ރައްޔިތުންގެ ހާލު ބެއްލެވުމަށް ނައިބު ރައީސް އުނގޫފާރުގައި

ރ. އުނގޫފާރު ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި ރަށުގެ ހާލަތު ބައްލަވައިލެއްވުމަށް ނައިބު ރައީސް ފައިސަލް ނަސީމް އުނގޫފާރަށް ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ އެރަށުގެ ކައުންސިލާ ބައްދަލު ކުރައްވައި ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ރަށުގެ ތަރައްގީއަށް ކުރަމުންދާ ބައެއް މަސައްކަތްތަކާއިބެހޭ މައުލޫމާތު ހޯއްދަވައިފަ އެވެ.

މި ބައްދަލު ކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގައި ހުރި ބައެއް ކަންބޮޑުވުންތައް ނައިބު ރައީސް އާ ހިއްސާ ކުރައްވައިފައެވެ.

އެގޮތުން ސްކޫލަށް ދިމާވެފައިވާ ދަތިތަކާއި މިސްކިތުގެ މަޝްރޫއާ ގުޅިގެން ހުރި ބައެއް ކަންބޮޑުވުންތައް ކައުންސިލުން ވަނީ ނައިބު ރައީސްއާ ހިއްސާ ކުރައްވައިފަ އެވެ.

މީގެއިތުރުން ކައުންސިލަރުން ވަނީ، އެ ރަށަށް ކުރިމަތިވެފައިވާ ރަށް ގިރުމުގެ މައްސަލައާއި ސާފު ބޯފެން ފޯރުކޮށްދޭ މިންވަރަށްވުރެ ޑިމާންޑް ބޮޑުކަން ނައިބު ރައީސްގެ ސަމާލު ކަމަށް ގެންނަވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ އެމަނިކުފާނުގެ މި ފަދަ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން އެންމެ ގާތުން ބައްލަވައި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެއްކަމަށެވެ.

އުނގޫފާރު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި މަހުގެ 20 ވަނަ ދުވަހު އަމަލުކުރާން ފަށާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި ކައުންސިލުން އިހުނަށްވުރެ ބޮޑަށް ވިސްނަވައި، އިސްކަންދެއްވައިގެން މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް ވަނީ ކައުންސިލަރުންގެ އަރިހު ދަންނަވައިފައެވެ.

މީގެ އިތުރުން އެމަނިކުފާނުވަނީ، ރަށުގެ އިޖްތިމާއީ ހަމަޖެހުން ގާއިމުކޮށް ސިއްހީ ހޭލުންތެރިކަން އިތުރުކޮށްދިނުމުގައި ކައުންސިލްގެ ދައުރު ފުރިހަމައަށް އަދާކުރެއްވުމަށް އެދިވަޑައިގަންނަވައިފަ އެވެ.

comment ކޮމެންޓް