިފައިވާ ގަޑިތަކަކީ މާޗު ދޭތްވާ ހޯމަ ދުވަހުގެ ރޭގަނޑު 7:00، 7:15 އަދި 7:30 ގައެވެ. އުރީދޫ އިން ވަނީ ދަތުރުތައް ހަމަޖެހިފައިވާ ގަޑިއަށް ހިއްސާދާރުން ސަމާލުވުމަށް އެދިފައެވެ.

ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި 2005 ވަނަ އަހަރު މޯބައިލް ފޯނުގެ ހިދުމަތް ދޭންފެށި ގަތަރުގެ ކުންފުނިން ރާއްޖޭގައި ހިއްސާ ވިއްކައި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރީ 2016 ވަނަ އަހަރު އެވެ.

އެ ކުންފުނީގެ ހިއްސާގެ ތެރެއިން 90.5 ޕަސަންޓު ކޮންޓްރޯލުކުރަނީ ވަތަނިއްޔާ އިންޓަނޭޝަނަލުންނެވެ. އަދި ރާއްޖޭގައި އާންމުންނަށް އޮންނަނީ ކުންފުނީގެ 9.5 ޕަސަންޓު ހިއްސާ އެވެ.

comment ކޮމެންޓް