އިތުރު ދެ މައްސަލައެއްގައި މާދަމާ ޔާމީން ފުލުހަށް ހާޒިރު ކުރަނީ

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާދަމާ މެންދުރު 2:00 އަށް ފުލުހަށް ހާޒިރުވާން އަންގާފައިވާކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، އެމަނިކުފާނުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ޔާމީންއާ ދެކޮޅަށް ފުލުހުން އިތުރު ދެ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

އެ ދެ މައްސަލައިގެ ތަހުގީގަށް މާދަމާ މެންދުރު 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުކުރާނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ޖަމީލް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ސަރުކާރުން ޖަހާ ހާ ބެރަކަށް ނަށާތަނަކަށްވެ، ނިމިފައިވާ ކަމަށެވެ.

"ދިވެހި ގައުމަށް ގާނޫނުއަސާސީގެ ދަށުން މިނިވަން މުއައްސަސާތަކެއް ލިބޭނީ ކޮންދުވަހަކުންބާ؟" ޖަމީލް ސުވާލު އުފައްދަވާފައިވެ އެވެ.

މަނީ ލޯންޑާކުރުމުގެ ކުށުގައި މިހާރުވެސް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އެންގުމުން ޖަމީލް ފުރަތަމަ ވިދާޅުވީ ރައީސް ޔާމީންގެ އިތުރު މައްސަލަތަކެއް ބަލަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ގާނޫނީ ބުރަދަނެއް ނެތް ސިޔާސީ ދައުވާއެއްކަން އެމަނިކުފާނުގެ އިސްތިއުނާފުގެ ތެރެއިން ހާމަވުމުން ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އަހަރެއް ވީއިރު ކަމެއް ނުވެ ފެއިލްވުމުން ރައީސް ޔާމީން ދެކެ ކޯފާވާނެ ކަމެއް ނެތް. ތިކަން ނިމޭނެ،" ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ.

comment ކޮމެންޓް